ބަނޑުހައިހޫނު ކަމަކީ އެއްވެސް މީހަކު ބަރުދާސްތު ކުރަން ބޭނުންވާނެ އިހްސާސެއް ނޫނެވެ. އެހެންކަމުން ބަނޑުހައިހޫނުކަމުން ސަލާމަތް ވޭތޯ ކޮންމެ މީހަކުވެސް ގަދައަޅާ މަސައްކަތް ކުރެ އެވެ. އަދި ކިތަންމެ ފަގީރަސް ހުވަފެން ދުށުމަކީވެސް ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. ސަބަބަކީ ހުވަފެން ދެކޭ މީހުންނަށް ނޫނީ ހުވަފެން ހަގީގަތަކަށް ނުހެދޭނެތީ އެވެ.
ޖެބް ބަޔާވަންގެ ހަޔާތުގައި ވެސް އޭނާއަށް ހާސިލު ކުރެވުނު ހުރިހާ ކަމެއް ވެސް ހާސިލުވީ ކުޑައިރުއްސުރެ ހުވަފެންތަކެއް ދެކެމުން އައިމެވެ. އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅެމުން އައީ ކުނިގޮނޑުން ކުނި ހޮވައިގެންނެވެ. މިއަދު އޭނާގެ އަތުގައި ޑިގްރީއެއް އޮވެދާނެ ކަމަށް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟
ކުޑައިރު ކުނިގޮނޑުގައި ކުނި ހޮވަން އުޅުނުއިރު ވެސް ކިޔަވައިގެން މޮޅު މީހަކަށް ވުމަކީ ޖެބްގެ ހުވަފެނެކެވެ. ދިރިއުޅުމަކީ ކިހާ ބުރަ ކަމެއްކަން ޖެބްއަށް ދަސްވީ ކުނިގޮނޑުންނެވެ.
"އަހަރެންނާއި އަހަރެންގެ އެއްބަނޑު އެއްބަފާ ކުދިން ބޮޑެތިވީ ކުނިގޮނޑުގައި ކުނި ހޮވަން އުޅެނިކޮށް. ރި-ސައިކްލް ކުރާނެ އެއްޗިއްސާއި ހުސް ފުޅި ފަދަ އެއްޗެތި ހޮވައިގެން އަހަރެމެން ވިއްކާ ހަދަން،" ޖެބް ބުންޏެވެ.
ޖެބް ކުނިގޮނޑުން ހޮވަނީ ހަމައެކަނި މި އެއްޗިއްސެއް ނޫނެވެ. ފާސްޓް ފުޑް ޗެއިންތަކުން ބާކީވެގެން އުކާލާ ކާއެއްޗެހި ވެސް ޖެބް މެން ހޮވައިގެން ގެއަށް ގެންގޮސްގެން ކައި އުޅުނެވެ. ގެއަށް ގެންގޮސް އެ ތަކެތި އަލުން ކައްކައިގެން ކައިގެން އެތައް އަހަރެއް ޖެބް ދިރިއުޅުނެވެ. މިއީ ހުވަފެންތައް ހަގީގަތަކަށް ނުވާނެކަން ޖެބްއަށް މުޅިން ޔަގީންކުރަން މަޖްބޫރުވީ ދުވަސްކޮޅެކެވެ.
ކުޑައިރު ޖެބް ސްކޫލަށް ވެސް ދިޔަ އެވެ. ނަމަވެސް އެތަނުގައި އޭނާ ބުލީގެ ޝިކާރައަކަށް ވިއެވެ. އޭނާގެ ހާލަތު ކުދިންނަށް އެނގޭތީ އެވެ.
"ބައްޕަ އަބަދުވެސް ބުނޭ ސްކޫލަށް ދާށޭ. އަހަރެން އެލެމެންޓްރީގައި އުޅުނުއިރު ކުލާހުގެ ބައެއް ކުދިން އަހަންނަށް ވަރަށް މަލާމާތްކޮށް ބުލީކުރި. އަހަރެން ކުނިގޮނޑުގައި އުޅޭތީ އާއި ސާފުތާހިރުކަން ކުޑަވީމަ. އަހަރެން އިންޓަވަލް އަށް ގެންދާ ކާއެތިކޮޅު އަޅާފައި ހުންނަ ތަށީގެ މަތި ނަގާއިރަށް ވެސް ކުދިން މޫނަށް ވައްތަރު ޖައްސާފަ މަލާމަތް ކުރާނެ. އެއީ ކުނިގޮނޑުން ހޮވާފައިވާ ކާއެއްޗެހިކަން އެނގޭތީ،" ޖެބް ބުންޏެވެ.
ބުލީކުރާ ވަރުން ސްކޫލަށް ދާހިތް ނުވެފައި ހުރެ ޖެބްއަށް ސްކޫލަށް ނުދިއުމަށް ދައްކާނެ އިތުރު ބަހަނާއެއް ވެސް އެ ދުވަސްވަރު ލިބުނެވެ. އޭނާގެ ބައްޕައަށް ޓީބީ ޖެހި އެ ބަލީގައި މަރުވީ އެވެ. އޭރު ޖެބް އަށް 12 އަހަރެވެ. ބައްޕަ މަރުވިތާ މާ ގިނަ ދުވަހެއް ނުވެ މަންމަވެސް ލޭ މައްޗަށް ގޮސް މަރުވީ އެވެ.
ޖެބްގެ ނަސީބު އޭނާގެ އަތުގައި ހިފީ 2007 ވަނަ އަހަރު އެވެ. ސްވިޒަލެންޑްގެ ކުރީގެ ގާނޫނީ ވަކީލެއް ކަމަށްވާ ތޯމަސް ކެލެންބާގާގެ ޕްރައިވެޓް-އެއިޑް އޮގަނައިޒޭޝަން "އައިލެންޑް ކިޑްސް ފިލިޕީންސް ފައުންޑޭޝަން (އައިކޭޕީ) އިން ފަންޑް ދީގެން ކިޔަވައިދޭން ހަމަޖެހުނު ކުދިންގެ ތެރޭގައި ޖެބް ހިމެނުނީ އެވެ.
ޖެބް އަށް މި ފުރުސަތު ލިބުނީ އެ ދުވަހު އޭނާ ކުނިގޮނޑުގައި ކުނި ހޮވަން ހުއްޓާ ކެލެންބާ އެތަނަށް ގޮސް ޖެބް އާއި އޭނާއާއެކު ކުނިހޮވަން ތިބި ކުދިންނާ އިންޓަވިއުކޮށް އެ ކުދިންގެ ހާލަތު އޮޅުން ފިލުވުމާ ގުޅިގެންނެވެ.
އައިކޭޕީ އިން ޖެބް އަލުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނެވެ. އަދި އޭނާގެ ކިޔެވުމުގެ ހުރިހާ ޚަރަދަކާއި ހުރުމާއި ކެއުން ވެސް ހަމަޖައްސައިދިނެވެ.
"އަހަރެން ކިޔަވާހިތްވާތީ އަނެއްކާވެސް އަހަރެން ކިޔަވަން ފެށީ. އަހަރެންނަކީ ދަށް މީހެއްގެ ގޮތުގައި މީހުން ދެކޭކަށް އަހަރެން ބޭނުމެއް ނޫން،" ޖެބް ކިޔައިދިނެވެ.
އޭނާގެ ސިޓީގެ ލޯކަލް ސްކޫލަކުން އެލެމެންޓްރީ ނިންމުމަށްފަހު ޖެބް ވަނީ އޯލްޓަނޭޓިވް ލާނިން ސިސްޓަމް (އޭއެލްއެސް) ގެ އެހީގައި އޭނާ ނުކިޔަވާ ހުރި ދުވަސްތަކުގެ ކިޔެވުން ފުރިހަމަ ކޮށްފަ އެވެ. މިތަނުގައި ކިޔެވުމުގެ ތެރޭގައި ޖެބް ވަނީ އިނގިރޭސިން ވާހަކަ ދައްކާ ލިޔަން ދަސްކުރި އެވެ.
އޭއެލްއެސް އިމްތިހާނުން ފާސްވުމުން މިންޑަނާއޯ ސްޓޭޓް ޔުނިވާސިޓީ އަށް ވަންނަ އިމްތިހާނުގައި ބައިވެރިވުމަށް އައިކޭޕީ އިން ޖެބްއަށް އިރުޝާދު ދިނެވެ. ޔުނިވަސިޓީ އިމްތިހާނުން ފާސްވެ އެ ތަނަށް ވަނުމުގެ ފުރުސަތު ޖެބް އަށް ލިބުނެވެ. އޭނާއަކީ އާއްމު ތަންތަނުގައި ވާހަކަ ދެއްކުމުގެ ހުނަރު ހުރި މީހެއްކަން ޖެބްއަށް އެނގޭތީ އޭނާ ޑިގްރީއަށް ކިޔަވަން ގަސްދުކުރީ ބެޗްލާޒް އޮފް އާޓްސް އިން ސެކަންޑަރީ އެޑިޔުކޭޝަން މޭޖާ އިން އިންގްލިޝްގެ ދާއިރާ އިންނެވެ. ޓީޗަރަކަށް ވެގެން ކުދިންނަށް ކިޔަވައިދިނުމަކީ ޖެބްގެ ހުވަފެނަށް ވާތީ މިރޮނގުން ކިޔަވައިގެން އޭނާގެ ހުވަފެން ހަގީގަތަކަށް ހެދޭނެކަން ޖެބް އަށް ޔަގީނެވެ.
ނަމަވެސް ޔުނިވަސިޓީގެ ތައުލީމަކީ ޖެބް އަށް އެހާ ފަސޭހަ އެއްޗަކަށް ނުވި އެވެ. މި ކިޔެވުމުގެ ތެރޭގައި ޖެބް އަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ހުރަސްތައް ދިމާވި އެވެ. ނަމަވެސް ހިތްވަރާއެކު ވަރަށް ބުރަ މަސައްކަތް ކޮށްގެން ފުރަތަމަ ސެމިސްޓާގައި ވެސް ޑީންގެ ލިސްޓުގައި އޭނާ ހިމެނުނެވެ.
ބެޗްލާޒް ޑިގްރީ ފުރިހަމަ ކުރުމާއެކު ޖެބް އަށް އޭނާގެ އުޖާލާ މުސްތަގްބަލެއް ޔަގީންވި އެވެ. ޖެބް ގްރެޖުއޭޓްވީ ދުވަހު އޭނާއަށް ވަނީ ވަރަށް ރަނގަޅު އަގުހުރި ހަދިޔާއެއް ލިބިފަ އެވެ. ވަކިވެފައިވާ އޭނާގެ އެއްބަނޑު އެއްބަފާ ކުދިންނާ އަލުން ގުޅުމުގެ ފުރުސަތެވެ.
މިހާރު ޖެބް ތައްޔާރުވަމުންދަނީ ކިޔަވައިދޭ ޓީޗަރުން ހަދަން ޖެހޭ އިމްތިހާނަށް ތައްޔާރު ވަމުންނެވެ. މި އިމްތިހާނުން ފާސްވުމުން ޖެބް އަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.