މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތަކެއްގައި ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ދެ ބިދޭސީއަކު ފުރުވާލީ 2018 ވަަނަ އަހަރުގެ ތެރޭގައި ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ފުރުވާލި މައްސަލައެއް ބަލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ނޭޝަނަލް އިންޓެގްރެޓޭޝަން ކޮމިޝަން (އެންއައިސީ) ގައި މިއަދު ވަނީ އެދިފައެވެ. ޕީޖީ އޮފީހުން ބުނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝަންގެ ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ދެ މީހުން ފުރަން ހުއްދަ ދީ ފުރުވާލާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކޮށްދެން އެދި އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީީ އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ހުށަހަޅާފައި ވަނީ އެ ކަމުގައި އިހުމާލުވި މުއައްސަސާއެއްގެ މައްޗަށް ތަހުގީގެއް ހިންގައި ދިނުމަށް އެދި އެވެ. ނަމަވެސް އެ ކަމުގައި އިހުމާލުވާ މުއައްސަސާއެއް ޕީޖީން ހާމައެއް ނުކުރެ އެވެ. މިއީ ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށް ޕީޖީން ތަހުގީގެއް ހިންގައިދޭން އެންއައިސީގައި އެދުނު ފުރަތަމަ ފަހަރެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މިރޭ ވިދާޅުވީ މިއީ ނޮވެންބަރު 2018 ގައި ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގައި އިމިގްރޭޝަން އޮންނާނީ ތައްޔާރަށް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ގައުމުގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކަށް އެ އޮފީހުން އިތުރަށް ފާރަވެރިވާނެ ކަމަށެވެ.