ލައިފްސްޓައިލް

ކުނި މަދުކުރަން ކާލެވޭ ޖޯޑެއްގައި ކޮފީ!

ކޮފީ ބޯލާފައި ޖޯޑު ވެސް ހަފާލައިގެން ކާލެވޭނަމަ ކުރެވޭނީ ކޮން ކަހަލަ އިހްސާސެއް ހެއްޔެވެ؟ ފުރަތަމަ މި ވާހަކަ އަޑުއިވޭއިރު މިއީ އެހާ ކާހިތްވާ އެއްޗަކަށް ނުވެދާނެ އެވެ. ނަމަވެސް އެއާ ނިއުޒިލެންޑްގެ ފްލައިޓްތަކުން މިހާރު ދޭ މި ޚިދުމަތް ތަޖުރިބާކޮށްލުމުން ޚިޔާލު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެ އެއާލައިނުން ކާލެވޭ ކަހަލަ ތަށީގައި ކޮފީ ދޭން ފެށީ ފްލައިޓްގައި ހުންނަ ކުނި މަދުކުރުމަށެވެ. މިއީ ނިއުޒިލެންޑް އެއާ އިން މިފަދަ ތިމާވެއްޓާ ރައްޓެހި ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެ އެއާލައިނުން ވަނީ ބައޯ-ޑިގްރޭޑެބަލް ޖޯޑު ބޭނުން ކުރަން ފަށާފަ އެވެ.

މިފަހަރު މި ތައާރަފުކުރާ ކާލެވޭ ގޮތަށް އުފައްދާފައިވާ ތައްޓަކީ ނިއުޒިލެންޑްގެ ކުންފުންޏަކުން ޚާއްސަކޮށް މި އެއާލައިނަށް އުފައްދާ އެއްޗެއް ކަމަށް ސީއެންއެން ޓްރެވަލްގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ. ނިއުޒިލެންޑް އެއާއިން މި އުފައްދާ ޖޯޑުތަކުގައި ހުންނަނީ ވެނީލާ ރަހަ އެވެ. އަދި ކޮފީ ކަހަލަ ހޫނު ދިޔާ އެއްޗެހި އެޅިޔަސް މި ތަށިތައް ވިރިގެން ނުދާނެ އެވެ.

މި އެއާލައިންގެ ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖަރު ނިކީ ޗާވޭ ސީއެންއެން އަށް ވިދާޅުވި ގޮތުގައި ނިއުޒިލެންޑް އެއާގެ ފްލައިޓްތަކުން ކޮންމެ އަހަރަކު އަށް މިލިއަނަށް ވުރެ ގިނަ ޖޯޑުގައި ޕެސެންޖަރުންނަށް ކޮފީ ދެއެވެ. އަދި ޓެސްޓްކުރުމުގެ ގޮތުން ފެށި ޕްރޮޖެކްޓަށް އެއާލައިނުން ދަތުރުކުރާ މީހުން ދިން ފީޑްބެކާއި ތަރުހީބު ވަރަށް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
މި ޖޯޑުތައް ތައްޔާރުކުރަނީ ޓްވައިސް ކިޔާ ކުންފުންޏަކާއި ނިއުޒިލެންޑް އެއާގެ ޕާޓްނަޝިޕެއްގެ ދަށުންނެވެ.

ޓްވައިސްގެ ކޯ-ފައުންޑާ ޖެމީ ކޭޝްމޯ ބުނި ގޮތުގައި އެ ކުންފުނިން މިހާރު ގެންދަނީ ފުޅާ ދާއިރާއެއްގައި މިފަދަ ކެއިން ބުއިމުގައި ބޭނުންކުރާ ތަކެތި އުފައްދަން ތައްޔާރު ވަމުންނެވެ. އެގޮތުން އުފައްދާ ތަކެތީގެ ތެރޭގައި ކާލެވޭ ގޮތަށް ހުންނަ ތައްޓާއި ބޯތަށި ފަދަ ތަކެތި ހިމެނެ އެވެ.