ވޯލްވާހެމްޓަން ވޮންޑާސް (ވޯލްވްސް) ގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިނގިރޭސި ޕްރިމިއާ ލީގްގެ އެއްވެސް މެޗަކުން ބަލި ނުވެ ސީޒަންގެ ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލައިފި އެވެ.
ލިވަޕޫލް މެޗުން މޮޅުވީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީން ސުވާލު އުފެދޭ ކަހަލަ ނިންމުންތަކަކާ އެކު އެވެ.
ލިވަޕޫލްގެ ލަނޑު 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެޑިއޯ މާނޭ އެވެ. އޭނާ ލަނޑު ޖެހީ އެޑަމް ލަލާނާ ދިން ފުރުސަތަކުންނެވެ. އެ ލަނޑު ޖެހުމުން މެޗުގެ ރެފްރީ އެންތޮނީ ޓެއިލާ ފުރަތަމަ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ އެ ހަމަލާގެ ބިއުލްޑް އަޕްގައި އެޑަމް ލަލާނާގެ އަތުގައި ބޯޅައިން ޖެހުނު ކަމަށް ބަލަ އެވެ.
ސުވާލު އުފެދުމުން މައްސަލަ ދިޔައީ ވީއޭއާރް އާ ހަމައަށެވެ. ވީއޭއާރުން ދެއްކީ ލަލާނާ ބޯޅަ ދިނީ އޭނާގެ އަތުން ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ކޮނޑުން ކަމަށެވެ. މައްސަލަ ނިންމައި ލިވަޕޫލް ކޮޅަށް ނަތީޖާ ބުރަވި އެވެ.
ހުރިހާ ސުވާލަކަށް އެވަރުންވެސް ޖަވާބެއް ނުހޯދުނެވެ. ޓީމުގެ ޑިފެންސުން ވާޖިލް ވެންޑައިކްމ އެޑަލް ލަލާނާ އަށް އެ ބޯޅަ ދޫކޮށްލިއިރު ވެންޑައިކްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ސުވާލު އުފެދެ އެވެ.
ފުރަތަމަ ހާފުގެ އިންޖަރީ ޓައިމްގައި ވޯލްވްސްގެ ޕެޑްރޯ ނެޓޯ ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅަ ޓޭލާ ފުރަތަމަ ނިންމީ ސައްހަ ގޯލެއް ކަމަށެވެ. ވީއޭއާރުން ދެއްކީ ނެޓޯއަށް ބޯޅަ ތަނަވަސްކޮށްދިން ޖޯނީ އޮފްސައިޑްގައި ހުރި ކަމަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވޯލްވްސްގެ ކެޕްޓަން ކޯނާ ކޯޑީ ބުނީ، ވީއޭއާރުން މައްސަލަތަކައް ހައްލު ގެނެސްދޭނެ ކަމަށް ބެލެވުނު ނަމަވެސް ވީއެއާރު މެދުވެރިކޮށް މެޗުގައި ނިންމައިފައި ހުރި ނިންމުންތަކަކީ އެއްވެސް ތާކުންތާކުޖެހޭ ނިންމުންތަކެއް ނޫން ކަމަށެވެ.
ރޭ ޝެފީލްޑް ޔުނައިޓަޑްގެ މައްޗަށް ކާމިޔާބު ހޯދައި، މެންޗެސްޓާ ސިޓީވެސް ވަނީ އަލުން މޮޅުވުމުގެ ރޭހަށް އައިސްފަ އެވެ. މިދިޔަ މިދިޔަ ހުކުރު ދުވަހުގެ ރޭ ވޯލްވްސް އާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވީ 3-2 ންނެވެ.
ރޭ ގެ މެޗު ސިޓީ މޮޅުވީ 2-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އާއި ކެވިން ޑި ބްރޭނޭ އެވެ.