ދަ ގްރާންޑޭއިން ކުރިގައި އޮވެގެން މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ޔުނައިޓެޑް ވިކްޓަރީން ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުން މެޗު 1-1 ން އެއްވަރު ވެގެން ނިމިއްޖެ އެވެ.
ގައުމީ ޓީމަށް ލީގް ބުރޭކް ކުރުމަށް ފަހު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މި ދެ ޓީމުން ކުރެ ޓީމަކަށް މޮޅެއް ހޯދިފަ އެއް ނުވެ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ދެ ޓީމަށް ވެސް ލިބުނީ ދެ ޕޮއިންޓެވެ.
ފުރަތަމަ ބުރުގައި ދެ ޓީމު ބައްދަލު ކުރި މެޗު ދަ ގްރާންޑޭ ކާމިޔާބު ކުރީ 3-0 ންނެވެ. ލީގް އަލުން ފެށުނު އިރު ދަ ގްރާންޑޭވެސް ވަނީ މާލީ މައްސަލަތައް ދިމާވެ ޕްރެކްޓިސް ކުރުން ހުއްޓާލާފަ އެވެ.
ރޭގެ މެޗުގެ ލީޑް ގްރާންޑޭއިން ނެގީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 19 ވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަހްމަދު އިމާޒު (އާއްކޮ) އެވެ. އޭގެ ފަހުންވެސް ފުރުސަތުތައް ލިބުނު ނަމަވެސް އޭގެ ބޭނުމެއް ނުހިފުނެވެ.
އެންމެ ފަހުން، ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދަ ގްރާންޑޭއިން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. އެ ޓީމަށް ކުރިމަތިވި މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުކުރެވުމެވެ.
ދެ ވަނަ ހާފުގައި ޔޫވީގެ ކުޅުން ރަނގަޅު ކުރި އެވެ. އެ ޓީމުންވެސް އެޓޭކަށް ކުޅުންތެރިން އިތުރުކޮށް ގޯލެއް ޖެހުމަށް ބުރަކޮށް މަސައްކަތް ކުރި އެވެ.އެ ޓީމުގެ ލަނޑު 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސިލިޗް ކައިރްލޯ އެވެ.
މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓަޑް ވިކްޓަރީން ވަނީ ތާވަލުގެ ހަތް ވަނައަށް އަލުން އަރާފަ އެވެ. އެއީ ޕޮއިންޓްގެ ގޮތުން ނިލަންދުއާ ހަމަހަމަކޮށް ގޯލްގެ ތަފާތުންނެވެ.