އަބްދުއްރަހީމް އަބްދުﷲ

އިދިކޮޅު ބަލަހައްޓާނެ ބާޒާ، ސިންގާ އެބަތިބި: އަދުރޭ

ޕީޕީއެމް / ބެލެހެއްޓޭނެ ވަރުގެ ބާޒާއި ސިންގާ އެ ދެ ޕާޓީގައި އެބަ ތިބި ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރުގަދައަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މިރޭ ލ. މާވަށުގައި ބޭއްވި ޖަލްސާގައި ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުން ވަނީ އުމަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އުމަރަށް އެ ބޭފުޅުންގެ ފާޑުކިޔުން އަމާޒުވީ ޓީވީ ޕްރަގްރާމެއްގައި ޕީޕީއެމްއަށް މިވަގުތު ބޭނުން ވަނީ ވަރުގަދަ ބާޒެއް ކަމަށާއި އޭރުން އިދިކޮޅު މުޅިން ބަދަލުވާނެ ކަމަށް އުމަރު ވިދާޅުވުމާއި ގުޅިގެންނެވެ.

އަބްދުއްރަހީމް މިރޭ ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި މަސައްކަތް ކުރުމުގައި އިދިކޮޅު ދެ ޕާޓީ އޮންނާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭނެ މީހުން މިއަދު ތިބީ ޕީޕީއެމް / ޕީއެންސީގައި ކަމަށެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޕީޕީއެމް ނުވަތަ ޕީއެންސީއަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުން އެބަވެއޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމް / ޕީއެންސީ ބެލެހެއްޓޭ ވަރުގެ ބާޒާ، ސިންގާ ޕީޕީއެމް / ޕީއެންސީގައި އެބަ ތިއްބޭ. ރައީސް ޔާމީނަށް އިހްލާސްތެރިކަމާއެކު މަސައްކަތްކޮށްދޭން ދުރުން އަންނާނެ މީހަކު ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އުމަރު ނަސީރު ފާޑުފާޑުގެ ވާހަކަތައް ދައްކަވަނީ ސިޔާސީ ގޮތުން މިއަދު އަރާނެ ކޮޅެއް ނެތުމުން ސިޔާސީ ގޮތުން ކުރިއަށްދާނެ މަގެއް ހޯދަން ކަމަށެވެ. ކިތަންމެ ވަރަކަށް ޕީޕީއެމްގެ ރިޔާސީ ޓިިކެޓް ބޭނުންވި ނަމަވެސް 2023 ގެ ޓިކެޓަކީ ރައީސް ޔާމީންގެ ހައްގެއް ކަމަށެވެ.

"ސިޔާސީ ގޮތުން އަރާނެ އޮޑިއެއް ނެތީމަ، ސިޔާސީ ގޮތުން ވަންނާނެ ޖަގައެއް ނެތީމަ ދެން ކޮންމެެެހެން ޓީވީ ޕްރަގްރާމްތަކަށާ، ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކޮންމެހެން ޕީޕީއެމް / ޕީއެންސީއާއި ބެހިވަޑައިގަންނަވާނެ ކަމެއް ނެތް އެއްވެސް ބޭފުޅަކު. އަޅުގަނޑު ދަންނަވާލާނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭފުޅަކު ކިތަންމެ ބޭނުންވިޔަސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އޮންނާނީ 2023 ވަަނަ އަހަރުގެ ރިޔާސީ ޓިކެޓް އަޅުގަނޑުމެން އޮންނާނީ ރައީސް ޔާމީނަށް އަރުވާފައޭ. އެއެއް ބަދަލެއް ނުކުރެވޭނެ."

އުމަރު ރޭ ވިދާޅުވީ އިދިކޮޅު ޕާޓީގެ ލީޑަރު ޖަލަށް ލައިގެން އުޅޭ އިރު ކޮންމެ ރެއަކު އެއާކޯން ކޮޓަރިއެއްގައި ވާހަކަ ދެއްކުމަކީ އިދިކޮޅު ޕާޓީއެއްގެ މަސައްކަތް ހުންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި މިހާރު ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް އެކަން ކުރާނެ ގޮތެއް ވެސް ސަރުކާރު ޕްރެޝަރަށް ވައްޓާލާނެ ގޮތެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ޑީއާރްޕީ]އާ ހަވާލުވެގެން ގެންގޮސް ތިން އަހަރު ވީއިރު ސަރުކާރެއް ކޮށިއަރާ ހިސާބަށް ގެންގޮސް ދުއްވާލީ. އެންމެ ފަހުން ނަޝީދު އަމިއްލައަށް އިސްތިއުފާ ދޭ ހިސާބަށް ދުއްވާލީ، އެވަރުގެ އެކްޓިވިޒަމްއާ އެވަރުގެ ހިތްވަރާއި އެއްޗެހި އަޅުގަނޑަކަށް އަދިއެއް ނުފެނޭ މިހާރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ފަރާތަކުންނެއް،" އުމަރު ވިދާޅުވި އެވެ.

އެހެންކަމުން މިހާރު އިދިކޮޅަށް ބޭނުން ވަނީ ވަރުގަދަ ބާޒެއް ނުވަތަ ސިންގާއެއް ކަމަށް އުމަރު ވިދާޅުވި އެވެ. އޭރުން ރަނގަޅު ބަދަލުތަކެއް އައިސް ސަރުކާރު ޕްރެޝަރު ކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް މިވަގުތު ބޭނުންވަނީ ވަރުގަދަ ލީޑަރެއް. އެ ބޭފުޅުންނަށް ބޭނުންވޭ އެބަ ވަރުގަދަ ބާޒެއް. ބޭނުން އެބަވެ ސިންގާއެއް. އެފަދަ ބާޒެއް ނުވަތަ ސިންގާއެއް އައިސް އެ ބޭފުޅުން ގޮވައިގެން ލީޑު ކުރަން ޖެހޭ އެ ލީޑާޝިޕް ދައްކާނެ މީހަކު މިހާރު ނެތް ކަމަށާއި އެ ދައްކާނަމަ މުޅި އިދިކޮޅު ބަދަލުވެގެން ދާނެ،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްއަށް ބާޒެއް ބޭނުންވާ ކަމަށް އުމަރު ވިދާޅުވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމުގެ އެއް ދުވަސް ކުރިން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައި ވަނީ އެމަނިކުފާނު ނެތަސް "މިނިކާ ބާޒުތައް" ޕާޓީއަށް ސަވާރުވިޔަ ނުދިނުމަށެވެ.