އުމަރު ނަސީރު

"އިދިކޮޅުން އުމަރަށް ފުރުސަތެއް ނެތް"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ވެސް ފުރުސަތެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޖީ ހުސައިން ޝަމީމްއާ ބައްދަލު ކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވަނީ އުމަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިދިކޮޅުގެ ހަރަކާތެއް މިހާރު ނެތް ކަމަށް ވިދާޅުވެ އުމަރު ރޭ ދެއްކެވި ވާހަކަފުޅާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އަބްދުއްރަހީމް ފުރަތަމަ ވިދާޅުވީ އުމަރު ނަސީރަކީ އިދިކޮޅު ލީޑަރެއް ނޫން ކަމަށެވެ.

"އުމަރު ނަސީރަކީ އިދިކޮޅު ލީޑަރެއް ނޫން. ކިހިނެތްތޯ އިދިކޮޅު ލީޑަރަކަށް އުމަރު ވާނީ. މި ހިނގަނީ މަލްޓިޕާޓީ ނިޒާމެއް. އިދިކޮޅުގައި އޮތީ ޕާޓީތަކެއް. އޭނަ [އުމަރު] އެއީ އަމިއްލަ ފަރުދެއް،"

އަބްދުއްރަހީމް ވިދާޅުވީ އުމަރު ދައްކާ ވާހަކަތަކަށް ޖަވާބުދޭން ނުޖެހޭ ކަމަށާ އެއީ އެފަދަ ބޭފުޅެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އުމަރު ހީފުޅުކުރައްވަނީ އިދިކޮޅު ލީޑްކުރަން އޭނާއަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަމަށާ އަދި އިދިކޮޅު ދެ ޕާޓީންވެސް އުމަރަށް ފުރުސަތު ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އުމަރު ނަސީރަށް ހީވަނީ އަޅުގަނޑުމެން ތަނބަކަށްލާފައި ޕީޕީއެމް/ޕީއެންސީ ދީފަނޭ. ހަނދާންނައްތާލާ އެކަމެއް ނުވާނެ. އުމަރު ނަސީރަކަށް ޕީޕީއެމް/ޕީއެންސީއަކުން ފުުރުސަތެއް ނެތް،"

އުމަރު ނަސީރަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އުމަރު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕީޕީއެމްއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުމަރު ވަނީ ފާޅުކުރައްވާފައެވެ. ނަމަވެސް އުމަރަށް ފުރުސަތު ދިނުމަށް އެ ޕާޓީން ދަނީ ދެކޮޅު ހަދަމުންނެވެ. އުމަރު ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.