ޕީޕީއެމްގެ ދޮރު މިވަގުތު ބަންދު ކޮށްގެން ތިބި ނަމަވެސް އެންމެ ފަހު ވަގުތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅުން ވެސް ޕީޕީއެމްގެ ދޮރު ހުޅުވައި ދިނުމަކީ ވެދާނެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދާދި ފަހުން ވަނީ ޕީޕީއެމާއި ޕީއެންސީން ވެސް އުމަރަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އުމަރު ކިތަންމެ ބޭނުންވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައި ނުގަންވާނެ ކަމަށާ އިދިކޮޅު ދެ ޕާޓީގެ މެންބަޝިޕް ވެސް އުމަރަށް ނުދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އަވަސްގެ "ފަށަމާ" ޝޯގައި އުމަރު މިއަދު ހެނދުނު ވިދާޅުވީ އޭނާއަށް ޕީޕީއެމްގެ ދޮރު ބަންދުކޮށްފައި ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީނަށް ހުންނެވެން އޮތީ އެކަން ކޮށްގެން ކަމަށްވާތީ ކަމަށާއި އެކަމާމެދު ޝަކުވާއެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ނިންވުމަށް އިހުތިރާމް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރައްވާނެ ކަމަށާ އެހެން ކަމުން ވަކި ޕާޓީއަކުން ފުރުސަތު ބަންދުވުމަކީ ކުރިއަށް ދާން އޮތް މަގު ބަންދުވުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ކަންބޮޑެއް ނުވޭ އެ ދޮރު [ޕީޕީއެމް] ނުހުޅުވިގެނެއް. އަޅުގަނޑަކީ ވަކި މީހަކު ދޮރެއް ހުޅުވައިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް ގަބޫލު ކުރާ މީހެއް ނޫން. މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ހިނގީ އަޅުގަނޑުގެ އަމިއްލަ ފައިމަތީގައި. އެއްވެސް ލީޑަރެއްގެ ބުރަކަށިމަތީގައެއް ނޫން އަޅުގަނޑު ހިނގީ. އެހެންވީމަ އެއްވެސް ޕާޓީއެއްގެ ދޮރެއް އަޅުގަނޑަށްޓަކައި ހުޅުވާނެ ކަމެއް ނެތް. ބަންދުކޮށްފައި ބަހައްޓަންވީ. އައިވިލް ފައިންޑް މައިވޭ،"
އޭނާ ވިދާޅުވީ އޭނާއަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ކަމަށާ އަދި ޕީޕީއެމްގެ އުފެއްދުމުގައި އިސްކޮށް ތިއްބެވި ތިން ބޭފުޅުންގެ ތެރެއިން އެކަކީ އޭނާކަން ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ. ޕީޕީއެމުން ފުރުސަތެއް ލިބިދާނެ ހާލަތެއް އަތުވެދާނެތޯ ދެންނެވުމުން އުމަރު ވިދާޅުވީ އެ ފުރުސަތު ލިބުން ވަރަށް ކައިރި ކަމަށެވެ.
ރައީސް ޔާމީނަށް ފަހު ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާނެ އޭ ގުރޭޑްގެ ކެންޑިޑޭޓެއް ޕީޕީއެމްގައި ނެތް ކަމަށާ އެހެން ކަމުން ޕީޕީއެމްއިން ފުރުސަތު ލިބުމަކީ ވެދާނެ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމް ހުރިހާ ބޭފުޅުންނަށް އެނގޭ އަޅުގަނޑަކީ ޕީޕީއެމް ފިކުރުގެ ޕީޕީއެމް އުފެއްދި މީހުންގެ ތެރެއިން މީހެއްކަން. މި ފެކްޓް ނަގައެއް ނުލެވޭނެ. ދެވަނަ ކަމަކަށް އެމީހުން ބޭނުން ވާނެ އެމީހުންނަށް ވެރިކަން ލިބެން. ވެރިކަން ލިބުމަށް ބޭނުންވާ އެއް ކަމެއް އެމީހުންގެ އަތުގައި މަދު. އެއީ ކެންޑިޑޭޓެއް، އޭ ގްރޭޑްގެ ކެންޑިޑޭޓެއް. އެމީހުންގެ އޭ ކެޓަގަރީގެ ކެންޑިޑޭޓް މިވަގުތު އޮންނެވީ ޖަލުގައި. މިވަގުތު ތިބީ ބީ ކެޓަގަރީ ސީ ކެޓަގަރީގެ ކެންޑިޑޭޓުން. އެހެންވީމަ އެބޭފުޅުން ބޭނުންވާނެ އޭ ކެޓަގަރީގެ ކެންޑިޑޭޓެއް. އެހެންވީމަ އެ ދޮރު އަޅުގަނޑަށް ނުހުޅެވޭނެ ކަމަކަށް އަޅުގަނޑު ނުދަންނަވާނަން،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ، އޭ ކެޓަގަރީގެ ކެންޑިޑޭޓް މިވަގުތު އޮންނެވީ ޖަލުގައި. މިވަގުތު ތިބީ ބީ ކެޓަގަރީ ސީގެ ކެންޑިޑޭޓުން. އެހެންވީމަ އެބޭފުޅުން ބޭނުންވާނެ އޭ ކެޓަގަރީގެ ކެންޑިޑޭޓެއް. ވީމަ އެ ދޮރު ނުހުޅެވޭނެ ކަމަށް އަޅުގަނޑު ނުދަންނަވާނަން. ހުދު ރައީސް ޔާމީން ވެސް އެމަނިކުފާނު އަމިއްލަ އިސްނެންގެވުމަށް ދައުވަތު ނުދެއްވާނެ ކަމަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރާނަން،އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
އުމަރު ވިދާޅުވީ ހީވެސް ނުކުރާ ގޮތަކަށް ކަންކަން ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. ވެރިކަމަށް އަންނަން ޕީޕީއެމުން ވެސް ބޭނުންވާނެ ކަމަށާ އެހެން ކަމުން އެ ފުރުސަތު 2023 ގައި އޮތީ އޭނާއާއެކު ކަމަށް ގަބޫލު ކުރާތީ ރައީސް ޔާމީން ވެސް، ޕީޕީއެމަށް ވަޑައިގަތުމަށް އުމަރަށް ދައުވަތު ދެއްވުމަކީ ދުރުކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުދު ރައީސް ޔާމީން ވެސް އެމަނިކުފާނު އަމިއްލަ އިސް ނެންގެވުމަށް ދައުވަތު ނުދެއްވާނެ ކަމަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރާނަން،"
އުމަރު ވިދާޅުވީ ރައީސް ޔާމީނަށް އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނަށް ވެސް އޭނާއަކީ ކާކުކަން އޮޅިވަޑައިގެންފައި ނުވާނެ ކަމަށެވެ. ހާއްސަކޮށް ރައީސް ޔާމީނަށް އުމަރަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"ރައީސް ޔާމީނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ އެ މަނިކުފާނަށް ފުރިހަމައަށް އިހުތިރާމް މީހެއް ކަމާއި އަޅުގަނޑު ވޯޑެއް ދީފިއްޔާ، ވަކި ގޮތަކަށް އަމަލު ކުރަން ވޯޑެއް ދީފިއްޔާ އެއަށް އޮނާ ކުރާނެކަން. ޔާމީނަށް ޖެހި ވަޑައެއް ނުގަންނަވާނެ، ފަށްކަނޑަށް ދެވާފަ ވަރި ނުކޮށްގެން ގޭ ދޮށުގައި ހިނގާކަށް، ރައީސް ނަޝީދު މިއަދު އެ ހިނގާހެން. ޔާމީން އަދި ސިޔާސީ މައިދާނުގައި ތިބި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ވޯޑެއް ދީފިއްޔާ އެގޮތުގައި ހުންނާނެކަން. އެހެންވީމަ ހުދު ޔާމީން އެ މަނިކުފާނުގެ އަތްޕުޅުން ވެސް އަޅުގަނޑަށްޓަކައި ޕީޕީއެމްގެ ދޮރު ނުހުޅުވާނެއެކޭ ވެސް ނުދަންނަވާނަން. ޓައިމް ވިލް ޓެލް އިނގޭތޯ،"
އިންތިހާބުގައި ވާދަ ކުރައްވާނެ
އުމަރު ވިދާޅުވީ 2018 އިގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވީ ހާލަތު އޮތްގޮތުން ކަމަށެވެ. އަދި 2018 އިގެ ރިޔާސީ އިންތިހާބު ކުރިމަތިވީ ރާއްޖެ މުޅިން އާ ސިޔާސީ ހާލަތެއްގައި ވަނިކޮށް ކަމަށާ އެހެން ކަމުން އެފަދަ އިންތިހާބެއްގައި ވާދަ ކުރެއްވުމަކީ ކުރެއްވުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ނަމަވެސް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެފަދަ ހާލަތެެއް ނާންނާނެ ކަމަށާ އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ ފުރުސަތު ހޯއްދަވާނީ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންމަރު ނަގާނަން. އެއްވެސް މީހަކު ނުޖެހޭނެ އަޅުގަނޑަކަށް ސިޔާސީ ދަންމަރު ދޭކަށެއް. ބައެއް ބޭފުޅުން ވިދާޅުވޭ އުމަރު ބުންޏޭ ތަބަކަކަށްލާފައި ދޭށޭ.. ނޫން، ނޫން. ތަބަކަކަށްލުން އެއީ އަޅުގަނޑު އިންކާރުކުރާ ކަމެއް ފުރަތަމަ ކަމަކަށް. 'ތަބަކަކަށްލާފައޮި' މި ލަފުޒު ސިޔާސީ މައިދާނަށް ފުރަތަމަ ގެނައި މީހަކީ ވެސް އަޅުގަނޑު. އެހެންވީމަ ތަބަކަކަށްލާފައި ގެންނަ އެއްވެސް އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ބޭނުންވަނީ އޮޕޮޗިއުނިޓީ އޮތުން. އޭރުން އަޅުގަނޑު ނަގާނަން. އެތެރެއިން ނުލިބިއްޖެނަމަ ބޭރުން ވެސް އަޅުގަނޑު ދަންމަރު ނަގާނަން،" އުމަރު ވިދާޅު ވިއެވެ.
ޕާޓީއެއް އުފައްދާ ވިސްނުމެއް ނެތް
އުމަރު ވިދާޅުވީ 2013 އިގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ތެރެއިން ފުރުސަތު ހޯދަން މަސައްކަތް ކުރަނީ ޕްރައިމަރީގައި ވާދަ ކޮށްގެން ކާމިޔާބު ހޯއްދަވައިގެން ކަމަށެވެ. އެ ފުރުސަތު ނުލިބުނު ނަމަވެސް އިންތިހާބަށް ދާން އިތުރު ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ފަސޭހަ ކަމެއް ކަމަށާ މިހާރު ވެސް މަސް ދުވަހުގެ މަސައްކަތުން ޕާޓީއެއް އުފެއްދުމަކީ އެއްވެސް ކަމެއް ނޫން ކަމަށާއި މީގެ 15 އަހަރު ކުރިން އައިޑީޕީ އުފެއްދެވީ ވެސް އެންމެ ތިން މަސް ދުވަހުގެ މަސައްކަތުން ކަމަށް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމްއަކީ އަޅުގަނޑުގެ ވެސް ޕާޓީ. އެތެރޭގައި މިހާރު ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް އަޅުގަނޑު މިއީ ޕީޕީއެމްގެ މީހެއް،"
އުމަރު ވިދާޅުވީ ޕީޕީއެމުން ފުރުސަތު ނުލިބިއްޖެނަމަ އިންތިހާބުގައި ވާދަ ކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ 2024 ވަނަ އަހަރު އޮންނަ މަޖިލީސް އިންތިހާއަށް އާ ޕާޓީއެއް އުފެއްދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭނާގެ ސަޕޯޓްބޭސްއެއް މިހާރު ވެސް އެބައޮތް ކަމަށާ 2023 ވަނަ އަހަރު އަންނައިރު އަމިއްލަ ޕްލެޓްފޯމެއް ވެސް އޮންނާނެ ކަމަށެވެ.
ގާސިމް ވާދަ ކުރައްވާނެ ކަމަށް ނުބެލެވޭ
އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް އުމަރު ވިދާޅުވެ އެވެ. ވިދާޅުވީ ގާސިމްގެ ކަންކަމުން ފެންނަނީ މަޑުމަޑުން ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަންނަވާ މަންޒަރު ކަމަށެވެ.
"2023 ގާސިމް މޫވް ކުރައްވާނަމަ އެމަނިކުފާނު އެހެން ހަނަކު ނުހުންނަވާނެ. އެހެން ނޫންނަމަ އެ ބޭފުޅާ ކޮންމެވެސް ހަރަކާތެއް ކުރައްވާނެ. އަޅުގަނޑު މިދަނީ ވަރަށް ބޮޑަށް ބަލަމުން ގާސިމްގެ މޫވްމަންޓަށް ވެސް އަދި މައުމޫނާއި ޔާމީންގެ މޫވްމަންޓަށް ވެސް. އެއީ އަޅުގަނޑުމީ މެދުން އަރަން ހުރި މީހާ،"
އިންތިހާބާމެދު އަދި ތިން އަހަރަށްވުރެ ގިނަ ދުވަސް އޮތުމުން ގާސިމްގެ މިހާރުގެ ވިސްނުން ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫންގެ އެމްއާރްއެމްއިން ވެސް 2023 އަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ކުރީގެ ރައީސުންނަށް ފުރުސަތެއް ނެތް
އުމަރު މިއަދުވެސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭނާ ޖެހިލުންވާ ކެންޑިޑޭޓަކު ނެތް ކަމަށެވެ.
ރައްޔިތުން ޓެސްޓްކޮށް ފެއިލްވެފައިވާ އެއްވެސް ބޭފުޅަކަށް ދެވަނަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ރައްޔިތުން ހަވާލު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ފުރުސަތު ނެތް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަލުން އިންތިހާބުގައި ވާދަ ކުރުމަކީ އެކަށީގެންވާ ކަމަށެވެ.
"މިހާރު ކަންތައް ހުރި ގޮތުން ރައީސް ޔާމީންގެ ނަން އަޅުގަނޑަށް ނުފެނޭ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެ މަންޒަރެއް. ނަމަވެސް ނަޝީދުގެ ނަން އޮތުން ވަރަށް އެކަށީގެންވޭ. މިހާރު ނަޝީދު މިހުރީ އެއް ފަހަރު ޓެސްޓް ކުރެވިފައި. 2013 ވަނަ އަހަރު އެމަނިކުފާނު ވާދަ ކުރައްވައިގެން ހަމަ ރީތި ބައްޔަކުން ޔާމީން އަތުން ބަލިވީ އިނގޭތޯ. އެކަމަކު އަދިވެސް ޕާޓީ ހިފަހައްޓައި ގަނެގެން އަނެއްކާ ވެސް ހަމަ ކުރިމަތިލައިގެން އުޅެނީ އިނގޭތޯ. މިއީ ވަރަށް ދެރަކަމެއް،"
ރައީސް ނަޝީދަކީ 2013 އިގެ އިންތިހާބުގައި ބަލިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާ ޕާޓީ ސިސްޓަމްގައި އިންތިހާބެއްގައި ނާކާމިޔާބު ވުމުން އެ ލީޑަރު ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތަށް އަމަލު ނުކުރާތީ ޕީޕީއެމް އަދި އެމްޑީޕީ ވެސް ތާށިވެ ނާކާމިޔާބާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ނާކާމިޔާބުވެފައި ތިބި ލީޑަރުންތަކެއް ގޮވައިގެން ޕާޓީތަކުން ނުކުމެޖެނަމަ އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އެއީ އަޅުގަނޑު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނައިރު ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އަޅުގަނޑު ވަރަށް އުފާ ވެސް ވާނެ ނާކާމިޔާބުވެފައި ތިބި ކެންޑިޑޭޓުންނާއެކު ވާދަކުރަން ވެސް. އަޅުގަނޑު ޖެހިލުމެއް ނުވޭ އެއްވެސް ކެންޑިޑޭޓަކާ ވާދަ ކުރާކަށް،"
އުމަރު ވިދާޅުވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރާނެ ކަމަށް ފާޅުގައި ވިދާޅުވާ ލީޑަރެއް ނެތް ކަމަށާ
މަސްތުވާތަކެތީގެ މައްސަލައާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ މައްސަލަ އަދި ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާނީ އޭނާގެ ވެރިކަމެއްގައި ކަމަށެވެ.
މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ރައީސެއްގެ ވެރިކަމުގައި ހަ ޕަސެންޓަށްވުރެ އިތުރަށް ގައުމީ އުފެއްދުންތެރިކަން އިތުރު ކުރެވިފައި ނުވާ ކަމަށާ މިއީ އަލުން އިންތިހާބަކަށް ކުރިމަތިލާއިރު އެ ލީޑަރުންނާ ރައްޔިތުން ކުރިމަތި ކުރައްވާނެ ސުވާލުތައް ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ 55 އަހަރުގެ ތެރޭގައި ސިންގަޕޫރުން 320 ޑޮލަރުން 65،000 ޑޮލަރަށް އުފެއްދުންތެރިކަން އިތުރު ކުރިއިރު އެ މުއްދަތުގައި ރާއްޖެއަށް ހޯދުނީ 200 ޑޮލަރުން 10،000 ޑޮލަރުގެ ކުރިއެރުމެއް ކަމަށާ ސިންގަޕޫރަށް އައި ތަރައްގީ ރާއްޖެއަށް ނުގެނެވުމުގެ ޒިންމާ ކުރީގެ ރައީސުން ނަންގަވަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު އަތުގައި އެބައޮތް ހަވަނަ ގިޔަރަށްލާނެ ފޯމިއުލާ. އެއީ ކޮރަޕްޝަން ނައްތާލުން. އެކަން އަޅުގަނޑު ކުރާނަން،"
އުމަރު ވިދާޅުވީ އެއްވެސް ވެރިއަކަށް ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެ ނުލެވުނު ކަމަށާ އެއްވެސް ގާނޫނެއް ފުރިހަމައަށް ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ. ގާނޫނުތައް ރަނގަޅަށް ތަންފީޒު ކުރެވުނުނަމަ މިއަދު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 65،000 ނާރާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ކޮންފަޓަބަލް ކޮންމެ ބޭފުޅަކާވެސް ވާދަ ކުރަން. އަޅުގަނޑު ވަރަށް ޗެލެންޖް ކޮށްފައި މި ދަންނަވަނީ މި މައްސަލަތަކަށް ހައްލު ހޯދާނެ ހަމައެކަނި މީހަކީ އަޅުގަނޑު،"
ވެރިކަން ހޯދުމަށް ނުވަތަ އެ ނޫން ކަމެއް ކުރަން ވެސް އޭނާ ގަބޫލު ކުރާ އުސޫލުތައް ދޫކޮށް ނުލައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެލިއުސް ދުވަހަކު ވެސް ކޮންޕްރޮމައިޒް ނުކުރާނަން. އެކަން ކޮށްފިނަމަ މުޅި ގައުމު ނިމުނީއޭ. ސަބަބަކީ އެއީ މި ވާހަކަތައް ދައްކާ ހަމައެކަނި މީހަކީ އަޅުގަނޑޭ. ކޮބައިތޯ މިރާއްޖެއިން އިންޑިއާ ސިފައިން ބާލަން ޖެހޭނެ ކަމަށް ބުނާ ސިޔާސީ ލީޑަރަކީ، އެ ބޭފުޅެއްގެ ފޮޓޯއެއް ދައްކަވަ ބައްލަވާ. ކޮބައިތޯ މި ގައުމުގައި ބިދޭސީންގެ މައްސަލަ ހައްލު ކުރަން ވަކާލާތު ކުރައްވާ ބޭފުޅެއް. އެ ބޭފުޅެއްގެ ވެސް ފޮޓޯވެސް ބަލާލަމާ ހިންގަވާ. ނެތެއް ނޫންތޯ،"