ލައިފްސްޓައިލް

ހަރުފަ ފޮޓޯއިން ޓީޝާޓެއް ލުމުން ފްލައިޓަކަށް ނޭރުވި

ސައުތު އެފްރިކާގެ ޖޮހަނަސްބާގުން ނިއު ޒިލެންޑަށް ދާން ފްލައިޓަކަށް އަރަން އުޅުނު ސްޓީވީ ލޫކަސް ކިޔާ 10 އަހަރުގެ ފިރިހެން ކުއްޖެއްގެ ޓީޝާޓު ބަދަލު ކުރަން އެއާޕޯޓު އޮފިޝަލުން މަޖްބޫރު ކޮށްފި އެވެ. ވަރަށް ފަހުން ހިނގި މި ހާދިސާގައި މި ކުއްޖާގެ ޓީޝާޓު ބަދަލު ކުރަން ޖެހުނީ އޭގައި ހަރުފައެއްގެ ފޮޓޯ ޕްރިންޓް ކޮށްފައި އިނދެގެނެވެ.

އިންޑިޕެންޑެންޓް ނޫހުގައިވާ މި ރިޕޯޓުގައި އެ ކުއްޖާގެ މަންމަ އާ ހަވާލާ ދީ ބުނެފައިވަނީ މި ކުއްޖާ މަތިންދާބޯޓަށް އެރުމުގެ ކުރިން ޓީޝާޓު ބަދަލު ކުރަން އެއާޕޯޓް އޮފިޝަލުން މަޖްބޫރު ކުރުވީ އެ ޓީޝާޓުގައި ޖަހާފައިވާ ފޮޓޯ ފެނިގެން ފްލައިޓަށް އަރާ މީހުން ބިރުން އުޅެފާނެތީ ކަމަށް ބުނެ އެވެ.

ސްޓީވީ ސައުތު އެފްރިކާއަށް ގޮސް ހުރީ އޭނާގެ ކާފަ އާއި މާމަ އާ ބައްދަލު ކުރާށެވެ. މި ދަތުރު ނިންމާފައި އެނބުރި ނިއު ޒިލެންޑަށް ދިއުމަށް އޭނާ އެއާޕޯޓަށް ދިޔައިރު ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެކެވެ. އެ ޓީޝާޓުގައި ވަރަށް ބޮޑު ހަރުފައެއް ޕްރިންޓްކޮށްފައި ވެއެވެ.

އެއާޕޯޓުގެ އޮފިޝަލުން ބުނީ އެ ޓީޝާޓަކީ މަތިންދާބޯޓުގައި ދަތުރުކުރަން އެކަށީގެންވާ ހެދުމެއް ނޫން ކަމަށެވެ.

ސްޓީވީގެ މަންމަ އާއި ބައްޕަ ބުނީ އެއާޕޯޓުގެ އޮފިޝަލުންނަށް ސްޓީވް ފެނުމާއެކު މަތިންދާބޯޓުން ދަތުރުކުރުމަށް ހަދާފައިވާ ގަވާއިދުތައް ކިޔައިދޭން ފެށި އެވެ. އެގޮތުން ކުޅޭކުޅޭ ހަރުފަ އާއި ހަރުފަ ޕްރިންޓްކޮށްފައިވާ ހެދުން ވެސް މަތިންދާބޯޓުން ދަތުރުކުރާއިރު ނުލެވޭނެ ކަމަށް އެމީހުން ބުނި ކަމަށް ވެއެވެ.

އެންމެން ފަހުން މި މައްސަލަ ހައްލު ކުރުމަށް ސްޓީވީގެ މައިންބަފައިން ވަނީ އޭނާ ލައިގެން ހުރި ޓީޝާޓު ބާލުވައި ނުބައި ފުށުން ލައްވާފަ އެވެ.