ހަބަރު

"ގަނަތެޅޭތާ 10 އަހަރު، ދެން ބޭނުމީ ބަދަލެއް"

ގުޅީފަޅު މަޝްރޫއުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދެއްކުމަށް ފަހު ބޯހިޔާވެހިކަމެއް ނުލިބި ގެއްލުންވި އަހަރުތަކުގެ ބަދަލު ބޭނުންވާ ކަމަށް އެ ފްލެޓުތަކުގެ ވެރިން ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީޑީޕީ ކުންފުންޏާ ހަވާލު ކޮށްގެން ގުޅީފަޅުގައި ހެދި 184 ފްލެޓު ގަތުމަށް 158 އާއިލާއަކުން ފައިސާ ދެއްކި އެވެ. ދިރިއުޅެވޭނެ ކަމުގެ އުންމީދުގައި ބައެއް މީހުން ވަނީ ދެ ފްލެޓަށްވާ ވަރަށް ވެސް ފައިސާ ދައްކާ ހަލާސް ކޮށްފައިވެ އެވެ.

އެގޮތުން ބައެއް އާއިލާތަކުން 200،000 ރުފިޔާ އާއި 300،000 ރުފިޔާއަށް ވުރެ ވެސް ގިނައިން ފައިސާ ދެއްކި އެވެ. އެމީހުން ދެއްކި ފައިސާގެ ޖުމްލަ އަދަދު 37 މިލިއަނަށްވުރެ ގިނަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ވަނީ ގުޅީފަޅަކީ "އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން" ކަމަށް ބުނެ އެތަނުގައި ދިރިއުޅެމުން ދިޔަ މީހުން ބޭރުކޮށްފަ އެވެ. އަދި އެ މީހުންނަށް ހުޅުމާލެއިން ފްލެޓު ދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެ މީހުންނަށް އެއްވެސް ގޮތެއް ހަމަޖައްސާދީފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ގުޅިފަޅު ފްލެޓުގެ ވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓު ގަތް މީހެއް ކަމަށްވާ މުހައްމަދު މޫސާ ބުނީ މި ސަރުކާރުން އަލަށް އަޅާ ފްލެޓުތަކުން އެ ފަރާތްތަކައް ފްލެޓު ދޭން ނިންމާފައިވީ ނަމަވެސް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދޭން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި ރަނގަޅު ބަދަލެއް ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވިއިރު އެމަނިކުފާނު އަޅުގަނޑަށް ސިފަ ކުރެވުނީ ބަފައެއްގެ ގޮތުގައި. އެމަނިކުފާނު ފެންކަޅިވެފައި ވިދާޅުވީ އަޅުގަނޑުމެން ކައިރީ ތިބޭފުޅުން ހިތްހަމަ ޖެހޭ ބަދަަލެއް ދޭނަމޭ،" މުހައްމަދު ވިދާޅުވި އެވެ.

ރައީސްއާއެކު ބޭއްވި ބަައްދަލުވުމުގައި އެމަނިކުފާނު ބަދަލެއް ދޭނެ ކަމަށް ވިދާޅުވީ ތިން ހަފްތާގެ ތެރޭގައި ކަމަށާއި ނަމަވެސް އޭގެ ފަހުން މިހާރު 10 ހަފްތާވެފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ރައީސް އޮފީހުގެ ބޭފުޅުންނާ ބައްދަލު ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި އެއްވެސް ޖަވާބެއް ވެސް ނުލިބޭ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

ގުޅިފަޅު ފްލެޓު ގަތް އާއިލާތަކައް ބޯހިޔާވެހިކަން ދިނުމުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކަށް ބަދަލު ހޯދަން އެދުން ނަމަވެސް ސަަރުކަރުން އެ ބަދަލު ދޭން އުޅެނީ ރަނގަޅަކަށް ނޫން ކަމަށް މުހައްމަދު ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެން ނުވާ، ވަރަށް ކުޑަ މިންވަރެއް ދޭން ކަމަށާއި ނަމަވެސް އާއިލާތަކުގެ ފަރާތުން އެދެނީ މެދުމިންވަރެއްގެ އަދުލުވެރި ބަދަލެއް ހޯދަން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މިސާލަކަށް ތިން ކޮޅަރީގެ އެޕާޓްމަންޓެއް ގަނެފައި ހުރި ނަމަ އެ ބޭފުޅަކަށް ލިބެން ޖެހޭނެ ވިލިމާލެ މާލެ ހުޅުމާލެގައި ތިން ކޮޓަރީ އެޕާޓްމަންޓުން އާންމުކޮށް އެޕާޓްމަންޓް ލިބޭނެ އަގުގެ މެދު މިނު އަގަކަށް ފަައްތަންވީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ސަރުކާރަށް ވެސް ބޮޑު ކުރާކަށް. އަޅުގަނޑުމެން ބޭނުމީ އަޅުގަނޑުމެންނާ ސަރުކާރާ ގުޅިގެން މިކަން ހަމަހަމަ ގޮތެއްގައި ކުރިޔަށް ގެންދިޔުން،" މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ވަނީ މި ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ ބައެއް އެހެން ކުންފުނިތަކާއި މައްސަލަތައް ވެސް ފާހަގަ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެ ފަރާތްތަކާ އަޅާބަލާފައި ގިނަ ރައްޔިތުންގެ ހައްގު އެންމެ ބޮޑަށް ގެއްލިފައި އޮތް މައްސަލައަކީ ގުޅިފަޅު މައްސަލަ ކަމަށާއި އިސްކަން ދޭން ޖެހޭނީ އެ މީހުންނަށް ކަމަށެވެ.