ލައިފްސްޓައިލް

ކުނިއުކާ މީހެއްގެ ތެދުވެރިކަމުން އޮޅިގެން އުކާލެވުނު ފައިސާތަކެއް އަނބުރާ ދީފި

ކުނި އުކާ މީހުން ކޮންމެ ދުވަހަކުވެސް ގޭގޭގައި ހުންނަ ކުނި ނަގައިގެން ގެންދެ އެވެ. ވަރަށް ގިނަ މީހުން ޑަސްބިނަށް ކުނި އަޅަނީ އެއްވެސް ގޮތަކަށް ކުނި އެއްޗަށް މި ލެވެނީ ކޯޗެއްކަން ވިސްނާ ނުލާ ތިބެ އެވެ. މީހުން އެއްވެސް ފިކުރެއް ނެތި އެމީހުން ގެންގުޅޭ އަގުބޮޑު ތަކެތި ކުނި އެއްޗަށް ލެވިގެން އެކަމާ ހިތާމަކުރާ މަންޒަރު ބައެއް ޓީވީ ޝޯތަކުންނާއި ފިލްމުތަކުން ވެސް ފެނެ އެވެ.

އިންގްލެންޑްގެ ސަމަސެޓްގެ ބާންހަމް-އޮން-ސީގައި ދިރިއުޅޭ މި ދެމަފިރިންނަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އެ މީހުން އުކާލަން ފޮށިގަނޑުތަކެއް ރިސައިކަލް ސެންޓަރަކަށް ގެންދިޔައިރު އޭގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމެއް އެމީހުން ނުދެނަހުއްޓެވެ.

މިދެމަފިރިން އެ ދުވަހު އުކާލީ ވަރަށް ފަހުން މަރުވި އެ މީހުންގެ ތިމާގެ މީހެއްގެ ގެ ސާފުކުރުމަށްފަހު އެ ގެއިން ނެރުނު ފޮށިގަނޑު ތަކެކެވެ. އެމީހުން އެ ފޮށިގަނޑުތައް ރިސައިކަލް ސެންޓަރަށް ލާފައި ދިޔަފަހުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު އެ ފޮށިތައް ހޭވި އެވެ. އޭގެ ތެރޭގައި ހުރި ކަރަންޓް ކޭބަލްތަކެއް ނަގަން ވެގެންނެވެ. އެތަނުން ފޮށިގަނޑެއްގެ ތެރޭގައި ހުރި ފައިސާތައް އޭނާއަށް ފެނުނީ ފޮށީގަނޑުތައް ހޭވުމުގެ ތެރޭގަ އެވެ.

ނަސީބަކުން މި ފައިސާތައް ފެނުނު މުވައްޒަފަކީ ވަރަށް ތެދުވެރި މީހެކެވެ. އެހެންވެ އޭނާ ވަގުތުން އެ ހިސާބުގަނޑުގެ ފުލުހުންނަށް ގުޅުމުން އެމީހުން އައިސް އެ ފައިސާތަކާ ހަވާލުވީ އެވެ. ފުލުހުން ވަނީ ރިސައިކަލް ސެންޓަރުގައި ބަހައްޓާފައި ހުރި ސީސީޓީވީ ފުޓޭޖް ބަލައިގެން އެ ފޮށިގަނޑުތައް ގެނައި ކާރު ދެނެގަނެފަ އެވެ. އަދި ކާރުގެ ރަޖިސްޓްރޭޝަން ޕްލޭޓްގެ އެހީގައި އެ ފޮށިގަނޑު ގެނައި ދެމަފިރިން ވެސް ފުލުހުން ހޯދި އެވެ.

އެ ދެމަފިރިން ފުލުހުންނަށް ކިޔައިދިން ގޮތުގައި މަރުވި އެމީހުންގެ ތިމާގެ މީހާ އަކީ ގޭގެ އެތަން މިތަނުގައި ފައިސާ ފޮރުވުމުގެ އާދަ ގެންގުޅުނު މީހެކެވެ. ގޭގެ އެތަންމިތަނުގައި އެކި އެއްޗެއްސަށް ލާފައި ފައިސާ ބަހައްޓާފައި ހުރި ކަމަށް ވެސް އެމީހުން ބުންޏެވެ.

ނަމަވެސް ކުނި އަޅާފައި ހުރި ފޮއްޓެއްގެ އަޑީގައި އެހާ ގިނަ އަދަދެއްގެ ފައިސާ ރައްކާ ކޮށްފައި ހުރެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށް މި ދެމަފިރިން ބުންޏެވެ.

މި ފައިސާތައް މި ދެމަފިރިންނާ ހަވާލު ކުރުމަށްފަހު ޕޮލިސް ޑިޕާޓްމަންޓުން ވަނީ އެ ތަނުގެ ފޭސްބުކް ޕޭޖްގައި ފައިސާތައް ދެއްކި ރިސައިކްލް ސެންޓަރުގެ މުވައްޒަފަކަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާގެ ތެދުވެރިކަމާއި ވަފާތެރިކަން އަދި އެހީތެރިކަމާ ނުލާ މި ފައިސާއަކީ ހުރި އެއްޗެއްކަން ވެސް އޭގެ ހައްގުވެރިންނަށް ނޭނގުނީސް ކަމަށް އެ މެސެޖުގައި ލިޔެފައި ވެއެވެ.