ލައިފްސްޓައިލް

މުސްކުޅިވީ ފަހުން ބައްދަލުވެ، ލޯބިވެވި، ކައިވެނި ކޮށްފި

އަޅާލާނެ މީހަކު ނެތިފައި ތިބޭ އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ގެއެއްގައި ތިބި ދެ މީހެއްގެ ކައިވެނިން އެ ގެއަށް އުފާވެރިކަން ލިބިއްޖެ އެވެ. އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ މި ދެ މީހުން މި ގޭގައި ދިރިއުޅުމުގެ ތެރޭގައި ލޯބިވެވި ކައިވެނި ކުރަން ބޭނުންވެގެން ކައިވެނި ކުރީ އެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް މި ކައިވެނީގެ ރަސްމިއްޔާތުގައި އެ ސްޓޭޓްގެ ސްޓޭޓް މިނިސްޓަރު ވީއެސް ޝިވާކުމާރު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މީގެ އަހަރުތަކެއް ކުރިން އޭނާގެ ފިރިމީހާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކޯޗަނިޔަން މެނޮން އާ އޭގެ އަހަރުތަކެއް ފަހުން ބައްދަލުވެ، ލޯބިވެވި ކައިވެނި ކުރެވިދާނެ ކަމަކަށް މިހާރު 65 އަހަރަށް ވުރެ މައްޗަށް އުމުރު ގޮސްފައިވާ ލަކްޝްމީ އައްމާލް އެއްގޮތަކަށް ވެސް ހީކޮށްފައެއް ވެސް ނެތެވެ.

ނަމަވެސް އަހަރުތަކެއް ފާއިތުވުމަށްފަހު ކޯޗަނިޔަން، 67، އާ ލަކްޝްމީ ބައްދަލުވީ އިންޑިއާ ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްފައިވާ މި ގެއިންނެވެ. މި ގެ ހުންނަނީ އިންޑިއާގެ ޓްރިސޫރްގެ ރާމަވަރަމްޕަރަމްގަ އެވެ. މިގެއިން ދެ މީހުން ބައްދަލުވުމާއެކު އެކަކު އަނެކަކު ދެކެ ލޯބި ވެވުނީ އެވެ.

ލަކްޝްމީގެ ފިރިމީހާ މަރުވުމުން އޭނާ އެކަނިވެ ބަލާނެ މީހެއް ނެތި މި ގޭގައި އުޅެން މަޖްބޫރުވީ އެވެ. ކޯޗަނިޔަންގެ އާއިލާއިން ވެސް އޭނާ ނުބަލާ ގެއިން ނެރެލުމުން އޭނާ ވެސް މި ގެއަށް އައީ އެވެ.

ހަޔާތުގެ ވާހަކަތައް ހިއްސާކޮށް ފުރަތަމަ ދެ މީހުން އުޅުނީ ދެ އެކުވެރިންގެ ގޮތުގަ އެވެ. ލޯބީގެ ގުޅުން އުފެދުނީ އޭގެ މާ ފަހުންނެވެ. އަދި ކައިވެނިކުރަން ބޭނުންވެގެން ދެ މީހުން އެ ވާހަކަ އެ ގޭގައި ތިބި އެހެން މީހުންނާ ހިއްސާ ކުރުމުން އެ މީހުން ވަރަށް އުފަލުން މި ކައިވެނީގެ ކަންތައްތައް އިންތިޒާމް ކޮށްދިނީ އެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި އިންޑިއާގެ ކައިވެނިތަކުގައި ކުރާ ހުރިހާ ކަމެއް ކުރި އެވެ. ހީނާފަތް އެޅުމާއި، ލަވައާއި ނެށުމުގެ ހަފުލާ ފަދަ ހުރިހާ ކަމެއް ވެސް އެގޭގައި ތިބި އެމީހުންގެ އެކުވެރިން ފުރިހަމަކޮށްދިނެވެ.

މި ދެ މީހުންގެ ލޯބީގެ ވާހަކަ ކެރަލާގެ އެގްރިކަލްޗާ މިނިސްޓަރަށް އެނގިވަޑައިގަތުމުން މި ރަސްމިއްޔާތުގައި ބައިވެރިވާން ޚުދް މިނިސްޓަރު ވެސް ވަޑައިގެންނެވި އެވެ.

ކައިވެނިކުރާ ދެމަފިރިންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކުގައި މި ދެ މީހުން އިށީނދެގެން ތިބެ ކައިވެނީގެ ހުރިހާ ރަސްމިއްޔާތުތަކެއް ފުރިހަމަވުމުން އެކަކު އަނެކަކަށް ކޮލަށް ދޮނެއް ދިނެވެ. އެ ވަގުތު އެންމެން އުފަލުން ގޮސް އަތްތިލަބަޑި ޖެހި އެވެ.

މި ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިގައި ހިފުމުން ގިނަ ބަޔަކު ވަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔާ އެމީހުންނަށްޓަކައި ވަރަށް އުފާކުރާ ކަމަށް ބުނެ ތަފާތު މެސެޖުތައް ލިޔެފަ އެވެ.

ދެ މީހުންގެ މެދުގައިވާ ސާފު ލޯބި ފެނިފައި ގިނަ ބަޔަކު ވަރަށް އުފާވެއްޖެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.