އާ އަހަރާ ދިމާކޮށް، ފުލުހުން އައްޑޫ ސިޓީގައި އިއްޔެ ފެށި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ކައްކާފައި ހުރި ތަކެތި ހޯދައި އެކި މައްސަލަތަކުގައި 15 މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގެ ތެރެއިން ހިތަދޫ ވަލު ތެރެއިންނާއި ފަޅު ގެއަކުން ބަނގު ރާ ކައްކަން ތައްޔާރުކޮށްފައިވާ ތަކެއްޗާއި ރާ ކައްކާފައި ހުރި 500 މިލި ލީޓަރުގެ 12 ފުޅި އާއި ފަސް ލީޓަރުގެ އެއް ފުޅި ހޯދާފައިވާ ކަމަށެވެ.
އޭގެ އިތުރުން ރަށު ތެރޭގައި އަމަންއަމާންކަން ގެއްލޭ ގޮތަށް އުޅުނު 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރޭ ވަނީ އައްޑޫ ސިޓީ ހިތަދޫ ފިހާރަކައަށް ވެސް ގެއްލުން ދީގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
އައްޑޫ ސިޓީން ރޭ އެކި މައްސަލަތަކުގައި 15 މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނެފައިިވާ ގޮތުގައި އެ ސިޓީގެ އާންމު ހާލަތު ރަނގަޅެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ އެކި ހަރަކާތް ރާވާފައިވާ ކަމަށާއި އެ ކަންކަން ކުރުމަށް ފައިސާ ހޯދުމަށްޓަކައި ފޭރެމުން ވެސް ދާ ކަމަށެވެ. ފުލުހުން ވަނީ މާލެ ސަރަހައްދުގައި ވެސް އާ އަހަރާ ދިމާކޮށް ސެކިއުރިޓީ ވަރުގަދަކޮށް އޮޕަރޭޝަނެއް ފަށައިފަ އެވެ.