ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ވެގެންދާނީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުޅުދުއްފުށި ސިޓީ ވެގެންދާނީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ކުޅުދުއްފުށި މިއަދުން ފެށިގެން ސިޓީއަކަށް ބަދަލުވުމާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވީ ސިޓީއެއްގެ ދަރަޖައިގައި، ރައީސް ސޯލިހުގެ ސަރުކާރުގައި އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ވެގެންދާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ސަރުކާރުން ދާނީ ހިންގަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ މިހާރުވެސް އިގްތިސާދީ ގިނަ މަސައްކަތްތަކެއް ހިނގާ އުތުރުގެ ވިޔަފާރީގެ މައި އެއް ރަށެވެ. އެ ރަށުގެ ރައްޔިތުންގެ ބޮޑެތި ވިޔަފާރިތައްވެސް ހިންގަމުންދާއިރު، ނިމިދިޔަ ސަރުކާރުން އަދި އޭގެ ކުރީ ސަރުކާރުންވެސް ވަނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގަވާފައެވެ.

ކުޅުދުއްފުށި، ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ ރަށުގެ ރައްޔިތުން އެ ރަށް ސިޓީއަކަށް ބަދަލުކުރުން ލަސްވެގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ ކައުންސިލެއް އިންތިހާބު ކުރާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. ކުޅުދުއްފުށީގެ އާބާދީއަކީ މިހާރު ގާތްގަނޑަކަށް 10،000 އެވެ. ގާނޫނުގައިވާ ގޮތުން ސިޓީގެ ދަރަޖަ ލިބެނީ މަދުވެގެން އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގެ އާބާދީގައި 10،000 ހަމަވުމުންނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާއިރު އެއީ މޭޔަރާއެކު ހަ ކައުންސިލަރުންނެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.