ކޮޗިން ފެރީ

ދެ މަސް ތެރޭ ކޮޗިން ފެރީ ފަށަނީ

Sep 26, 2019
1

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާއްމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިވަގުތު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން ހުންނެވި ޝާހިދު، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ކުރިއަށް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ މައުލޫމާތު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ދެއްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، ދެ ގައުމުގެ މެދުގައި ދަތުރުފަތުރު ކުރުމުގެ ކަންކަން ފުޅާ ކުރުމަކީ ދެ ފަރާތުގެ މުހިއްމު އަމާޒެއްގެ ގޮތުގައި ޝާހިދު ސިފަ ކުރެއްވި އެވެ.

އެގޮތުން، ވައިގެ މަގުން އިންޑިއާގެ ފަސް ސިޓީއަކާ ރާއްޖެ ގުޅުވާލާފައިވާއިރު، އޭގެ ސަބަބުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އިންޑިއާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައި ވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.

"ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން ވަނީ 100 ޕަސަންޓް އިތުރުވެފައި. އޭގެ އިތުރުން ކަނޑު މަގުން ދެ ގައުމު ގުޅާލުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު [ނަރެންދުރަ] މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ސޮއިކުރެވިފައި. އިންޑިއާ ސަފީރު އެންމެ ފަހުން ދެއްވި މައުލޫމާތަށް ބަލާއިރު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކޮޗިން އާއި ކުޅުދުއްފުށްޓާ ދެމެދު ފެރީގެ ހިދުމަތް ފެށިގެންދާނެ،" ޝާހިދު ހާމަކުރެއްވި އެވެ.

ކޮޗިންއަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެރީގެ ހިދުމަތް ފުރަތަމަ ހުޅުވާލާނީ ހަމައެކަނި ދެ ގައުމުގެ ދެމެދު މުދާ އުފުލުމަށެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަފީރު، ސަންޖޭ ސުދީރު ވިދާޅުވެފައިވާ ގޮތުގައި ފެރީގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދެ އެވެ. އެގޮތުން ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދާ މި މަސައްކަތުގެ ފައިނަލް ރިޕޯޓު ވެސް ތައްޔާރު ކޮށްފައި ވެއެވެ.

މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ކޮޗިން ފެރީއާއެކު ދެގައުމުގެ މެދުގައި މުދާ އުފުލުން ފަސޭހަވެގެން ދިޔުމުގެ ބަދަލުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.