ހަބަރު

ވެސްޓްޕާކް، މަސްބާނާ ޖެޓީން ބައެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ވެސްޓްޕާކްގައި މަސްބާނާ މީހުންނަށް ހާއްސަކޮށް ހަދާފައިވާ ޖެޓީން ބައެއް ވެއްޓި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު އިރޮއޮއްސުނު ވަގުތު ރަސްފަންނު ވެސްޓްޕާކްގައި ހުންނަ މަސްބާނާ ޖެޓީ މަތިން ދެ މީހަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ޖެޓީގައި ހުރި ހަތަރު ބްލޮކްގެ ތެރެއިން މެދުގައި ހުރި ދެ ބްލޮކް ބިންދައިގެން ގޮސް ވެއްޓުމާއި ގުޅިގެންނެވެ.

ވެއްޓުނު ދެ މީހުންގެ ތެރެއިން އެކެއްގެ ފައިގެ ދަށްފުށް ކަފައިގެންގޮސްފައިވާ ކަމަށާ އޭނާގެ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.

ޖެޓީން ބައެއް ވެއްޓުމާއި ގުޅިގެން އެ މައުލޫމާތު މިހާރު މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށާ އަދި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.