އައިޝަތު ނަހުލާ

އެއާޕޯޓްތައް ހުޅުވޭނެ ތާރީހުތައް އިއުލާނުކޮށްފި

މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ އެއާޕޯޓްތައް ހުޅުވޭނެ ތާރީހުތައް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއުލާނު ކުރައްވައިފި އެވެ.

މިނިސްޓަރު އައިޝާގެ ފިރިކަލުން ގާސިމް އިބްރާހިމް ހިންގަވާ ވީޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލާ، ރައްޔިތުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

2020 ގައިވެސް ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ މިއަަހަރުގެ ކުރީކޮޅު ބައެއް އެއާޕޯޓްތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ފުނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް، މަޑިވަރު އެއާޕޯޓް، ހޯރަފުށި އެއާޕޯޓް އަދި ފަރެސް މާތޮޑާ އެއާޕޯޓް ހުޅުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިނިސްޓަރު ވަނީ އެއާޕޯޓްތައް ހުޅުވޭނެ ތާރީހުތައްވެސް ރޭ އިއުލާނު ކުރައްވާފައެވެ.

އެއާޕޯޓްތައް ހުޅުވޭނެ ތާރީހުތައް

  • ހޯރަފުށި އެއާޕޯޓް އޮގަސްޓް މަހުގެ ތެރޭގައި ހުޅުވޭނެ
  • ފުނަދޫ އެއާޕޯޓް ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވޭނެ
  • މާވަރުލު އެއާޕޯޓް މާޗް މަހުގެ ތެރޭގައި ހުޅުވޭނެ
  • މަޑިވަރު އެއާޕޯޓް އޭޕްރީލް މަހުގެ ތެރޭގައި ހުޅުވޭނެ

މިނިސްޓަރު ވިދާޅުވީ ފަރެސް މާތޮޑާ އެއާޕޯޓްގެ މަސައްކަތަށް ކުޑަ ބަދަލެއް އައިނަމަވެސް، މިިނިސްޓްރީން ކަނޑައަޅާފައިވާ ތާރީހުގައި ހުޅުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުން ހުޅުވި ކުޅުދުއްފުށި އެއާޕޯޓް އަދިވެސް އޮތީ ސަރުކާރުން ބޭނުންވާ ފެންވަރުގަިއ ނޫން ކަމަށާ މިއަހަރުގެ ތެރޭގައި އެ ރަށުގެ އެއާޕޯޓްވެސް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި މިހާރު އެއާޕޯޓަށް ބޭނުންވާ ބަދަލުތައް ދެނެގަންނަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހދ. ހަނިމާދޫ އެއާޕޯޓަށްވެސް ތަރައްގީގެ މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.