މަޑިވަރު

މަޑިވަރު އެއާޕޯޓް މިއަހަރު ހުޅުވަން އަންގައިފި

ޅ. މަޑިވަރުގައި ތަރައްގީކުރި އެއާޕޯޓް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އަންގާފައިވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ މިހެން ވިދާޅުވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުންނެވެ. އަބްދުލް ގަނީ އެއްސެވީ މަޑިވަރު އެއާޕޯޓް ހުޅުވޭނީ ކޮންއިރަކުންތޯ އެވެ.

ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ މަޑިވަރު އެއާޕޯޓް ހުޅުވަން މުއްދަތު ދީފައިވަނީ މިއަހަރުގެ ނިޔަލަަށް ކަމަށެވެ.

ސިޓީ ހޮޓަލާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ.

އެ އެއާޕޯޓް 2019 ވަނަ އަހަރު އަދި މިދިޔަ އަހަރު ކުރީކޮޅު ހުޅުވާނެ ކަމަށްވެސް ޓްރާންސްޕޯޓްް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އަދިވެސް އެ އެއާޕޯޓް ނުހުޅުވަ އެވެ.

ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ކުރެއްދޫ ހޯލްޑިންސްއިން ކުރިން ބުނެފައިވެ އެވެ.

މިއީ އާއްމުކޮށް ހުންނަ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.