ލައިފްސްޓައިލް

ބަނޑުބޮޑުކަން ނޭނގި ވިހެއުން: މަދުން ދިމާވާކަމެއް!

ބަލިވެ އިންކަން ނޭނގި ހުއްޓާ ވިހެއުން މިއީ ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތި ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ހަގީގަތުގައި ވެސް ދިމާވާ ކަމެކެވެ. މަދުން ނަމަވެސް މި ކަހަލަ ހާދިސާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި އެބަހުއްޓެވެ.

އޮސްޓްރޭލިޔާގެ މޮޑެލްއަކު ވެސް ވަނީ މިދިޔަ ނޮވެމްބަރު މަހު މިގޮތަށް ވިހާފަ އެވެ. އެރިން ލޭންގްމެއިޑް ނަމަކަށް ކިޔާ މި މޮޑެލް ބުނި ގޮތުގައި ކުއްޖާ ވިހެއުން ވީ އޭނާގެ ހަޔާތުގައި ވެސް ތަޖުރިބާކުރި އެންމެ ބޮޑު ޝޮކަށެވެ. އެރިން ބުނާ ގޮތުގައި ބަނޑަށް 37 ހަފުތާގައި އޭނާ ވިހޭއިރު ބަނޑުބޮޑު ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް ގިނަބަޔަކު މިކަމަން ގަބޫލުނުކޮށް ތަފާތު ކޮމެންޓްތައް ކުރި އެވެ. ނަމަވެސް 23 އަހަރުގެ މޮޑެލް ބުނީ އޭނާއަށް ބަލިވެ އިނުމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

"ހެނދުނު ހޭލާ ވަގުތު މޭނުބައިކޮށް ހޮޑުލެވުން، ވަކި އެއްޗެއް މާ ބޮޑަށް ކާހިތްވުން، އަދި ބަނޑު އާދަޔާޚިލާފަށް ބޮޑުވުން ފަދަ އެއްވެސް ކަމެއް އަހަންނަކަށް ދިމަލެއް ނުވޭ،" ނިއުޔޯކް ޕޯސްޓަށް ދިން އިންޓަވިއު އެއްގައި އެރިން ބުނެފައި ވެއެވެ.

އެރިން ބުނި ގޮތުގައި އޭނާ ވިހެއުމާ ހަމައަށް ވެސް ލީ އާއްމުކޮށް ލާ އުޅުނު ހެދުންތަކެވެ. އެއްވެސް ވަރަކަށް ހެދުން ބާރުވެގެން ވެސް އޭނާ އަށް އުޅޭކަށް ނުޖެހެ އެވެ. އެންމެ އަޖައިބު ކުރުވަނިވި އަނެއް ކަމަކީ އެރިން އަކީ ދޭތެރެދުރުކުރަން ޖަހާ އިންޖެކްޝަން ބަރާބަރަށް ޖަހަމުން އައި މީހަކަށް ވުމެވެ.

އެރިން ބުނި ގޮތުގައި އެއް ދުވަހަކު އޭނާ ފާޚާނާގައި އުޅެނިކޮށް ބަނޑުގައި ރިއްސަން ފެށީ އެވެ. އެހާ ތަނަށް ވެސް އޭނާއަށް އެއްވެސް ވަރަކަށް ބަލިވެ އިންކަމުގެ ޝައްކެއް ވެސް ނުކުރެވެ އެވެ. ރިއްސަން ފެށިތާ 10 ވަރަކަށް މިނިޓް ތެރޭގައި އެރިން ވިހެއީ އެވެ. އޭރު ވެސް އޭނާ ހުރީ އެކަނި މާއެކަނި ފާޚާނާ ތެރޭގަ އެވެ.

އެރިން ހަޅޭއްލަވާ ރޯ އަޑަށް އޭނާގެ ފިރިމީހާ ޑެން ކާޓީ އައިސް ފާޚާނާ ދޮރު ހުޅުވާލާފައި އޭނާއަށް ވެސް ލިބުނީ ޝޮކެކެވެ. ވިހޭއިރު ކުއްޖާގެ ބަރުދަނުގައި ހަތް ޕައުންޑް ހަތް އައުންސް ހުއްޓެވެ. މިއީ ވިހާއިރު ކުދިންގެ ބަރުދަން ހުންނަ އެވްރެޖް ބަރުދަނެކެވެ.

ތުއްތު ކުއްޖާ ނޭވާ ނުލާކަން އެރިންގެ ފިރިމީހާ އަށް ފާހަގަ ކުރެވިގެން އަވަހަށް އެމްބިއުލަންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އަދި ހޮސްޕިޓަލުން ފަރުވާ ދިނުމުން ކުއްޖާގެ ހާލު މުޅިން ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިގޮތަށް ނޭނގި ހުއްޓާ ވިހެއުމަށް ކިޔަނީ "ކްރިޕްޓިކް ޕްރެގްނަންސީ" އެވެ. މި ގޮތަށް ބަލިވެ އިންނަ މީހުން ގަވާއިދުން ޕީރިއަޑް ވެސް ވެއެވެ. އަދި ވިހަން ކައިރިވާއިރު ވެސް ބަނޑު ނުފުއްޕަ އެވެ. މިއީ ކޮންމެ 475 އަންހެނަކުން އެކަކަށް ދިމާވާ ކަމެއް ނަމަވެސް ބައެއް މީހުންނަށް ދުވަސް ނުފުރެނީސް ހައެއްކަ މަސް ވީމަ ވެސް ބަލިވެއިންކަން އެނގެން މެދުވެރިވެ އެވެ. އަނެއް ބަޔަކު ވިހަން ދެން ވެސް ބަލިވެ އިންކަން ނޭނގެ ތިބެ އެވެ.