ހަބަރު

ހަތިޔާރު ތޫނުކޮށްގެން ނިކުމެ ސަރުކާރު ވައްޓާލަން ގޮވާލުމުން ލަތީފަށް ފާޑު ކިޔުން

Jan 4, 2020
7

ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވުމުން ފާޑު ކިޔުން އަމާޒުވާން ފަށައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސައެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ސަރުކާރުގައި ހިންގުންތެރިކަމެއް އަދި ގާބިލުކަމެއް ވެސް ނެތް ކަމަށާއި އެކަން އެގޮތައް ވަނީ ނާގާބިލު ވެރިއަކާ ގައުމު ހަވާލު ކުރުމުން ކަމަށެވެ. އަދި ގައުމު އެފަދަ ބައެއްގެ އަތަށް ދީގެން އަބަދު ނުތިބޭނެ ކަމަށާއި ސަރުކާރު "ކުދިކޮށް ކޮށައިގެން" އަނބުރާ ހޯދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި ރައްޔިތުން ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ނިކުންނަން ލަތީފް ގޮވާލި އެވެ.

"ލައްކަ ދުވަހު ތިބެވިއްޖެ. އަބަދު ތިބޭކަށް ނުޖެހޭ. އަޅުގަނޑުމެން ނިކުންނާނީ ކެރިގެން. ހިތްވަރާއި ފަންވަރާ ކެރިގެން ނިކުންނާނީ. ހަތިޔާރުތައް ތޫނުކޮށްގެން ނިކުންނާނީ ހަތިޔާރު ހިފައިގެން ނިކުންނާނީ ސަރުކާރު ޖަވާބު ދާރީ ކުރަން. އެ ނޫން ކަމެއް ދެން ނުކުރާނަން،" ލަތީފް ވިދާޅުވި އެވެ.

ހަތިޔާރު ތޫނުކޮށްގެން ނިކުމެ ސަރުކާރު ވައްޓާލުމަކީ ލަތީފް ވިދާޅުވާ ގޮތުގައި "ގާނޫނީ އިމުގެ ތެރެއިން ކުރެވޭ" ކަމެކެވެ. އެކަން ކުރެވޭ ގޮތެއް ވިދާޅުޅެއް ނުވެ އެވެ. އޭނާ އިތުރަށް ވިދާޅުވީ އަނިޔާވެރިކަމުގެ ދިލަ ސަރުކާރަށް ދައްކާލާނެ ކަމަށެވެ.

ލަތީފް މިހެން ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އެގޮތުން އެ އިންޒާރުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަމުން އެބަދެ އެވެ.

ސަރުކާރު ވައްޓާލަން ގޮވާލަމުން އަންނަ ލަތީފްއަކީ މި ސަރުކާރު ވެރިކަމަށް ގެންނަން ވެސް މަސައްކަތް ކުރެވި ފަރާތެކެވެ. ފުރަތަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ހުންނެވުމަށް ފަހު 2017 ވަނަ އަހަރުގެ ތެރޭގައި ގިނަ މެންބަރުން އިދިކޮޅާ ގުޅުނު އިރު ލަތީފް ވެސް އިދިކޮޅަށް އަރައި މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދިމާވި ނާކާމިޔާބީއަށް ފަހު އޭނާ އަނެއްކާވެސް ވަނީ ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރަން ފައްޓަވައިފަ އެވެ.