ލައިފްސްޓައިލް

ރޯގާ ޖެހުނީތަ؟ މި ގޮތަށް އަމަލު ކޮށްލާ!

Jan 4, 2020
1

މޫސުން ބަދަލުވަމުން އަންނަ ދުވަސްވަރު ވަރަށް ގިނަ މީހުންނަށް އަރިދަފުސް ރޯގާގެ އުނދަގޫތައް ތަހައްމަލު ކުރަން ޖެހެ އެވެ. ރޯގާ ޖެހުމުން ހުން އައިސް، ކެއްސާ އަދި ކަރުތެރެ ބެދި ނޭވާލާން ދަތިވާ ގޮތް މެދުވެރިވެ އެވެ. ރޯގާ ޖެހުމުން ޑޮކްޓަރީ ބޭސް ކެއުމަށް ބޭނުން ނުވާ މީހުން ވެސް އަހަރެމެންގެ ތެރޭގައި ތިބެ އެވެ. މިފަދަ މީހުން ބޭނުންވާނީ ގޭގައި ކޮށްލެވިދާނެ ކޮންމެވެސް ކަމެއް ކޮށްލައިގެން ރޯގާ ރަނގަޅުވޭތޯ ބަލާށެވެ.

ރޯގާ ޖެހުމުން ވީހާވެސް ގިނައިން ހޫނު، ދިޔާ އެއްޗެތި ބުއިމަށް ސަމާލުކަން ދޭން ޖެހެ އެވެ. އެއީ ރޯގާގެ ސަބަބުން ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށެވެ. ގިނަގިނައިން ދިޔާ އެއްޗެތި ބުއިމަކީ ރޯގާ އާ ހަނގުރާމަކުރަން އެންމެ ރަނގަޅު އަދި އެންމެ އަވަހަށް ރޯގާ ރަނގަޅުވާނެ ގޮތެވެ. ސަޔާއި ކޮފީ އަދި ހާބަލް ޓީ ވެސް އެގޮތުން ބޭނުން ކުރެވިދާނެ އެވެ. އަދި ހޫނު ހޫނު ސޫޕް މިއީ ރޯގާ ޖެހިފައިވާ މީހުންނަށް ވަރަށް އަރާމު ލިއްބައިދޭ އެއްޗެކެވެ. ހާބަލް ސައިތައްޓަކަށް ލުނބޮޔާއި މާމުއި އަޅައިގެން ބުއިމުން ވެސް ވަރަށް ފަސޭހަ ވެއެވެ.

ކޮންމެ އެއްވެސް ކެޔަސް ކެއިން ބުއިމުގައި ވިޓަމިން ސީ ވީހާވެސް ގިނަ ކުރެވޭތޯ ބަލާށެވެ. އިންސާނާގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި ވިޓަމިން ސީ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. ދިފާއީ ބާރު ވަރުގަދަ ވުމުން އަރިދަފުސް ރޯގާ އާ ހަނގުރާމަ ކުރުމުގެ ހަކަތަ ހަށިގަނޑަށް ލިބޭނެ އެވެ. އޮރެންޖާއި ލުނބޯ ފަދަ އެއްޗެތީގެ ޖޫސް ރަނގަޅުވާނެ އެވެ.

ރޯގާ ޖެހި ކަރުގައި ރިއްސާނަމަ ނުވަތަ ކަރުތެރެ ސަކަރާތް ވެފައިވާނަމަ ލޮނުފެނުން ކަރުތެރެ ގާގްލް ކުރުން ރަނގަޅެވެ. މިކަމަށް ރަނގަޅީ ހޫނު ފެނެވެ. އަނގަޔަށް ލާން ކެރޭ ވަރުގެ ހޫނު ފެންތައްޓަކަށް ކުޑަ ސަމުސަލުގެ ބައި ސަމުސަލެއްހާ ލޮނު އަޅާފައި ރަނގަޅަށް ގިރާލުމަށްފަހު ކަރުތެރެ ދޮންނާށެވެ. ޓިޝޫތަކުގެ ތެރޭގައިވާ ދަވަތައް ލޮނުގެ ސަބަބުން ނުކުމެ ސާފު ވުމުން ކަރުތެރެއަށް ފަސޭހަވާނެ އެވެ.

ހޫނުފެނުން ފެންވަރާލުން ނުވަތަ ނޭފަތަށް އާވި އަރުވާލުމަކީ ވެސް ރޯގާ ޖެހިގެން އުޅޭއިރު ވަރަށް ލުއި ލިބޭ ކަންކަމެވެ. މާ އުނދަގޫވާނަމަ އަދި އަވަހަށް ލުއި ލިބެން އެދޭނަމަ ކެކިކެކިހުރި ފެން ބޮޑު ބޯތައްޓަކަށް އަޅާފައި ތުވާއްޔަކުން ބޯ ކަވަރުކޮށްލާށެވެ. އަދި ބޯތައްޓާ ދިމާލަށް ގުދުވެ އޭގެން ނުކުންނަ އާވިތައް ނޭފަތުން އެތެރެއަށް ދަމާށެވެ. ދުވާލަކު ތިން ހަތަރު ފަހަރު ވެސް މިގޮތަށް އާވި އެރުވިދާނެ އެވެ.

ހަނދާންކުރަންޖެހޭ ކަމަކީ ރޯގާ އަށް އަރާމުކުރުމަށް ވުރެ ރަނގަޅު އެއްވެސް ކަމެއް ނެތެވެ. ފަހަރެއްގައި އޮފީހުގެ މަސައްކަތްތައް ގިނަ ކަމުން އަރާމުނުކޮށް އޮފީހަށް ދާން ބޭނުން ވެދާނެ އެވެ. ނަމަވެސް ރޯގާ ޖެހިގެން ހުރެ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަންތަނަށް ދިއުމުން އެ ތަންތަނުގައި ތިބި އެހެން މީހުންނަށް ރޯގާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވީމާ އެންމެ ރައްކާތެރި ގޮތަކީ އަރާމުކޮށް ރޯގާ ރަނގަޅުވަންދެން ގޭގައި މަޑުކުރުމެވެ.