ރިޕޯޓް

ގެދަބުޅި ފިލައި މާލެއަށް ހަމަ ނޭވާ!

May 22, 2020
4

ދެކުނު އިންޑިއާގެ ދިވާލާސް ސިޓީގައި އުޅޭ މީހުންނާ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ، ނޭޕާލްގެ ހިމާލިޔާ ނުވަތަ މައުންޓް އެވަރެސްޓް ކިތަންމެ ކައިރި ނަމަވެސް އެ ފަރުބަދައިގެ ރީތިކަން އެމީހުނަށް ނުފެންނަތާ ބައި ގަރުނު ވެއްޖެ އެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ވައި ތަޣައްޔަރުވެފައިވާ އަވަށްތައް ގިނަ އިންޑިއާގެ ރަށްތަކުން އަރާ ދުމާއި ހިރަފުހުން ޖައްވު ފޮރުވައި އޮތުމެވެ.

ދުމުން ޖައްވުގައި ހަރުލާފައިވާ ގެދަބުޅިއާ ހެދި މައުންޓް އެވަރެސްޓާއި ސްނޯގެ ހުދުކުލައިގެން ދިވާލާސްގައި ދިރިއުޅޭ މީހުނަށް ހާއްސަ ކަމެއް ނެތެވެ. އެކަމަކު ކޮވިޑް-19 އާއެކު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިއާ ލޮކްޑައުން ކުރުމާއެކު ހިމާލަޔާ ފަރުބަދައިގެ ރީތިކަން ދުރަށް ފެނުމުން އެ ރަށު މީހުން ހައިރާންވި އެވެ. މިގޮތަށް ދުނިޔޭގެ ގިނަ ގައުމު ތަކެއް ލޮކްޑައުން ކުރުމާއެކު ވައިގެ ސާފުކަން އިތުރު ވެގެން ދިޔަކަން ނާސާ އިން ނަގާފައިވާ ދުނިޔޭގެ ފޮޓޯ ތަކުން އެނގެ އެވެ.

ދުނިޔޭގައި ނިސްބަތުން އެންމެ ކުޑަ ތަންކޮޅެއްގައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ ވެރިރަށް ކަމަށްވާ މާލެއިން ވެސް
މި ސާފުކަން ފާހަގަވެ އެވެ. މޭލޭގެ ލޮކްޑައުން ކުރިން އެއްގަމު އުޅަނދުތަކާއި ހިރަފުހުގެ ސަބަބުން އުފެދިފައިވާ ދުން ގަނޑު އޮބި މާލެއަށް "ހަށި ފުރާ ނޭވާއެއް" ލުމުގެ ފުރުސަތު ލިބިފައި ވެއެވެ. މި ބަދަލު އިހުސާސެއް ނުވޭ ހެއްޔެވެ؟

"ލޮކްޑައުންގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމެއްގެ ވައިގެ ސާފުކަން އިތުރު ވެއްޖެ. އެގޮތަށް ރާއްޖެއަށް ވެސް ހާއްސަކޮށް މާލެއަށް އެ ބަދަލު އަންނާނެކަން ޔަގީން،" ރާއްޖޭގެ ވައިގެ ސަރަހައްދުގެ ގިނަ ދިރާސާ ތަކެއް ކުރަމުން ގެންދާ، ހަނިމާދޫ އޮބްޒަވޭޓްރީއިން ވާހަކަ ދެއްކެވި ޝަރަފުﷲ ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ސަބަބުން މާލޭގެ ގިނަ ބަޔަކު ގޭގައި ބަންދުވުމާއެކު މާލޭގެ މަގުތަކަށް ވަނީ ހަމަހިމޭންކަން ވެރިވެފަ އެވެ. މި ބަދަލުގެ ސަބަބުން މާލޭގައި ދުއްވާ ލައްކައެއްހާ ސައިކަލާއި 6،000 އަށްވުރެ ހަތަރު ފޮރުޅުލީ އުޅަނދުގެ ބޮޑު ބައެއް ވަނީ ޕާކުކޮށްފަ އެވެ. އެހެންވެ އެ އުޅަނދު ތަކުން އެރުވި ދުން ވަނީ ހުއްޓިފަ އެވެ. އުޅަނދު ތަކުން އެރި ދުމުން ފާރުތަކުގައި ހިފާފައި ހުރި ގެދަބުޅި ކޮންމެވެސް ވަރަކަށް ފިލައި މިހާރު ވަނީ ވައި ސާފުވާން ފަށާފަ އެވެ.

މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސާފުކަން އިތުރުވުމަކީ ރާއްޖެއަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުންގެ ދަށުން ހިންގާ، ހަނިމާދޫ އޮބްޒަވެޓްރީން ޝަރަފުﷲ ވިދާޅުވި ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދު ސާފު ކަމަށް ގިނަ ފަހަރު ބަދަލު އައިސްވަނީ ދިވެހިން ކުރާ ކަންމަކުން ނޫންކަން ފާހަގަވެފައި ވެއެވެ.

"ކުރިން ފާހަގަވެފައި އެބަހުރި ނޮވެމްބަރުން މާޗް މަހުގެ ނިޔަލަށް ވަރަށް ވައި ނުސާފުކަން. ހަމަ ލޮލަށް ވެސް ބައެއް ފަހަރު މިކަން ފާހަގަވޭ. އެއީ ހިމާލަޔަން ރީޖަންގައި އުފެދޭ ނުސާފުކަން ރާއްޖެ މައްޗަށް އަރާތީ ވާކަމެއް. ސަބް ރީޖަން އަށް އަންނަ ބަދަލު ރާއްޖެ އަށް ވެސް ފޯރާ،" ޝަރަފުﷲ ވިދާޅުވި އެވެ.

ވައިގެ ސާފުކަން ރާއްޖެއިން ނުބަލާ

ވައިގެ ސަރަހައްދުގެ ސާފު ކަމަށް އަންނަ ބަދަލު ދުނިޔޭގެ ގިނަ ގައުމުތަކުން ގަވައިދުން ބަލަހައްޓަ އެވެ. ނަމަވެސް ރާއްޖެއަކީ އެއާ ކޮލެޓީ އިންޑެކްސް (އޭކިއުއައި) ގެ ހިސާބު ބަލަހައްޓާ ގައުމެއް ނޫނެވެ. މެޓް އޮފީހުގައި އެ ޑޭޓާއެއް ނުހުރެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް އޭކިއުއައި ހުންނަން ޖެހޭ ވަކި މިންގަނޑު ތަކެއް ބަލައެވެ. އެ މިގަނޑުތަކަށް ވުރެ މަތިވެއްޖެނަމަ ތަފާތު ސިއްހީ މައްސަލަތައް ނުކުމެ އެވެ. ނަމަވެސް މި އިންޑެކްސްއަކީ ރާއްޖޭން މިހާތަނަށް ބަލަހައްޓާ މިންގަނޑެއް ނޫނެވެ. މިކަން ބަލަހައްޓަން ޖެހޭ ގަވައިދުތައް ހަދަން ޖެހެނީ އެޗްޕީއޭ އިންނެވެ. އެކަން އޮތީ އަދި ނުކޮށެވެ.

ބޭރުގެ ސައިންޓިސްޓުންނާއެކު މޫސުމީ ދިރާސާތައް ކުރައްވާ ޝަރަފުﷲ ވިދާޅުވި ގޮތުގައި އޭކިއުއައި ބަހަލައްޓާނަމަ ވައިގެ ސާފުކަން ދުވަހުން ދުވަހަށް އެނގޭނެ އެވެ.

"އެއާ ކޮލެޓީ އިންޑެކްސް ބެލެހެއްޓީމަ އެނގޭނެ، ވަކި ދުވަސްވަރެއްގައި ވެހިކަލް ދުއްވުން މަދުކޮށްލާފައި ހިނގާފަ އުޅެވޭނެ ދުވަސް ތަކެއް ހަމަޖައްސަން ވެސް. ޗައިނާ ފަދަ ގައުމުތަކުގައި ވެހިކަލްތައް ވަކި ގޮތަކަށް ބަހާލައިގެން މަގުތަކަށް ނެރެނީ ވެސް މި އިންޑެކްސް އަށް ބަލައިގެން، ލިބޭ ޑޭޓާ ތަކުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ދުނިޔޭގެ ގިނަ ގައުމުތަކާ ހިލާފަށް ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ މީހުން ގިނަ ގައުމެކެވެ. މީގެތެރޭއި ނޭވާލާ ނިޒާމުގެ ބަލިތައް ގިނަ އެވެ. މި ބަލިތައް އިތުރުވާ ސަބަބުގެ ސީދާ ދިރާސާއެއް ރާއްޖޭގައި އަދި ހެދިފައެއް ނެތެވެ.

ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވައި ނުސާފުވުމަކީ އޭގެ އެއް ސަބަބެވެ. ކޮންމެއަކަސް ކޮވިޑުގެ ސަބަބުން އައި ލޮކްޑައުންއާއެކު މާލޭގެ ވައި މިހާރު ވާނީ ކޮންމެވެސް ވަރަކަށް ސާފުވެ ގެދަބުޅި ފިލާފަ އެވެ. އެކަމަކު އިހުސާސް ކޮށްލެވޭނީ ވިޔަފާރި ކުރަން ލިބޭ އެއް ގަޑިއިރުގައި ބޭރަށް ނުކުމެ މަގު މެދުގައި ހުއްޓި އެކަމަށް ވިސްނާލުމުންނެވެ.