ދުނިޔޭގައި ކޮވިޑް ރޯގާ ފެތުރިގަތް ދަނޑިވަޅު ބަޔަކަށް ހީވެފައި އޮތީ ރާއްޖެއާ މި ރޯގާ ލައްވާ ނުލާނެއޭ އެވެ. ނަމަވެސް ރާއްޖެ އިން ބިދޭސީއެއް މި ބައްޔަށް ޕޮޒިޓިވް ވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާޗް 15 ވަނަ ދުވަހު ރާއްޖެއަށް އޮން އެރައިވަލް ދިނުން ހުއްޓާލި އެވެ. އެހިސާބުން ގިނަ ބަޔަކު އަނެއްކާވެސް ރިލެކްސް ވެލި އެވެ. ތިބެވުނީ މި ރޯގާ ދިވެހިންގެ ތެރެއަށް ނުފެތުރޭނެ ކަމަށް ބަލައިގެނެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ހަބަރާއެކު، ބިރުވެރިކަން އާއްމުވި އެވެ.
އެ ދުވަހުގެ މެންދުރު ފަހު 3:30 ގައި ވެރިރަށް މާލެ ލޮކްޑައުން ކުރަން ސަރުކާރުން ނިންމި އެވެ. މި ނިންމުން ވެގެން ދިޔައީ، މުޅި ރާއްޖެ އަށް އޭގެ އަސަރުކުރުވި ބޮޑު ނިންމުމަކަށެވެ. ލޮކްޑައުންގައި މިހާރު 12 ދުވަސް ވީ އެވެ. މި 12 ދުވަހުން ދިވެހިންނަށް ތަޖުރިބާ ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އެނގުނީ ކޮން ކަމެއް ހެއްޔެވެ؟
މި ހާލަތަށް މާލެ ތައްޔާރުވެފައެއް ނުވޭ
ކޮވިޑް-19 ފެތުރެން ފެށީއްސުރެ ސިއްހީ މާހިރުން ވިދާޅުވަމުން ދިޔައީ އެއްވުންތައް ނުބާއްވާ ސޯޝަލް ޑިސްޓެންސިން ބޭއްވުމަށެވެ. ކޮންމެހެން ބޭނުން ވެގެން ނޫނީ ޕާޓީތައް ބާއްވައި އެއް ގެއިން އަނެއް ގެއަށް ގޮސް ނުހެދުމަށެވެ. އެކަމަކު ދިވެހިން އެ ވާހަކައެއް އަޑެއް ނޭހި އެވެ. އެކަން އެންގުނީ ކޮވިޑް-19 ފެތުރެން ފެށުމާއެކު ކޮންޓްރެކްޓް ޓްރޭސިން ހަދާލުމުންނެވެ.
މިހާލަތަށް ސިއްހީ ދާއިރާ ތައްޔާރުވެފައި އޮތް ނަމަވެސް، ލޮކްޑައުންއަށް އެހެން ދާއިރާ ތަކުން ތައްޔާރަށް ނެތްކަން އެނގިގެން ދިޔަ އެވެ. ލޮކްޑައުންގެ ކުރިން މާލެއިން 300 ފިހާރައެއް ޑެލިވަރީއަށް ހާއްސަ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ނަމަވެސް އޭގެ އެއް ވެސް ފިހާރަ އަކަށް މުދާ ލިބޭނެ ގޮތެއް، ލޮކްޑައުންއާ ހަމައަށް އައިއިރު ވެސް ނުވި އެވެ. އަދި ހުއްދަ ދޭން ފުލުހުން ފުރަތަމަ ތައާރަފު ކުރީ އެންމެ ފޯނު ނަމްބަރެކެވެ. އެންމެ ނަމްބަރެއް ތައާރަފު ކުރިއިރު، މުޅި މާލެ އެ ނަމްބަރަށް ގުޅާނެކަން ނޭނގެނީ ހެއްޔެވެ؟
އެ އަށްފަހު ހެދީ ކޯލް ސެންޓަރެކެވެ. އެ ސެންޓަރަށް ކުރާ ކޯލް ތަކަށް ޖަވާބު ނުދެވިގެން އެންމެ ފަހުން، ހާއްސަ އުސޫލެއްގެ ދަށުން މިހާރު ވަނީ ވިޔަފާރި ކުރަން ހުއްދަ ވެސް ދީފަ އެވެ. މިއިން އެނގުނީ މާލޭ ސިޓީ މިކަމަށް ތައްޔާރުވެފައި ނެތް ކަމެވެ.
ދިވެހިންގެ ކެތްތެރިކަން ކުޑަ
ޗައިނާގެ ވޫހާން ސިޓީގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު، އެޅި ފިޔަވަޅުތަކުގެ ވާހަކަ ދިވެހިންގެ ގިނަ ބަޔަކު ވެސް ކިޔަ އެވެ. އެ މީހުން ވީ ގުރުބާނީ ވެސް އެނގެ އެވެ. ގޭގައި އެ ވަގުތެއްގައި ހުރި އެއްޗެއް ކާލައިގެން އެ މީހުން ކެތްތެރިވި ގޮތުގެ ވާހަކަ އަޑު ވެސް އެހި އެވެ. ނަމަވެސް މާލެ ލޮންޑައުން އަކަށް ގެންގޮސް މުދާ ޑެލިވަރީކޮށް ދޭން ތިން ގަޑިއިރެއްހާއިރު މަޑުކޮށްލަން ވެސް ގިނަ ބަޔަކަަށްވީ ހަފުތާއެއްގެ މަޑު ކުރުމަކަށެވެ. އޭގެ ނަތީޖާއަކަށްވީ ޑެލިވަރީ ހިދުމަތް ދޭން ފިހާރަ ތަކުން ދީފައިވާ ވައިބާ ނަމްބަރު ތަކަށް ގިނަ ބަޔަކު ގުޅަން ފެށުމާއެކު، މުޅި ހިދުމަތް "ކްރޭޝް" ވުމެވެ. ގިނަ ބައެއްގެ ކިބައިން ފެނިގެން ދިޔައީ ކެތްތެރިކަމުގެ ބަދަލުގައި، ކެތްތެރިކަމެއް ނެތް ބައެއްގެ ގޮތުގަ އެވެ.
ބިދޭސީންގެ މައްސަލަ މާގޯސް
ސަރުކާރުން އަބަދު ވެސް ބުނަމުން ދަނީ ރާއްޖޭގައި އިލީގަލް އިމިގްރެންޓްސްގެ އާބާދީއެއް އެބަ އުޅެ އެވެ. ރާއްޖެ މަސައްކަތު އައިސް އެކި ގޮތްގޮތުން ގަވާއިދާ ހިލާފަށް އުޅޭ މީހުން ގިނަ އެވެ. ރަސްމީ ހިސާބު ތަކުން އެނގެނީ 60،000 މީހުން އުޅޭ ކަމެވެ. ކޮވިޑް-19 ގެ ސަބަބުން މާލެ ލޮންޑައުން ކުރުމާއެކު އެންމެ ބޮޑަށް ހާލުގައި ޖެހުނު ބަޔަކީ ބިދޭސީންނެވެ. އެ މީހުން ގެންގުޅޭ ކުންފުނި ތަކުން ވެސް އެ މީހުންނަށް އަޅައެއް ނުލި އެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ މަގު މަތިން މަސައްކަތް ނަގައިގެން ތިބި މީހުންގެ ބޮޑު ބައެއް މީގެ ސަބަބުން ހާލުގަ ޖެހިގެން ދިޔަ އެވެ. މިހާރު ވެސް އެ މީހުންގެ ގިނަ ބަޔަކު އުޅެނީ ހަމަ އެ ހާލުގަ އެވެ. ގިނަ މީހުން ދިރި އުޅެނީ ކުޑަ ތަންކޮޅެއްގައި ފުނި ޖެހި ގެނެވެ. ކޮވިޑް-19 އިގެ ސަބަބުން މާލެ ލޮކްޑައުން ކުރުމުން އެނގިގެން ދަނީ ބިދޭސީންގެ މައްސަލަ ހީކުރި ވަރަށް ވުރެ ވެސް ނުރައްކާތެރިވެފައި ގޯސް ކަމެވެ.
ފުލުހުންނާއި ސިފައިންގެ ހިދުމަތް
ދިވެހި ސިފައިން ކޮވިޑުގެ ކުރިން އާއްމުކޮށް ދެމުން އައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި އަލިފާނުގެ ހާދިސާއެއް ހިންގައިގިނަމަ އެ ކަމަށް އެޓެންޑު ކުރުމާއި ކަނޑުމަތީގެ ހާދިސާ ތަކުން އާއްމުންނާއި މުދާ ރައްކާތެރިކޮށް ދިނުމެވެ. ނަމަވެސް ކޮވިޑް-19 އާއެކު މާލޭގެ ޑެލިވަރީ ސިސްޓަމްގެ ފޫދިއުމާއެކު ގޭގެއަށް ޑެލިވަރީ ކޮށް ދެނީ ވެސް އެމީހުނެވެ. ކޮވިިޑް އޮޕަރޭޝަންގެ ޓްރާންސްޕޯޓު ބަލަހައްޓަނީ ވެސް އެ މީހުންނެވެ.
ފުލުހުން ވެސް ފެނިގެން ދިޔައީ ކުރިން ހީކުރި ވަރަށް ވުރެ ހިދުމަތްތެރި ބައެއްގެ ގޮތުގަ އެވެ. ބޮޑެތި ކުންފުނިތަކުން ކުރާ ޑެލިވަރީތަކުގައި އެހީތެރިވުމާއި އާއްމުން ތަންތަނަށް ގެންގޮސް ދިނުން އަދި ކުއްލިއަކަށް ގޭގެ އިން ހުސްވާ އިމަޖެންސީ ތަކެތި ގެންގޮސް ދިނުން ފަދަ ހިދުމަތްތަކުގެ ސަބަބުން ގިނަ އާއްމުންގެ ހިތުގައި ފުލުހުންނަށް އޮތް ޖާގަ ވެސް ވަނީ ކުރި އަށް ވުރެ އިތުރުވެފަ އެވެ.
ވިޔަފާރިތަކުގެ ކެޕޭސިޓީ
މާލޭގެ ދެ ލައްކައެއްހާ މީހުން މުދާ ގަންނަން ނުކުތުމާއެކު ގިނަ ފިހާރަތައް ފުރިގެން ދިޔަ އެވެ. އަދި ގޭގެއަށް ޑެލިވަރީ ކުރަން ވިޔަފާރިތަކުން ފެށި އޮޕަރޭޝަނުން އެނގިގެން ދިޔައީ މި ވިޔަފާރިތަކުގައި ކެޕޭސިޓީ ހުރި މިންވަރެވެ. ބައެއް ވިޔަފާރި ތަކުން ހިދުމަތް ދިނުމުގައި މިހާރު ވެސް ދެ މިތިބިއިރު، އަނެއްބައި ވިޔަފާރި ތަކުން ވަނީ ނުވެގެން ހުއްޓާލާފަ އެވެ. އަދި ހާލުގައި އާއްމުން ޖެހުނު ވަގުތު ބައެއް ވިޔަފާރި ތަކުން ވަނީ މުދާ ބޮޑު ތަނުން އަގު ބޮޑުކޮށްފަ އެވެ. މީގެ ސަބަބުން ވަޒީފާ ގެއްލި އާމްދަނީ ނުލިބިފައި ތިބި އެތަށް ބަޔަކަށް ވަނީ އިތުރު ވޭނެއް ލިބިފަ އެވެ.
ސަޕްލައި ފެން ވެސް ބޮވޭނެ
ލޮކްޑައުންވެ، ގެއާ ހަމައަށް ފެން ޑެލިވާ ނުވުމާއެކު ގިނަ ގޭގެ އިން ފެން ހުސްވި ހާލަތެއް މި 12 ދުވަހުގެ ތެރޭގައި އަ އެވެ. ބައެއް ގޭގެ އިން ވަނީ ސަޕްލައި ފެން ބޮއިފަ އެވެ. އެމްޑަބްލިއުއެސްސީ އިން ދޫކުރާ އިސްކުރު ފެނަކީ ބޯން އެންމެ ރަނގަޅު ފެނެއްކަން އަބަދު ވެސް އެ ކުންފުނިން ދިޔައީ ބުނަމުންނެވެ. ނަމަވެސް މި ހާލަތުން އެނގިގެން ދިޔައީ މި ފެނަކީ ވެސް ބޯން ހަމަ އެންމެ ރަނގަޅު ފެނެއް ކަމެވެ. އެހެންވެ ގިނަ ބަޔަކު ވަނީ ސަޕްލައިން ފެން ބޯން ފަށާފަ އެވެ.
ގެދޮރުގެ ދަތިކަން އޮތް މިންވަރު
މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ކުޑަ ތަންކޮޅެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ސިޓީ އެވެ. މާލޭގެ ތާރީހުގައި މަދު ފަހަރެއްގައި ނޫނީ ހުރިހާ މީހުން އެއްކޮށް ގޭގައި ތިބެން ޖެހިފައެއް ނުވެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މާލޭގައި "ބޮޑުތަޅު" އެޅުވުމާއެކު ހުރިހާ އެންމެން ގެއަށް ވަނެ އެވެ. މި ހިސާބުން އެންގިގެން މިދަނީ މާލޭގައި ގެ ދޮރުގެ ދަތިކަން ހުރި މިންވަރެވެ. އެއް ކޮޓަރީގައި ގިނަ ބަޔަކު ގިނަ ދުވަހު ދިރިއުޅެން ޖެހުމުން މިހާރު ވެސް ވަނީ މައްސަލަތައް ފެން މަތިވެފަ އެވެ. އަދި މި ލޮކްޑައުންނާއެކު އެނގިގެން ދަނީ މާލޭގައި "ހޯމްލެސް" އާބާދީއެއް އޮތް މިންވަރެވެ. ގެދޮރު ނެތ ވަންނާނެ ތަނެއް ނެތިގައި ގިނަ ބަޔަކު މަގު މައްޗާއި ފިނި މައިޒާންތަކުގައި ނިދާ ކަމެވެ. މިފަދަ ގިނަ ބަޔަކަށް ސަރުކާރުން ވަނީ މިހާރު ބޯހިޔާވަހިކަން ދީފަ އެވެ.