ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ހޯމް ޑެލިވަރީގައި ވިޔަފާރި ތަކަށް ބުރަ ތަޖުރިބާއެއް!

ކޮރޯނާ ވައިރަހުގެ ފުރަތަމަ މާލޭ ކޭސް މި މަހުގެ 15 ވަނަ ދުވަހު ފެނުމާއެކު ވެރިރަށަށް ބިރުވެރިކަން އާއްމުވި އެވެ. އެއް ބަޔަކު ދުވަން ފެށީ ގެއަށް ވަންނާށެވެ. އަނެއް ބަޔަކު ދުވަމުން ދިޔައީ ފިހާރައަށް ވަންނާށެވެ. އިރުކޮޅެއްގެ ތެރޭގައި ފިހާރަތައް ތޮއްޖެހި ފުރި ބާރުވި އެވެ. ބަލަ ބަލައި ތިއްބައި މުދާ ހަރުތައް ހުސް ވާން ފެށި އެވެ. ހާސްކަމުގައި އެންމެން އުޅެނިކޮށް ދެން އައި ހަބަރަކީ މާލެ ލޮކްޑައުން އަކަށް ގެންދާ ހަބަރެވެ. އެ ނިންމުމާއެކު ފުރަތަމަ ސިކުންތުން ފެށިގެން ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރަމުން އައި އެއް ބަޔަކީ މާލޭގެ ވިޔަފާރިގެތަކެވެ.

ހާއްސަކޮށް ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރާ ބޮޑެތި ކުންފުނިތަކުން ދަނީ ގޭގެއަށް ބޭނުންވާ މުދާ ފޯރުކޮށް ދެވޭތޯ ކަށިން ހިތްވަރު ނެރެމުންނެވެ. ރާއްޖޭގެ މި ވިޔަފާރިތަކަކީ އާއްމު ގޮތެއްގައި މުދާ ގޭގެއަށް ގެންގޮސް ދިނުމުގެ ހިދުމަތް ދޭ ބައެއް ނޫނެވެ. އެ މީހުން މީގެ ކުރިން އެ ހިދުމަތް ދެމުން ގޮސްފައި ވަނީ ކަންމަތީ ފިހާރަތަކާއި މާލެ ބަނދަރަށް ވަންނަ އޮޑި ދޯނި ފަހަރަށެވެ. ނަމަވެސް ގެއިން ބޭރަށް ނުކުތުން މަނާ ކުރުމާއެކު މުޅި ވިޔަފާރި އެކަށް "ހޯމް ޑެލިވަރީ" އަށް ބަދަލު ކުރަން މަޖުބޫރުވީ އެވެ. ކުއްލި އަކަށް ގެންނަން ޖެހުނު މި ބޮޑު ބަދަލުވީ ގިނަ ކުންފުނި ތަކަށް ދަތިވި ބޮޑު ގޮން ޖެހުމަކަށެވެ.

"ދުވަހަކު ވެސް މިވަރުގެ މަސައްކަތެއް ނުކުރަން. މިއީ ކުރަން ވަރަށް ދަތިކަމެއް، ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއް މިއީ،" މާލޭގައި އެންމެ ގިނަ ފިހާރަ ހިންގާ އެއް ކުންފުނި ކަމަށްވާ ރެޑްވޭވުގެ އޮޕަރޭޝަން މެނޭޖަރު އަލީ ނަސީރު ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރި ބައްޓަން ވެފައި އޮތް ގޮތުން، އާއްމު ގޭގެއަށް ކުރާ ވިޔަފާރީގެ ބޮޑު ބައެއް ކުރަނީ ކަންމަތީ ފިހާރަ ތަކުންނެވެ. ނޫނީ އާއްމު ވިޔަފާރި ކުރަނީ ބޮޑެތި ފިހާރަ ތަކަށް ގޮހެވެ. އެހެންވެ، ވިޔަފާރިތަކުގެ ސިސްޓަމްތަކާއި މުވައްޒަފުންގެ އަދަދު ވެސް އޮންނަނީ އެގޮތަށް ރާވާފަ އެވެ.

އެކަމަކު ކޮވިޑް-19 އާއެކު މާލޭގައި ތަޅު އެޅުވުމާއެކު "ކޮންކްރީޓް ޖަންގައްޔެއް" ގެ ގޮތުގައި ސިފަ ކުރާ، އަދި ދެ ލައްކައެއްހާ މީހުން ދިރިއުޅޭ ވެރިރަށް މާލެ އަށް މި ހިދުމަތް ދޭން ޖެހުންވީ ބޮޑު މަސައްކަތަކަށެވެ. ބައިބޯ މާލޭގެ ގިނަ ބަޔަކު ތަކެތި ގަނެ ޑެލިވަރީ ކުރަން ދުއްވައިގަތުމުން ވިޔަފާރިތައް ކޮށި އެރި އެވެ.

ރާއްޖޭގައި ހޯލް ސޭފް މުދަލާއި ފެނުގެ ބާވަތްތައް ފުޅާކޮށް ސަޕްލައި ކުރާ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރު، ކެޕްޓަން އަލީ އިހުސާން ވިދާޅުވި ގޮތުގައި އެ ކުންފުނިން އޮތީ ކުރިއަށް ރޯދަ މަސް ވެސް އޮތުމާއެކު ވަރަށް ތައްޔާރު ވެގެނެވެ. ނަމަވެސް ކޮރޯނާ ވައިރަހާއެކު މާލެ އެއްކޮށް ލޮކްޑައުންކޮށް ހޯމް ޑެލިވަރީ ޖައްސަން ޖެހުމާއެކު ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި އެވެ. އެހެންވީ ދުވަހަކު ވެސް ތައްޔާރުވެފައި ނެތް ކަމެއް ލައިގަތުމުންނެވެ.

"މި ހާދިސާ މިގޮތަށް ހިންގުމާއެކު އަޅުގަނޑުމެންގެ އޮޕަރޭޝަނަށް ވަގުތުން ވަނީ ބަދަލު ގެނެސްފައި. މިހާރު ދުވާލެއްގެ މައްޗަށް 500 އެއްހާ އޯޑަރު އެބަ ލިބޭ. ފެން ވެސް އުފައްދައިގެން ގުދަނަށް ގެނައުމާއެކު އޮންނަނީ ހުސްވެފައި. އެ އޮޕަރޭޝަން ވެސް ވަަރަށް ޓައިޓްކޮށް ދަނީ. އެކަމަކު ކޮންމެ ދުވަހަކު ވެސް އަންނަ އޯޑަރުގެ 80 ޕަސެންޓް ފުރިހަމަ ކުރެވޭ އެބަ،" އިހުސާން ވިދާޅުވި އެވެ.

ހާސްކަމުގެ ތެރޭގައި ބޮޑު ލަސްވުމެއް

"ހޯމް ޑެލިވަރީ" ގެ ހިދުމަތް ގިނަ ފިހާރަތަކުން ފެށީ، ގުޅައިގެން އޯޑަރު ނަގާ އުސޫލުންނެވެ. ރެޑްވޭވް ފަދަ ބޮޑެތި ފިޔަފާރި ތަކުން ވައިބާ ކުރަން ހާއްސަ ނަމްބަރު ތަކެއް ވެސް ހާއްސަ ކުރި އެވެ. އެކަމަކު މާލެތެރޭގައި އުފެދުނު ބޮޑު ޕެނިކާއެކު، ގިނަ ބަޔަކު ވައިބާ ނަމްބަރު ތަކަށް ގުޅަން ފެށުމުން އެކަންވީ ހިދުމަތް ލަސްވުމުގެ އެއް ސަބަބަށެވެ. ވާނުވާގައި ގިނަ ބަޔަކު ކޮޅުކޮޅު މައްޗަށް ދުވަމުން ދިޔައީ އެވެ. އެހެންވެ ވައިބާ އިން އޯޑަރު ނަގަން ހުޅުވާލި ސިސްޓަމްތައް ވެސް މުޅީން ގަނޑުވީ އެވެ.

"ކިހިނެއް މި [ހޯމް ޑެލިވަރީ] ދޭނީ؟ ފޯނުގެ ވައިބާއަށް އެއް އޯޑަރު އައިސްގެން އެ، ވިއުކޮށްފަ، ލިސްޓް ބަލާލާއިރު، އޮވޭ އިތުރު 50 އޯޑަރު ލިބިފައި. ދުވާލަކު 600 އިން އޯޑަރު އަންނަމުން ދިޔަ،" ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.

އެއް ފަހަރާ އޯޑަރުތައް އަންނަން ފަށައިފާނެ ކަމަށް ބަލައި، ބައެއް ކުންފުނި ތަކުން އޮންލައިން ސިސްޓަމްތައް ވެސް ހެދި އެވެ. އެ ފަދަ އެއް ކުންފުންޏަކީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އެވެ. އެ ކުންފުނީގެ ސިސްޓަމަށް ވެސް އޯޑަރު ނެގޭ ވަރަށްވުރެ ގިނަ ވެގެން ދިޔަ އެވެ. އޯޑަރު ލިބޭ ވަރުން ގޭގެއަށް ގެންގޮސް ދޭނެ މީހުން ނެތި ލިސްޓު ދިގުވަމުން ދިޔަ އެވެ. އޭގެ ނަތީޖާއަކަށްވީ ފޭލިވެ އެ ހިދުމަތް ހުއްޓާލަން މަޖުބޫރު ވުމެވެ. އަދި އެ ކުންފުނިން މި އޯޑަރުތައް ގޭގެ އަށް ގެންދަން ސިފައިންގެ އެހީތެރިކަން ހޯދަން ޖެހުނެވެ.

ބިޒީ އަދި ޕެނިކް ހާލަތްތަކުގައި މަސައްކަތް ކުރުމަކީ، ކެޕްޓަން އަލީ އިހުސާނަށް އާ ކަމަށް ނުވި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގައި އޮތް ދެ ލައްކަ އެއްހާ މީހުން ދިރިއުޅޭ މާލޭގެ ގޭގެއަށް މުދާ، ގެންގޮސް ދިނުންވީ ހެޕީ މާކެޓުގެ މުވައްޒަފުން ނަށް ވެސް ބޮޑު ގޮން ޖެހުމަކަށް ކަމަށް އިހުޝާން ގަބޫލު ކުރައްވަ އެވެ.

"މިލިޓަރީގައި އުޅުނީމަ، އަޅުގަނޑަށް ދައްޗެއް ނޫން މި އޮޕަރޭޝަނެއް. އެކަމަކު މުވައްޒަފުން މޯޓިވޭޓް ކުރުމާއި، އެ މީހުން މި ހާލަތަށް ތައްޔާރު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ގިނަ މަސައްކަތް ތަކެއް ކުރަން ޖެހުނު. މި ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ހޯލް ސޭލް ކުންފުނި ކަމަށްވާތީ އާއްމުންނަށްޓަކައި މި ހިދުމަތް މިވަގުތު ދޭން ޖެހޭ. އެހެންވެ މިކަން މި ކުރަނީ،" ސިފައިންގެ ހިދުމަތުގައި 10 އަހަރު އުޅުއްވި އިހުސާން ވިދާޅުވި އެވެ.

ޑެލިވަރީ މުވައްޒަފުންގެ ހިތްވަރަށް ސާބަސް

ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް މާލެ ތެރެއިން ފެންނަމުން ދިޔަ ނަމަވެސް، ޑެލިވަރީ ހިދުމަތް ގިނަ ކުންފުނި ތަކުން ދަނީ ދެމުންނެވެ. އެއީ ހުއްޓައިލެވޭނެ ހިދުމަތެއް ވެސް ނޫނެވެ. ނަމަވެސް މި ހިދުމަތް ދޭ މުވައްޒަފުން މިކަމުގެ ސަބަބުން ތިބީ ބިރުންނެވެ. ވަޒީފާގެ ގޮތުން އެ މުވައްޒަފުންހިތްވަރާއެކު ކުރަނީ އެވެ. މިކަމުގައި ގިނައިން އުޅެނީ ވެސް ބިދޭސީންނެވެ. އެ މީހުންގެ ހިތްވަރަކީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ.

ރެޑްވޭވުގެ މެނޭޖަރު އަލީ ވިދާޅުވި ގޮތުގައި ޑެލިވަރީގައި އުޅޭ މުވައްޒަފުންނަކީ ޑޮކްޓަރުންނެކޭ އެއްގޮތަށް ނުރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރާ ބައެކެވެ.

"ސިއްހީ ހިދުމަތްތެރިން މި ބައްޔަށް ޝައްކުވާ ތަނަކަށް ދިޔަސް އެދަނީ ފުރިހަމައަށް ހެދުން އަޅައިގެން. ޑެލިވަރީ އަށް ދާއިރު ނޭނގޭނެ އެ ދަނީ ބަލި ހުރި ތަނަކަށް ކަމެއް ނޫނީ ނެތް ތަނަކަށް ކަމެއް. އެހެންވެ އެއް ގޮތަކުން ބުނެވިދާނެ ޑޮކްޓަރުންނަށް ވުރެ ވެސް ނުރައްކާތެރި ކަމަށް މި މީހުން މަސައްކަތް ކުރާ މާހައުލު،" އަލީ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލި ފެތުރެން ފެށިއިރު ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިކުދި ތަންތަން ކޮޅުގައި ނިދާ ކައިބޮއެ ހަދާ މީހުންގެ ތެރޭގައި މި ބަލި ފެތުރެން ފަށައިފިނަމަ ދިމާ ވެދާނެ މައްސަލަތަކެވެ. އެފަދަ ބައެއްގެ މެދުގައި ފެތުރެން ފަށައިފިނަމަ މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އެވާނީ ގޮވާ ބޮމަކަށެވެ.

މާލެއަށް ބަލާއިރު މަސައްކަތް ކުރާ ބިދޭސީންގެ އާބާދީގެ ދިރިއުޅުން އޮތީ އެފަދަ ގޮތަކަށެވެ. މިއީ ކުންފުނި ތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ލިލީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހި އެތައް ބައެއްގެ މެދަށް ވަނީ ބަލި ފެތުރިފަ އެވެ. ނަމަވެސް މިކަމުގައި ސިއްހީ ދާއިރާގެ ފަރާތްތަކަށް އެރި އޮޅުން ވެގެން ދިޔައީ ލިލީ ކުންފުނީގެ އޮޕަރޭޝަން އެއްކޮށް ހުއްޓިގެން ދިޔަ ކަމަށެވެ. ލިލީ އެންޓަޕްރައިސަސްގެ މުވައްޒަފުން ތަކެއް ބަލިވުމާއެކު ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނި ލިލީ އިންޓަނޭޝަނަލްގެ ޑެލިވަރީ އޮޕަރޭޝަން ވެސް ހުއްޓުވާފަ އެވެ. ނަމަވެސް މިއީ މުޅިން ވަކިން ހުރިހާ އޮޕަރޭޝަނެއް ހިންގާ ދެ ކުންފުންޏެކެވެ.

ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވި ގޮތުގައި ލިލީ އިންޓަނޭޝަނަލްގެ އޮޕަރޭޝަން ހުއްޓާލަން ޖެހުމަކީ އާއްމު ޕަބްލިކަށް ލިބިގެންދާނެ ބޮޑު ދެރައެކެވެ. އޭގެ ސަބަބުން އާއްމުން ބޭނުންވާ މުހިންމު ބާވަތް ތަކެއް މާކެޓުން ގެއްލުމުގެ ބިރު އެބައޮތެވެ.

"އޮޕަރޭޝަން ހުއްޓާލިއިރު ދުވާލެއްގެ މައްޗަށް 300 އޯޑަރު އައި. އަޅުގަނޑުމެންނަކީ ރިސޯޓު ސަޕްލައި ފުޅާކޮށް ކުރި ބައެއް. އެހެންވެ އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ޑެލިވަރީ ކޮށް ދޭން. އަޅުގަނޑުމެންގެ ސްޓާފުން ނިދުމާއި ކެއުން އަދި ހުރިހާ ކަމެއް ވެސް މުޅިން ވަކި ވަކިން ކުރި އަށް ދާނީ،" އާމިރު ވިދާޅުވި އެވެ.

މި ހާދިސާގެ އިބްރަތް ހާސިލްކޮށް ބައެއް ކުންފުނި ތަކުން ވަނީ އެ ކުންފުނިތަކުގެ މުވައްޒަފުންގެ ހުރިހާ ހިދުމަތްތަކެއް ބަދަލު ކޮށްފަ އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ސީނިއާ މުވައްޒަފުން ގެއަށް ނުގޮސް، އޮފީހުގައި ކޭމްޕްކޮށްގެން ތިބޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. އަދި ޖޫނިއަ މުވައްޒަފުންގެ ނިދުން ވެސް ބަދަލު ކޮށްފައި ވެއެވެ.

"މުވައްޒަފުން ހާސް ވެދާނެތީ، ކޮންމެ ދުވަހު ބްރީފިންއެއް ދެން. ހަނދާން ކޮށްގެން ސިއްހީ މިންގަޑުތައް. އަބަދު ވެސް މަޖުބޫރުކޮށްފަ މި އޮންނަނީ އަތް ދޮވުން. މުވައްޒަފުން ވަކިވަކިން ނިދޭ ގޮތަށް އެކި ސަރަހައްދުތަކަށް ބަދަލުކޮށްފައި ވާނީ. އޭރުން އެކަކު ބަލިވި ނަމަވެސް އެންމެން ބަލިވުމުގެ ޗާންސް ކުޑަވާނެ،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލެ އަށް ދިމާވެފައިވާ މިބޮޑު ކާރިސާގައި ވިޔަފާރިތައް ފެނިގެން ދަނީ ހިތްވަރު ގަދަ ބައެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ހާއްސަ ޑެލިވަރީ ސިސްޓަމްތައް ނެތް ނަމަވެސް މެނުއަލީ ފޯނު ނަގައިގެން ޑެލިވަރީ ކޮށްދެވޭތޯ ވެސް ބައެއް ކުންފުނިތަކުން މަސައްކަތް ކުރެ އެވެ. އެކަމަކު މި ނުރައްކާތެރި ވަގުތު މި ވަރުގަދަ އޮޕަރޭޝަންގައި މި ވިޔަފާރިތަކަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.