ހަބަރު

ޖަަލު އޮފިސަރުންނަށް ގައިދީން އަނިޔާ ކުރޭ: މުނާޒު

ޖަލުތަކުގައި ބަންދު ކުރާ ގައިދީން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންނަށް އަނިޔާ ކުރާ ކަމަށާއި އަމާޒަކީ އެފަދަ ގައިދީން އިސްލާހު ކުރުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރޭ ވިދާޅުވެއްޖެ އެވެ.

މުނާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ވެސް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ. އެފަދަ އަމަލުތައް ހިންގާ ގައިދީންނަށް ހެޔޮ ވިސްނުން ލައިދީ އިސްލާހު ކުރުމުގެ ގޮތުން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރުން އަމާޒަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް ވެސް ކެތްތެރިކަމާއެކު އަޅުގަނޑުމެން އަޅަމުން ގެންދާނަން،" މުނާޒު ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދަށްވެ، ޖަލުތަކުގައި އޮފިސަރުންނާއި ގައިދީންނާ ދެމެދު ވެސް ހަމަނުޖެހުން ފަދަ ކަންކަން މީގެ ކުރިން އެތައް ފަހަރަކު ހިނގާފައިވެ އެވެ. ދާދި ފަހަކުން ވެސް ކަރެކްޝަންސް އިން ބަހައްޓަމުން ގެންދާ މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތަކެއް ވެސް ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލުކޮށްފައިވެ އެވެ.