ލައިފްސްޓައިލް

މޫނު ދޮންނަން 60 ސިކުންތުގެ ގަވާއިދެއް

އާ އަހަރު މޫނަށް އިތުރު ފުރިހަމަކަމަކާއި އުޖާލާ ކަމެއް ގެންނަން ބޭނުން ހެއްޔެވެ؟ އެކަމަށްޓަކައި މާ ބޮޑު ކަމެއް ކުރާނެ ކަމެއް ނެތެވެ. އެންމެ 60 ސިކުންތުގެ މި ގަވާއިދަށް އަމަލު ކޮށްލާށެވެ. މި 60 ސިކުންތުގެ ތެރޭގައި މާ ގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހެ އެވެ. މިއީ ހަމުގެ ތަޖުރިބާކާރެއް ކަމަށްވާ ނަޔަމްކާ ރޮބާޓްސް - ސްމިތު ޓުވިޓާގައި އޭނާ ފޮލޯކުރާ 121000 މީހުންނަށް ދީފައިވާ އިރުޝާދެކެވެ. އޭނާ ބުނެފައިވާ ގޮތުގައި މޫނު ދޮވުމުގެ ގަވާއިދަކީ 60 ސިކުންތު ނުވަތަ އެއް މިނިޓް ވަންދެން މޫނު ދޮވުމެވެ.

އޭނާ ބުނެފައިވާ ގޮތުގައި ގިނަ މީހުން މޫނު ދޮންނަކީ އެންމެ 15 ވަރަކަށް ސިކުންތު ވަންދެނެވެ. މޫނު ދޮންނަ ކޮންމެވެސް ކަހަލަ ފޭސްވޮޝްއެއް މޫނުގައި ހާކާލާފައި އަވަހަށް މޫނު ދޮވެލަނީ އެވެ. މިއީ މޫނު ދޮންނަން ރަނގަޅު ގޮތެއް ނޫން ކަމަށާއި ފޭސްވޮޝް ހާކާފައި 60 ސިކުންތު ވަންދެން އިނގިލިތަކުން މޫނުގައި ހާކަން ޖެހޭނެ ކަމަށާއި އެހެން ނޫނީ އިސްތަށިތަކުގެ ބުޑުތަކުގައިވާ ބްލޮކްތައް ނުފިލާނެ ކަމަށް އޭނާ ބުންޏެވެ.

ރޮބާޓްސް ވަނީ މޫނު ދޮންނާނެ ފުރިހަމަ ގޮތް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ފޭސްވޮޝްކޮޅެއް އަތްތިލައަށް ލުމަށްފަހު ފެނާއެކު މޫނުގައި ހާކާފައި 60 ސިކުންތު ވަންދެން އިނގިލިތަކުން ހާކަމުން ގެންދަން ޖެހޭނެ އެވެ. އެހެން ނޫނީ އެއްވެސް ފޭސްވޮޝް އަކުން އެކަށީގެންވާ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

ކޮންމެހެން ހަމަ 60 ސިކުންތަށް މޫނު ދޮންނަން ޖެހޭ ހޭ ވަރަށް ގިނަ މީހުންގެ ހިތަށް އަރާނެ އެވެ. ނަމަވެސް ރޮބާޓްސްގެ މި ވާޙަކައަށް ތާއީދުކުރާ އަދި މިކަން އަޖުމަ ބަލާފައި ތިބި ގިނަ ބަޔަކު ވެސް ސޯޝަލް މީޑިއާގައި މި ޚަބަރަށް ކޮމެންޓްކޮށްފައި ވެއެވެ. މީގެ ތެރެއިން އެކަކު ބުނި ގޮތުގައި އޭނާ މިގޮތަށް އެއް މަސް ދުވަހު މޫނު ދޮވުނުއިރު މޫނުގެ ރީތިކަމާއި އުޖާލާކަން އިތުރުވެ ވަރަށް ބޮޑު ތަފާތެއް ފެނުނު ކަމަށެވެ.

މި މީހާ ނޫން އިތުރު މީހުން ވެސް މިކަމުން އެމީހުންގެ މޫނަށް ކުރި ފައިދާތަކުގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.
ފަސްދޮޅަސް ސިކުންތުގެ މި ގަވާއިދަށް އަމަލުކުރުމުގެ އިތުރު ފައިދާތައް ވެސް އެބަހުއްޓެވެ. އެއް ކަމަކީ މިގޮތަށް މޫނު ދޮންނަން ފެށުމުން އެ މީހަކު އެ ބޭނުންކުރާ ފޭސްވޮޝްއަކީ އެމީހާ އާ އެންމެ ގުޅޭ ފޭސްވޮޝް އެއްތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނެތީ އެވެ. ސަބަބަކީ ބޭނުންކުރާ ފޭސްވޮޝްއަކީ އެމީހަކާ ނުގުޅޭ އެއްޗެއް ނަމަ 60 ސިކުންތު ވަންދެން ބޭނުންކުރުމުން ކޮންމެވެސް ވަރެއްގެ ހިރުވުމަކާއި ރަތްކަމެއް މޫނަށް އިހްސާސް ވާނެ އެވެ.