ލައިފްސްޓައިލް

ސްޓްރެސް ފިލުވަން މޭޒުމައްޗަށް ގަހެއް!

މި އަހަރު އަޒުމު ކަނޑައަޅާފައިވާ އެއް ކަމަކީ ސްޓްރެސް ލެވެލް ދަށްކުރުން ކަމަށް ވާނަމަ އަވަހަށް މޭޒުމަތީގައި ބަހައްޓާނެ ގަހެއް ހޯދާށެވެ. ޖަޕާނުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މޭޒުމަތީގައި ގަސް ބެހެއްޓުމަކީ ސްޓްރެސް ދަށްވާނެ ކަމެކެވެ.

ޖަޕާނުގެ އަވާޖީގެ ހިޔޯގޯ ޔުނިވަސިޓީގެ ސައިންސްވެރިން ކުރި މި އާ ދިރާސާގައި ބެލީ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ނަފްސާނީ ސިއްހަތަށް އިންޑޯ ޕްލާންޓްސް އިން ކުރާ އަސަރުތަކެވެ. އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ފެހި ގަސްތަކުގެ ތެރޭގައި ވަރަށް މަދުން ނޫނީ ވަގުތު ހޭދަ ނުކުރެވޭ ބައެކެވެ. އެމީހުން ދުވާލެއްގެ ގިނަ ވަގުތު ހޭދަކުރަނީ އޮފީހުގެ ހަތަރު ފާރު އެތެރޭގަ އެވެ.

މި ޓީމުން މި ދިރާސާގައި 63 މީހަކު ބައިވެރިކުރި އެވެ. މި އެންމެންނަކީ ވެސް އެކި އޮފީސްތަކުގައި ވަޒީފާ އަދާ ކުރާ މީހުންނެވެ. މި މީހުން މަސައްކަތްކުރަން ތިބޭ މޭޒުގައި ގަސް ބެހެއްޓުމުގެ ކުރިންނާއި ބެހެއްޓުމަށްފަހު މި މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ސްޓްރެސް ހުރި ވަރު ދެން ޗެކް ކުރި އެވެ.

މި ދިރާސާކުރި ފަރާތުން ޚިޔާރުކުރި ހަ ވައްތަރެއްގެ ގަހުގެ ތެރެއިން ދިރާސާގައި ބައިވެރިން ބޭނުންވާ ވައްތަރެއްގެ ކުޑަ ގަހެއް މޭޒުމަތީގައި ބެހެއްޓުމުގެ ފުރުސަތު އެމީހުންނަށް ދިނެވެ. މި ގަސްތަކުގެ ތެރޭގައި ހިމެނެނީ އެއާ ޕްލާންޓްސް، ބޮންޒައި ޕްލާންޓްސް، ސެން ޕެޑްރޯ ކެކްޓަސް، ފޮލިއޭޖް ޕްލާންޓްސް، ކޮކެޑާމާ ނުވަތަ އެޗެވީރިއާ އެވެ. މި ހަ ބާވަތުގެ ގަހުގެ ތެރެއިން އެމީހަކު ބޭނުން ވައްތަރެއްގެ ގަހެއް މޭޒުމަތީގައި ކޮމްޕިއުޓަ މޮނިޓާ ކައިރީގައި ބެހެއްޓުމަށް އިރުޝާދު ދިނެވެ.

ދެން ސައިންސްވެރިން ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ދިރާސާ ކުރިޔަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އެއް ހަފުތާގެ ކޮންޓްރޯލް ޕީރިއަޑަކާއި ހަތަރު ހަފުތާގެ އިންޓަވެންޝަން ޕީރިއަޑެކެވެ. ކޮންޓްރޯލް ޕީރިއަޑްގައި ބައިވެރިން އޮފީހުގައި މަސައްކަތް ކުރާނީ މޭޒުމަތީގައި ގަހެއް ނުބަހައްޓަ އެވެ. އިންޓަވެންޝަން ޕީރިއަޑްގެ ތެރޭގައި ހިމެނޭ ހަތަރު ހަފުތާގައި ގަސް ބެހެއްޓީ އެމީހުންނަށް ފެންނަ ހިސާބުގަ އެވެ. އަދި ދިރާސާގެ ބައިވެރިންނަށް ގަސް ބަލަހައްޓަން ވެސް ޖެހެ އެވެ. އަދި އިންޓަވެންޝަން މަރުހަލާގައި ބައިވެރިން މާބުރަވެގެން ވަރުބަލިކަން އިހްސާސް ކުރެވޭ ކޮންމެ ފަހަރަކު މޭޒުމަތީގައިވާ ގަހާ ދިމާލަށް ތިން މިނިޓް ވަންދެން ބަލަން އިންނަން ވެސް އިރުޝާދު ދިނެވެ.

އެމެރިކަން ސޮސައިޓީ ފޯ ހޯޓިކަލްޗާ ސައިންސްގެ ފަރާތުން ޖާނަލް ހޯޓްޓެކްނޮލޮޖީގައި ޝާއިއުކުރި މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ޖިސްމާނީ ސްޓްރެސް ވަޒަންކޮށްފައިވަނީ ބައިވެރިންގެ ހިތްނުތަނަވަސްކަން ހުރި މިންވަރަށް ބަލައިގެންނެވެ. ފުރަތަމަ މަރުހަލާ އާއި ދެ ވަނަ މަރުހަލާގައި ބައިވެރިންގެ އެންޒައިޓީ ލެވެލް ހުރި މިންވަރު ވަޒަން ކޮށްފައި ވެއެވެ.

މި ހޯދުމުން ދައްކާ ގޮތުން ތިން މިނިޓްވަންދެން ގަހަށް ބަލަހައްޓައިގެން އިނުމުން ޖިސްމާނީ ސްޓްރެސް ލެވެލް ވަރަށް ބޮޑުތަން ދަށްވެފައި ވެއެވެ. ސްޓްރެސް ލެވެލް ދަށްވި މިންވަރު ބެލީ ބައިވެރިންގެ ވިންދު ޗެކްކޮށްގެންނެވެ.
ދިރާސާގެ ހުރިހާ ބައިވެރިންގެ ހިތްނުތަނަވަސްކަން ހުރި މިންވަރު ވެސް ގަސްތައް ބެހެއްޓި ފަހުން ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށާއި ބަހައްޓަން ބުނި ގަހުގެ ވައްތަރު ތަކުގެ ތެރެއިން ވަކި ވައްތަރެއްގެ ގަހަކުން ވަކިން ބޮޑަށް ސްޓްރެސް ދަށްވާކަން ފާހަގަ ވެފައި ނެތް ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

ވަރަށް ގިނަ ބައިވެރިން އެމީހުންގެ ގަސް ބަލަހައްޓަން ޖެހުން ނެގީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި ފަސް ހެދި ބޮޑުވާތަން ފެނުމުން ބުނަން ނޭނގޭ ކަހަލަ އުފަލެއް އިހްސާސް ކުރެވުނުކަމަށް ވެސް ގިނަ ބައިވެރިން ބުނި ކަމަށް މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.

ސައިންސްވެރިން ބުނަނީ އެމީހުން ހިތްހަމަޖެހޭ ކަހަލަ ގަހެއް ޚިޔާރުކޮށް އެގަހަށް ލޯތްބާއި އަޅާލުން ދިނުމުގެ ފުރުސަތު ލިބުމުން ހުރިހާ އެންމެންނަށްވެސް ނަފްސާނީ ގޮތުން ވަރަށް ރަނގަޅު އަސަރުތަކެއް ކޮށް ސްޓްރެސް ލެވެލް ދަށްވި އެވެ. އަދި މޭޒުމަތީގައި ރީތި ގަހެއް އިންނަ ތަން ފެނުމުން ވެސް ހިތްހަމަޖެހުން އިތުރަށް ލިބުނުކަމަށް ބައިވެރިން ބުނި ކަމަށް ވެއެވެ.

މި ދިރާސާއަށް ބުރަވެ ސައިންސްވެރިން ބުނެފައިވަނީ އޮފީސްތަކުގައި ކުދިކުދި ގަސް ބެހެއްޓުމަކީ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާލަތު ރަނގަޅުވުމުގެ އިތުރުން އޮފީހަށް މަންފާ ކުރާނެ ކަމެއް ކަމަށެވެ.