ހަބަރު

އިސްލާމިކް ޔުނިވާސިޓީއަށް އާ ޑީނުން އައްޔަން ކޮށްފި

އިސްލާމިކް ޔުނިވާސިޓީއަށް އާ ޑީނުން އައްޔަން ކޮށްފި އެވެ.

އާ ޑީނުން އައްޔަން ކޮށްފައި ވަނީ މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އާ ޑީނުން އައްޔަން ކޮށްފައި ވަނީ، ކުއްލިއްޔާ އޮފް އަރަބިކް ލެންގްއޭޖާއި ކުއްލިއްޔާ އޮފް އެޑިޔުކޭޝަނަނާއި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އާއި ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ އާއި ސެންޓަ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް އަދި ސެންޓަ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސް އަށެވެ.

އާ ޑީނުން އައްޔަން ކޮށްފައިވަނީ ކުރިން ޑީނުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

މިއަދު ފަތްކޮޅު ހަވާލި ކުރެއްވި ޑީނުން

  • ސެންޓަ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީން: ޑރ. އަބްދުﷲ ޖަމީލް
  • ސެންޓަ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން: ޑރ. އިސްމާއިލް ޝަފީއު
  • ކުއްލިއްޔާ އޮފް އެރަބިކް ލެންގްވޭޖްގެ ޑީން: އިސްހާގު މުހައްމަދުފުޅު
  • ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީން: ޑރ. ޢާއިޝަތު ރީޝާ
  • ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްގެ ޑީން: އަހްމަދު ސަލީމް ހުސައިން
  • ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ޑީން: މުހައްމަދު ޝުޖާއު އަބްދުލްޙަކީމް

ޑީނުންނަށް އައްޔަން ކުރި ބޭފުޅުންނަކީ، އާންމުކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ޔުނިވާސިޓީގެ މަޖިލީހުން ހަތަރު އަހަރުގެ މުއްދަތަށް އައްޔަން ކުރި ބޭފުޅުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ފަތްކޮޅު އެރުވި ޑީނުންގެ ތެރެއިން ޑރ. އާއިޝަތު ރީޝާ އާއި އިސްހާގް މުހައްމަދުފުޅާއި އަހްމަދު ސަލީމް ހުސައިން އަދި މުހައްމަދު ޝުޖާއު އަބްދުލްހަކީމަކީ ކުރިންވެސް ޑީން ކަމުގެ މަގާމުގައި ތިއްބަވައިގެން އަލުން މި މަގާމަށް ހޮވިވަޑައިގެންނެވި ބޭފުޅުންނެވެ.