ހަބަރު

ފޭރުނު 127،000 ރުފިޔާ ހޯދީ މައްސަލަ ރިޕޯޓު ކުރި މުއައްޒަފު ގެއިން

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނިކުތް ވަގުތު ފޭރުނު ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރި މީހާގެ އަތުން އެ ފައިސާތައް ފުލުހުން ހޯދައިފި އެވެ.

ޓުއަރިޒަމް އޮޕަރޭޓްކުރާ ވިޔަފާރި ކުންފުންޏެއްގެ މުއައްޒަފަކު ކުންފުނީގެ ފައިސާ ނަގައިގެން އެސްބީއައިއިން ނިކުތް ވަގުތު ފޭރުނު ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހެޅީ މިދިޔަ މަހު 26 ގައެވެ. ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ފައިސާ ހިފައިގެން ނިކުތް އެ ކުންފުނީގައި މަސައްކަތް ކުރާ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރިއިރު ރިޕޯޓް ކުރި މުއައްޒަފު ދޮގު މައުލޫމާތު ދިންކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ މުވައްޒަފު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރުމުން އެ ގެއިން ފޭރުނު ކަމަށް ރިޕޯޓު ކުރި 8،000 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ޑޮލަރުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާގެ އަތުން ފޭރުނީ ނޫން ކަމާއި އޭނާ އެ ފައިސާ ނަގައިގެން ގެންގޮސް ފޮރުވާ، ފައިސާ ޑޮލަރަށް މާރުކުރި ކަމަށް ބުނި. އަދި ބާކީ ފައިސާ ބޭނުން ކުރި ކަމަށް ބުނެ އިއުތިރާފްވި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ ފައިސާގެ ޖުމުލަ އަދަދަކީ 127،000 ރުފިޔާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.