ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުވި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްގެ މަައުލޫމާތާއި އޭނާގެ ފޮޓޯ ފުލުހުން އާންމު ކޮށްފި އެވެ.
ފުލުހުން ހޯދަމުން ދަނީ ޏ. ފުވައްމުލައް / ދިގުވާނޑު، ގެރަދޫގޭ އަހްމަދު އާދިލް 26، އެވެ. މިއީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލަ އެކެވެ.
އާދިލަކީ އާންމުންގެ ތެރޭގައި މަގުބޫލު ކަމެއް އޮތް ސިމްބޮލިިކް ރެކޯޑްސްގެ ކުރީގެ ލަވަ ކިޔުންތެރިއެކެވެ. ފުލުހުން ވަނީ އާދިލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ހިއްސާ ކުރަން އެދިފައެވެ.
ސިމްބޮލިކްގެ ކުރީގެ ލަވަކިޔުންތެރިޔާ އާދިލް ހޯދަން ފޮޓޯ އާންމު ކޮށްފައިވާއިރު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ސިމްބޮލިކްގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުުފުލާފަ އެވެ.
އިފްހާމުގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ޕެސްޓް ހައްޔަރުކުރީ 2.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެވެ. އޭނާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މީހަކު ހައްޔަރު ކޮށްފައިވެ އެވެ.