ވިޔަފާރި

އާއިލާއަށް ޑޭޓާ ޝެއާކުރެވޭ ޕެކޭޖުތަކެއް އުރީދޫން ތައާރަފުކޮށްފި

Aug 27, 2015

މުޅި އާއިލާ އެއްކޮށް ޑޭޓާ ޝެއާކޮށް ބޭނުންކުރެވޭ ޕެކޭޖުތަކެއް އުރީދޫން މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ތައާރަފުކުރި ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ "ޑޭޓާ ޝެއާ 699" އާއި "ޑޭޓާ 1299" އެވެ. މީގެ ތެރެއިން "699" ޕެކޭޖުގެ މަހުފީއަކީ 699ރ. އެވެ.

މި ޕެކޭޖުގައި 10 ޖީބީ ހިމެނެ އެވެ. އަދި މި ޕެކޭޖު ތިން މީހުންނަށް ބޭނުން ކުރެވެ އެވެ. "1299" ޕެކޭޖު ފަސް މީހުންނަށް ބޭނުން ކުރެވެ އެވެ. އަދި މި ޕެކޭޖުގައި 25 ޖީބީ ހިމެނެ އެވެ.

ޕެކޭޖުތަކުން ކަސްޓަމަރުންނަށް އެއް ޖީބީ އާއި 99 ޖީބީއާ ދެމެދުގެ އަދަދެއް ބޭނުން ކުރެވެ އެވެ. މި ޕެކޭޖުތައް ޝެއާ ކުރުމަށް "އެކްސް ޖީބީ އަދި ނަމްބަރު" ޖެހުމަށް ފަހު 5566 އަށް އެސްއެމްއެސް ކުރުމުން މި ޕެކޭޖުން ޑޭޓާ ޝެއާ ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނިން ހިދުމަތް ދެމުން ގެންދާތާ 10 އަހަރު ފުރޭއިރު، އާ ހިދުމަތްތައް ތައާރަފު ކުރާނެ ކަމަށާއި، އެގޮތުން މިފަދަ ތައާރަފު ކުރާ ދެ ޕެކޭޖަކީ ވެސް އެފަދަ "ތަފާތު ހިދުމަތެއް" ކަމަށެވެ.

"މި ޕެކޭޖަކީ ރާއްޖޭގައި ޑޭޓާ ބޭނުންކުރާ ގޮތް ބަދަލު ކޮށްލާނެ ޕެކޭޖެއް. ކޮންމެ ގެއެއްގައި ދެ ތިން ޑިވައިސް ގެންގުޅޭ. އެހެންވެ މި ތައާރަފުކުރާ ޕެކޭޖަކީ އާއިލާ އާއި ރަހުމަތްތެރިން އެއްކޮށް ބޭނުން ކުރެވޭނެ ޕެކޭޖެއް،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫން މިއަދު ތައާރަފުކުރި ޑޭޓާ ޝެއާ ޕެކޭޖުތައް ނެގުމަށް ޑޭޓާ ޕެކޭޖުގެ ނަމްބަރު ޖެހުމަށްފަހު 5566 އަށް މެސެޖު ކުރުމުން ވެސް މި ޕެކޭޖު ނެގިދާނެ އެވެ. މީގެ އިތުރުން #929* އަށް ގުޅާލައިގެންނާއި އުރީދޫ އެޕް ބޭނުންކޮށްގެން އަދި އުރީދޫ ވެބްސައިޓް މެދުވެރިކޮށް ވެސް މި ޕެކޭޖުތައް އެކްޓިވޭޓް ކުރެވެ އެވެ.