ލައިފްސްޓައިލް

ބައެއް ލޯޝަނާއި ސެންޓުން އެލާޖިކް ވަނީ ކީއްވެ؟

ހަމަށް ޚާއްސަކޮށްފައި ހުންނަ ތަފާތު ޕްރޮޑަކްޓްތަކުގައި ގިނަ އަދަދަކަށް ކެމިކަލް ހުންނަ ކަން އެންމެންނަށް ވެސް އެނގެ އެވެ. މި ކެމިކަލްތަކުން ބައެއް މީހުންނަކަށް އަސަރެއް ނުކުރެ އެވެ. އަނެއް ބަޔަކު އުޅެން ޖެހެނީ ގައި ހިރުވާ ވަރުންނެވެ.

ބިއުޓީ އިންޑަސްޓްރީއަށް އައި އެންމެ ރަނގަޅު އެއް އިންގިލާބަކީ މީރުވަސް ދުވާ އަދި ހަންގަނޑަށް ފައިދާހުރި ލޯޝަންތަކެވެ. ހަމަށް ފައިދާހުރި ތަފާތު އެއްޗެހި ބޭނުން ކޮށްގެން އުފައްދާ ބޮޑީ ބަޓާ ފަދަ އެއްޗެތީގައި ވަރަށް އާދަޔާޚިލާފު މަޑުމަޑު މީރުވަހެއް ވެސް ދުއްވާފައި ހުރެ އެވެ. އެހެންވެ ގިނަ ބަޔަކަށް މިހާރު ލޯޝަން އަކީ ހަމަ ކޮންމެހެން ވެސް އުނގުޅަން ޖެހޭ އެއްޗެކެވެ.

ނަމަވެސް ގައި ހިރުވާ އެލާޖިކް މައްސަލަތައް ދިމާވާތީ ލޯޝަން އުނގުޅަން ނުކެރޭ މީހުން ވެސް އުޅެ އެވެ. ލޯޝަން ފަދަ ބިއުޓީ ޕްރޮޑަކްޓެއް އުނގުޅައިގެން ގައި ހިރުވާނަމަ އެންޓި-ހިސްޓަމިން އެއް ބޭނުންކޮށްގެން އެ ހިރުވުން ފިލުވަ އެވެ. ނަމަވެސް މިކަން މިހެން ދިމާވަނީ ކީއްވެތޯ ބަލާލަން ޖެހެ އެވެ.

ބައެއް ލޯޝަން އާއި ސެންޓުން ގައި ހިރުވާ މައްސަލަ ދިމާވާ ސަބަބު މިހާރު ސައިންސްވެރިން ވަނީ ހޯދާފަ އެވެ. ޖާނަލް ސައިންސް އިމިއުނޮލޮޖީގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މިފަދަ ބާވަތްތަކުގައި ބޭނުންކޮށްފއިވާ ހުންނަ ކެމިކަލްތަކުން ހަމުގެ އެލާޖީ ކުރިމަތިވާ ސަބަބަކީ ހަމުގެ ސެލްތަކުގައި ހުންނަ ލިޕިޑްސް ނަމަކަށް ކިޔާ ނެޗުރަލް ފެޓް ގޮތަށް ހުންނަ މޮލެކިއުލްސް ތަކެއްގެ ސަބަބުންނެވެ.

އެމެރިކާގެ ކޮލަމްބިޔާ ޔުނިވަސިޓީގެ ސައިންސްވެރިން ވެސް ހިމެނޭ ގޮތަށް ކޮށްފައިވާ މި ދިރާސާގައި ބުނާ ގޮތުން އެލާޖިކް ރިއެކްޝަނެއް ފެށެނީ ދިފާއީ ނިޒާމުގެ ޓީ-ސެލްސް އަށް އެ ކެމިކަލަކީ ހަށިގަނޑަށް ބޭރުން ވަދެފައިވާ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ފާހަގަ ކުރެވުނީމަ އެވެ.

ސައިންސްވެރިން އިތުރަށް ފާހަގަ ކުރި ގޮތުގައި ޓީ-ސެލްސް އަކަށް މާ ކުޑަ ކެމިކަލްކޮޅެއް ސީދާ ފާހަގައެއް ނުކުރެވޭނެ އެވެ. ސަބަބަކީ އެ ކަމްޕައުންޑް ބޮޑެތި ޕްރޮޓީން އާއެކު މޮޑީފައި ވެގެން ނޫނީ ޓީ-ސެލްސް އަށްި ނުފެންނާތީ އެވެ. ނަމަވެސް ހަމަށް ޚާއްސަކޮށް އުފައްދާފައި ހުންނަ ތަކެތީގައި ހުންނަ ކުދި ކަމްޕައުންޑްސް އިން އެލާޖިކް މައްސަލަތައް ފެށެނީ ޓީ-ސެލްސް އަށް މި ކެމިކަލްސްތައް ފާހަގަ ކުރެވޭތީ އެވެ. މިއީ އުފެއްދުމުގައި ދިމާވާ ކަމެކެވެ. އަސްލު މި ކެމިކަލްސްތައް ޓީ-ސެލްސް އަށް ފެނިގެން ނުވާނެ އެވެ. ނަމަވެސް އެލާޖިކް މައްސަލަ ދިމާވަނީ ފެންނާތީ އެވެ.

ސައިންސްވެރިން ލަފާ ކުރަނީ ހަމުގެ ބޭރު ފަށަލައިގައިވާ އިމިއުން ސެލްތަކާއެކު އުޅޭ ގިނަ އަދަދެއްގެ ސީޑީ1އޭ ކިޔާ މޮލެކިއުލްއެއް އެއްގެ ސަބަބުން ޓީ-ސެލްސް އަށް ކެމިކަލްސްތައް ފެންނަން މެދުވެރިވަނީ ކަމަށެވެ.

ސްކިން ކެއާ ޕްރޮޑަކްޓްސްގެ ތެރެއިން ދަތް އުނގުޅާ ބޭސް، ކްރީމް އަދި މީރުވަސް ދުވާ އެއްޗެތީގައި އާއްމުކޮށް ހުންނަ ބާލްސަމް އޮފް ޕެރޫ، ފާނެސޯލް ފަދަ ކެމިކަލްތަކަކީ ފަސޭހައިން މީހުންނަށް އެލާޖިކް މައްސަލަތައް ކުރިމަތިކުރުވާ އެއްޗިއްސެވެ. އަދި ބެންޒައިލްބެންޒޮއެޓް އަދި ބެންޒައިލް ސިނަމޭޓް ފަދަ ކެމިކަލްތަކުން ވެސް އެލާޖިކް ވެއެވެ.