ލައިފްސްޓައިލް

10 ދުވަހު ކޯމާގައި އޮވެފައި ތެދުވެ އިމްތިހާނުން ފާސް ވެއްޖެ

ފިލިޕީންސްގެ އަންހެނަކު ކޯމާގައި 10 ދުވަހު އޮވެފައި ހޭ އެރިތާ މަހެއްހާ ދުވަހުގެ ތެރޭގައި ޓީޗަރު ކަމުގެ ލައިސަންސް ހޯދަން ބޭނުންވާ އިމްތިހާނު ހަދައި ފާސް ވެއްޖެ އެވެ.

އެލެން ވިދާ ސަންޓޯސް އަކީ ފިލިޕީންސްގެ ސުލްތާން ކުދްރަތުގައި ދިރިއުޅޭ މީހެކެވެ. އޭނާ ވަނީ އެ ގައުމުގެ ޓެކްރޮންގް ޔުނިވަސިޓީން އެލިމެންޓްރީ އެޑިޔުކޭޝަން ޑިގްރީއެއް ހާސިލުކޮށްފަ އެވެ. ކުރިމަގުގައި ޓީޗަރަކަށް ވުމުގެ އުންމީދުގައި ހުރި މި އަންހެންމީހާ ދެން އަވަސް ވެގަތީ ޓީޗަރުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ހޯދަން ހަދަން ޖެހޭ ލައިސެންޝުއާ އެގްޒެމިނޭޝަންސް އޮފް ޓީޗާޒް (އެލްއީޓީ) ގައި ބައިވެރިވާށެވެ.

ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހު އެކްސިޑެންޓެއްވެ އެލެން ވިދާ ކޯމާ އަށް ދިޔަ އެވެ. ބޮލުގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރި ފަހުން އޭނާ ހޭއެރިއިރު ކޯމާގައި އޮންނަތާ 10 ދުވަސް ވެއްޖެ އެވެ. ހޭ އެރި ނަމަވެސް އެލެން އަށް އިހްސާސް ކުރެވެނީ އޭނާގެ ދުނިޔެ އަނދިރި ވެފައިވާ ކަމެވެ. އެއްވެސް ކަމެއް ރަނގަޅު ނޫންކަމާއި ހަޔާތުގައި ވެސް ހުސް ކަމެއް ހުރި ކަމުގެ އިހްސާސް އޭނާއަށް ކުރެވެމުން ދިޔަ އެވެ.

ހޮސްޕިޓަލުގައި އެއް މަސް ދުވަހު އޮތުމަށްފަހު ގެއަށް ބަދަލުވުމާއެކު އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިން އެލެން އަށް ނަސޭހަތް ދިނީ ދުވަސްކޮޅަކު އަރާމު ކުރުމަށެވެ. ނަމަވެސް އޭރު އެލްއީޓީ އިމްތިހާނު މަހަކަށް ވަނީ ކައިރިވެފަ އެވެ. މިފަހަރުގެ އިމްތިހާނުގައި ބައިވެރި ނުވެއްޖެނަމަ އިތުރު އަހަރަކު އިމްތިހާނު ހަދަން އެލެން އަށް މަޑުކުރަން ޖެހޭނެ އެވެ. މިއީ އޭނާ ކުރަން ބޭނުންވި ކަމަކަށް ނުވާތީ ހިތްވަރާއެކު އިމްތިހާނަށް ތައްޔާރުވާން ފެށި އެވެ.

ވަރަށް ބުރަ މަސައްކަތް ކޮށްގެން އެލެން ވަނީ އިމްތިހާނު ހަދައި އަދި ފާސްވެސް ވެފަ އެވެ. ކިތަންމެ ދަތި ހާލެއްގައި ވެސް އަޒުމާއި ހިތްވަރު ހުރިއްޔާ ކާމިޔާބު ހޯދިދާނެކަން އެލެން ވަނީ ސާބިތު ކޮށްދީފަ އެވެ.