ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ކިންގް ސަލްމާން މިސްކިތް ނޫސްވެރިންނަށް ދަައްކާލަން މިއަދު ބޭއްވި ޓްއާ ތެރެއިން އެ ޕްރޮޖެކްޓުގެ އިންޖީނިއާ ހަސަން ސާމީ ވިދާޅުވި ގޮތުގައި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މި މަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާލަން ޖެހެ އެވެ.
އަދި މިހާރު ހިނގަނީ އިންޓީރިއާގެ ފަހުގެ މަސައްކަތްތައް ކަމަށާއި ކަނޑައެޅިފައިވާ ވަގުތަށް ނިންމާލެވޭނެ ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން މަސައްކަތް ނިންމުމަށް ފަހު މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރާނެ އެވެ. އަދި މިސްކިތް އާންމުންނަށް ވަދެވޭނެ ގޮތަށް ހުޅުވާލާނެ ތާރީހެއް ކަނޑައަޅާނީ އެ މިނިސްޓްރީންނެވެ.
ފަސް ފްލޯއެއް ހިމެނޭ ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރާ ގޮތައް ހަދާފައި ވަނީ ގްރައުންޑް ފްލޯއާއި ފުރަތަމަ އަދި ދެވަނަ ފްލޯ އެވެ. މިސްކިތުގެ ބޭރުގައި 6000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވެ އެވެ.
މިސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.
މިސްކިތުގެ ތިންވަނަ ފްލޯގައި ހުންނަނީ ބޮޑު ލައިބްރެރީއަކާއި އޮޑިޓޯރިއަމެކެވެ. އެ ދެ ތަނުގެ އިންފްރާސްޓްރަކްޗާ މަސައްކަތް ނިންމާލާފައިވީ ނަމަވެސް ލައިބްރެރީއަށް ބޭނުންވާ ފަރުނީޗަރެއް އަދި ނެތެވެ. ހަތަރުވަނަ ފްލޯގައި އެއްކޮށް އޮންނަނީ އޮޑިޓޯރިއަމްގެ އެއް ބަޔާއި ލޮބީ އޭރިއާއެކެވެ. އަދި ފަސް ވަނަ ފްލޯއަކީ މަލްޓި ޕާޕަސް ހޯލްއެކެވެ.
ސާމީ ވިދާޅުވި ގޮތުގައި މިސްކިތުގެ ބޭރުން ދެ ފަރާތުގައި ޕާކު ކުރެވޭ ތަނެއް ހަދާނެ އެވެ. ކާރާއި ސައިކަލަށް ޕާކު ކުރެވޭ ގޮތައް ހަދާ އެތަނުގެ ޑިޒައިން މަސައްކަތްތައް ފަށާފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފްތާ ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް އަޅާފައި ވަނީ ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުންނެވެ. އެއީ ކިހާ ވަރެއްގެ ބޮޑު މަޝްރޫއެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އަގު ބޮޑު އެ މިސްކިތް އަޅާފައި ވަނީ ބްރިޖާއި ދިމާލުން މާލޭގެ މަލަމަތި ފެންނައިރު ހިތްގައިމުކަމާއެކު ފެންނާނެ ފަދަ ގޮތަކަށެވެ.
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މި މިސްކިތުގައި 41500 އަކަފޫޓުގެ ޖާގައެއް ހުރެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ވެސް ވަނީ ހަަދައިފަ އެވެ.