ސުޕްރީމް ކޯޓް

ފަނޑިޔާރުންނަށް ބާރުދިން މާއްދާއެއް ބާތިލްކޮށްފި

ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށައަޅާ މައްސަލަތަކުގައި ގޮތް ނިންމާނީ އެ ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް އޮތް އޮތުން އެ ކޯޓުން ބާތިލްކޮށްފި އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށައަޅާ މައްސަލަތަކުގައި ގޮތް ނިންމާނީ އެ ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ހަމަޖައްސާފައިވަނީ ކުރިން ތިއްބެވި ފަނޑިޔާރުންނެވެ. އައު ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ސުޕްރީމް ކޯޓްގައި ތިއްބެވި ފަސް ފަނޑިޔާރުންވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަަދަލުކޮށް އެ ކޯޓަށް މިހާރު ވަނީ ފަސް ފަނޑިޔާރުން އައްޔަން ކޮށްފައެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ އެ ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށައަޅާ މައްސަލަތަކުގައި ގޮތް ނިންމާނީ އެ މަޖިލީހުން ކަމަށް އޮތް އޮތުން ބާތިލްކޮށްފައިވާ ކަަމަށެވެ.

އެ ގޮތަށް ނިންމާފައިވަނީ އެއީ ކޯޓްތަކުގެ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމަކަށްވާތީ ކަމަށްވެސް ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

ކޯޓްތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށައަޅާ މައްސަލަތަކުގައި ގޮތް ނިންމާނީ ރަޖިސްޓާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމަކީ އައު ސަރުކާރުގެ ވައުދެކެވެ.