ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު، ކުލަބު ވެލެންސިއާ އާއި ފުރަތަމަ ޑިވިޝަންގައި ކުރިން ވާދަ ކުރި ބީޖީ ސްޕޯޓްސް ކުލަބު ދެ ވަނަ ޑިިވިޝަން ފުޓްބޯޅަ މުބާރާތުގައި އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.
މިދިޔަ ސީޒަންގައި ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ވެލެންސިއާ އާއި 2016 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ބީޖީގެ އިތުރުން ދެން ގުރޫޕް ދޭގައި ހިމެނެނީ ކުޑަ ހެންވޭރު ޔުނައިޓަޑާއި ކުލަބު ޕީކޭ އެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ ފުރަތަމަ ޑިވިޝަންގެ ޕްލޭ އޮފް ޔުނައިޓަޑް ވިކްޓަރީ އަތުން ބަލި ވުމުންނެވެ.
ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ވެލެންސިއާއަށް ދެ ވަނަ ޑިވިޝަންގައި އިރުޝާދު ދޭނީ ފުރަތަމަ ޑިވިޝަންގައި އެ ޓީމުން ވާދަކުރިއިރު އެ ކުލަބުގެ ޓެކްނިކަލް ޓީމުގައި މަސައްކަތް ކުރި އިލްމާއު ހުސައިން (މައު) އެވެ.
ގުރޫޕް އެކެއްގައި ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި މަހިބަދޫ ސްޕޯޓްސް ކުލަބާއެކު، މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަންގެ ރަނަރަފް ޖޭޖޭ ސްޕޯޓްސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)، ސްޕަ ޔުނައިޓަޑް ސްޕޯޓްސްގެ އިތުރުން ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުވެސް ހިމެނެ އެވެ.
ކުރީގެ ފޯވަޑް އަހްމަދު ތޯރިގް (ޓޮމް) އާއި މި ސީޒަންގައި ފުޓްބޯޅަ ކުޅުން ހުއްޓާލި ލެޖެންޑަރީ ކީޕަރު އިމްރާން މުހައްމަދު އިސްވެ އުފައްދާފައިވާ މަހިބަދޫ ސްޕޯޓްސް ކުލަބު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވީ 2015 ވަނަ އަހަރު އެވެ. އެ ޓީމުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވީ ތިން އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރުމަށް ފަހު އެވެ.
މިހާރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން. މިދިޔަ ފަހަރުގެ ފައިނަލުގައި، ބަލިވި ޖޭޖޭގެ ކޯޗެއްގެ ގޮތުގައި، މިފަހަރު މަސައްކަތް ކުރަނީ ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. ގުރޫޕް އެކެއްގައި ދެން ހިމެނޭ ޑީއެސްސީ އަކީ މި އަހަރުގެ މުބާރާތަށް އެންމެ ދުރާލައި ތައްޔާރުވާން ފެށި ޓީމެވެ. މިދިޔަ ފަހަރު ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި ޑީއެސްސީ ގޮވައިގެން މިފަހަރު ނުކުންނަނީ ތަޖުރިބާކާރު ކޯޗް މުހައްމަދު އާތިފް (އާތީ) އެވެ. ދެ ވަނަ ޑިވިޝަނަށް ތައްޔާރު ވުމުގެ ގޮތުން އެ ޓީމުން ވަނީ އަތޮޅު ތެރޭގައި ބޭއްވުނު ކޮމިޔުނިޓީ މުބާރާތްތަކުގައިވެސް ވާދަ ކޮށްފަ އެވެ. އަދި އެ ޓީމުން ވަނީ މުބާރާތަށް ނުކުންނާނީ ބިދޭސީ ކުޅުންތެރިންވެސް ހިމަނައިގެންނެވެ.
ކުޑަ ހެންވޭރު ޔުނައިޓަޑް މުބާރާތަށް ނުކުންނަނީ ގިނަ ޒުވާން ކުޅުންތެރިން ތަކަކާއެކު އެވެ. ޓީސީ ސްޕޯޓްސް ކުލަބުގެ ބޮޑު އެހީތެރި ކަމާއެކު ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދަނީ ޓީސީގެ އެސިސްޓެންޓް ކޯޗް އާފިއު މުހައްމަދު ހަމީދު (އާފީ) އެވެ. އެ ޓީމުގެ ކޯޗަކަށް ހުންނާނީ ޓީސީ އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ) އެވެ.
ގުރޫޕް އެކެއްގައި ހިމެނޭ، 19 އަހަރުން ދަށުގެ ގައުމީ ޓީމު މުބާރާތުގައި ވާދަ ކުރަނީ ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ. އެގޮތަށް ނިންމީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. މިދިޔަ އޮކްޓޯބަރު މަހު ބައްސާމް ވިދާޅުވެފައި ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމު ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާއިރު 16 އަހަރުން ދަށުގެ ގައުމީ ޓީމު ތިން ވަނަ ޑިވިޝަންގައި ވާދަ ކުރާނެ ކަމަށެވެ.
މުބާރާތުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދު ދެނީ ކުރިން ފުރަތަމަ ޑިވިޝަންގައި ވެސް މަސައްކަތް ކުރި، ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ. އެ ޓީމު އިތުރަށް ވަރުގަދަ ކުރަން ކުޅުންތެރިން ހޯދުމުގެ ގޮތުން ޓްރެއަލްއެއް ވަނީ ބާއްވާފަ އެވެ.
ދެ ވަނަ ޑިވިޝަންގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ މެދުތެރޭގައެވެ.