ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް، އެ އަތޮޅު ކުޅުދުއްފުށި ސިޓީގެ މީހުން ވެސް ވޯޓު ދޭން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މީގެ ކުރިން ސިޓީގެ ދަރަޖަ ދީފައިވާ ފުވައްމުލަކަކީ ވަކި އަތޮޅެއްގައި އިން ހަމައެކަނި ރަށެކެވެ. އަދި އައްޑޫއަށް ސިޓީގެ ދަރަޖަ ދިނީ މުޅި އަތޮޅު ހިމެނޭ ގޮތަަށެވެ. އެހެންކަމުން އެ ދެ ސިޓީގައި އަތޮޅު ކަައުންސިލަރެއް އިންތިހާބު ކުރާކަށް ނުޖެހެ އެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ އަތޮޅެއްގައި ހިމެނޭ ވަކި ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިން ފުރަތަމަ ރަށް ކަމަށްވާތީ އެކަމާ ގުޅޭ ގޮތުން ބައެއް އޮޅުންތައް ވަނީ އަރައިފަ އެވެ.
އެގޮތުން ހދ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރުމުގައި ކުޅުދުއްފުށީ ސިޓީގެ މީހުން ވޯޓު ލާން ޖެހޭނެތޯ އާއި އެ އަތޮޅުގެ ވެރިކަން ކުރާ ރަށަކީ އަދިވެސް ކުޅުދުއްފުށިތޯ ވަނީ ސުވާލު އުފެދިފަ އެވެ.
އެކަމަށް އިޝާރަތް ކުރައްވައި އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީ ވެސް ހިމެނޭނީ އެ އަތޮޅުގެ އިދާރީ ދާއިރާތަކުގެ ތެރޭގައި ކަމަށާއި އެ ސިޓީގެ މީހުން ވެސް އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރަން ވޯޓު ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ސިޓީގެ މޭޔަރަކީ އަތޮޅު ކައުންސިލްގެ މެންބަރެއް ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
އެކަމަށް ބާރު ދެއްވާ އަކްރަމް ފާހަގަ ކުރެއްވީ މަޖިލީހުން އެންމެ ފަހުން ފާސްކުރި ލާމަރުކަޒީ ގާނޫނުގައި މިހާރު އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައިވާ ގޮތުން އަތޮޅު ކައުންސިލް އެކުވެލިގެން ވަނީ މުޅި އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސްއަކާއި، އަތޮޅުގައި ހިމެނޭ ކޮންމެ ރަށު ކައުންސިލެއްގެ ރައީސް އަދި އަތޮޅުގައި ސިޓީއެއް ހިމެނޭ ނަމަ އެ ސިޓީއެއްގެ މޭޔަރެއްގެ މައްޗަށެވެ.
ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މި ފެށުނު 2020 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމީ ވެސް އަންނަ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލެއް އެ ރަށުން އިންތިހާބު ކުރާނަމަ އޭގެ ކަންބޮޑުވުން ރަށު ރައްޔިތުންގެ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ރަށެއް ނުވަތަ ރަށްތަކަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެ އިދާރީ ދާއިރާއެއްގައި ހިމެނޭ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ. ކުޅުދުއްފުށީގެ އާބާދީގައި 10،000 މީހުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވެފަ އެވެ.