ލައިފްސްޓައިލް

އެންމެ ރަނގަޅު ޓީޗަރު، އެއް މިލިއަން ޑޮލަރު!

ދުނިޔޭގެ "ބެސްޓް ޓީޗަ" އެވޯޑު މިފަހަރު ލިބިފައިވަނީ ކެންޔާގެ ރިފްޓް ވެލީގެ ވަރަށް ފަގީރު ހިސާބެއްގައި ސައިންސް ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ ޕީޓާ ޓަބީޗީ އަށެވެ.

ޑުބާއީގައި ވަރަށް ފަހުން ބޭއްވި ގްލޯބަލް ޓީޗާޒް ޕްރައިޒް 2019 އެވޯޑު ދިނުމުގެ ހަފުލާގައި އޭނާއަށް މި އެވޯޑާއި މިއާއެކު ލިބޭ އެއް މިލިއަން ޑޮލަރު ހަވާލުކޮށް ދިނީ ހޮލީވުޑް އެކްޓަރު ހިއު ޖެކްމަން އެވެ. އެވޯޑާ ހަވާލުވި ވަގުތު އުފަލުން ގޮސް ޕީޓާއަށް ރޮވުނެވެ. ސަބަބަކީ އޭނާވީ ގުރުބާނީގެ އަގު މިފަދަ ގޮތަކަށް ލިބުނީމަ އެވެ.

ޕީޓާ ކިޔަވައި ދެނީ ކެންޔާގެ ޕަވާނީ ވިލެޖުގެ ކެރިކޯ މިކްސްޑް ޑޭ ސެކަންޑަރީ ސްކޫލްގަ އެވެ. ތަފާތު ސަގާފަތްތަކާއި ދީންތަކުގެ ވަރަށް ފަގީރު ވަރަށް ގިނަ ކުދިން މި ސްކޫލަށް ކިޔަވަން ދެއެވެ. ވަރަށް ބާވެ ހަލާކު ވެފައިވާ މި ސްކޫލްގެ ކްލާސްރޫމްތަކުގައި ކިޔަވާ މި ކުދިންގެ ތެރެއިން ގިނަ ކުދިންނަށް އެންމެ ކުޑަމިނުން ސްކޫލަށް ގެންދާނެ ފޮތް ފަންސުރު ވެސް ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން ޕީޓާ އޭނާގެ މުސާރައިގެ 80 ޕަސެންޓް ހޭދަ ކުރަނީ މި ކުދިންނަށް ބޭނުންވާ ތަކެތި ހޯދާދޭށެވެ.

މުސާރައިގެ ބާކީ 20 ޕަސެންޓް ޕީޓާ ބަހާލަނީ ކެއުމަށާއި ސްކޫލަށް ދިއުމަށް ކުރަން ޖެހޭ ދަތުރުފަތުރަށެވެ.
މި ސްކޫލަށް ދާ ގިނަ ކުދިންނަކީ ހަތް ކިލޯމީޓަރެއްހާ ހިސާބު ދުރުން އަންނަ ކުދިންނެވެ. މި ކުދިން ސްކޫލަށް ކޮންމެ ދުވަހަކު އަންނަނީ މިހާ ދިގު ރާސްތާއެއް ފައިމަގުގައި ކަޑައްތު ކޮށްފަ އެވެ.

ވިއްސާރަވެހުމުގެ ސަބަބުން މަގުތައް ބްލޮކްވުމުން ވަރަށް ގިނަ ކުދިންނަށް ސްކޫލަށް އާދެވޭނެ ގޮތެއް ނެތިފައި ވެސް ތިބެން ޖެހެ އެވެ. މިފަދަ ކުދިންނަށް ޕީޓާ ޚާއްސަ ޕްރޮގްރާމެއް ތައްޔާރު ކުރި އެވެ. އެކުދިންނަށް ނާދެވޭ ދުވަސްތަކުގެ ފިލާވަޅުތައް ލިބޭނެ ގޮތަށެވެ.

ސްކޫލްގެ ސައިންސް ކްލަބްގެ މަސައްކަތް ފުޅާކޮށް ކުދިންގެ ހުނަރު އިތުރުކުރުމުގެ މަސައްކަތް ވެސް ޕީޓާ ކުރިޔަށް ގެންދިޔަ އެވެ. ސްކޫލްގައި ހުންނަނީ އެންމެ ކޮމްޕިއުޓަރެކެވެ. އަދި އިންޓަނެޓް ވެސް ލިބެނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިކުރުމުގެ ޕްރޮގްރާމް ވެސް ވަރަށް ދަތިގޮތަކަށް ޕީޓާ ކުރިޔަށް ގެންދިޔަ އެވެ.

ސްކޫލު ފަގީރަސް އަދި ކުދިން ފަގީރަސް ރީޖަނަލް އަދި ކުދިންނަށް ސްކޫލަށް ނާދެވޭ ދުވަސްތައް ގިނަޔަސް ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކުދިންނަށް ބައިވެރިވެވޭނެ ގޮތް މި ޓީޗަރު ވަނީ ހޯދައިދީފަ އެވެ. އަދި މިއަހަރު އޮތް ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވެ މި ސްކޫލުން ވަނީ ރަން ވަނަތަކެއް ހޯދާފަ އެވެ.

ކިޔެވުމަށް ދަށްކުދިން ގެނެސްގެން ވަކި ވަކިން އެކުދިންނަށް ޓިއުޝަން ދިނުމަކީ ވެސް ޕީޓާ އާއި އޭނާއާއެކު މަސައްކަތްކުރާ ޓީޗަރުން ކުރާ މަސައްކަތެކެވެ. އަދި އެކުއްޖަކަށް ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާ ހޯދަން ޕީޓާ އެ ކުދިންނަށް ވަރަށް ހިތްވަރު ދެ އެވެ. ދުނިޔޭގެ އެންމެ ރަނގަޅު ޓީޗަރުގެ އެވޯޑު ޕީޓާ އަށް ލިބުނީ އޭނާ ކުރި މި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ޕީޓާ އަށް މި އެވޯޑު ލިބިފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުން މި އެވޯޑަށް ނަން ހުށަހެޅި 10،000 ޓީޗަރުންނާ ވާދަ ކޮށްގެންނެވެ. މި އެވޯޑާއެކު ލިބުނު އެއް މިލިއަން ޑޮލަރު ވެސް ޕީޓާ ހޭދަ ކުރަން ގަސްތު ކުރަނީ ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމަށާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.