ލައިފްސްޓައިލް

ބަރުދަން ލުއިކުރަން ސަޔާ ކޮފީވެސް ރަނގަޅު!

ހެނދުނު ހޭލައިގެން ބޯލާ ކޮފީ ތަށި ނުވަތަ ސައި ތަށި އެއީ ހަމައެކަނި ނިދި ފިލުވާލަން ބޭނުންކުރާ އެއްޗެއް ބަދަލުގައި އެއިން ބަރުދަން ވެސް ލުއި ކުރެވޭކަން އެނގޭނަމަ ވަރަށް އުފާވާނެ ދޯއެވެ. ޔުނިވަސިޓީ އޮފް އިލިނޮއިގެ ސައިންސްވެރިންގެ ހޯދުމެއް ދައްކާ ގޮތުގައި ސަޔާއި ކޮފީ ބުއިމަކީ ވެސް ބަރުދަން ލުއިވާނެ ކަމެކެވެ.

މިއީ ކެފެއިން އެކުލެވޭ ބުއިންތަކަށް ލޯބިކުރާ މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ. އަދި މިހާރަށް ވުރެ ގިނައިން ކޮފީ އާއި ސައި ބޯން ލިބުނު ރަނގަޅު ބަހަނާ އެކެވެ. ސައިންސްވެރިންގެ ހޯދުމުން ދެއްކި ގޮތުގައި ކެފެއިން އަކީ ބަރުދަން ލުއި ކުރުމާއި ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަށިގަނޑަށް އެތެރެވާ ހަކުރާއި ސަރުބީގެ ބައިތަކުގެ ނޭދެވޭ އަސަރުތައް ކެފެއިން އިން ކުޑަކޮށްލައިދޭތީ އެވެ.

ފޮކްސް ނިއުސްގައިވާ މި ރިޕޯޓްގައިވާ ގޮތުން މި ދިރާސާގައި ބޭނުންކުރީ މީދަލެވެ. ހުރިހާ މީދާތަކަށް ޖެހިޖެހިގެން ހަތަރު ހަފުތާ ވަންދެން ވަރަށް ސިއްހަތަށް ފައިދާ ނުކުރާ ކަހަލަ ކާނާ ދިނެވެ. މި އެއްޗިއްސަށް ދިން ކާނާގައި ހިމެނެނީ 40-45 ޕަސެންޓް ކާބޯހައިޑްރޭޓްސް އާއި 15 ޕަސެންޓް ޕްރޮޓީނެވެ. ހަމަ އެއާއެކު ކެފެއިން ވެސް އެކަށީގެންވާ މިންވަރަކަށް ދިނެވެ.

މި އެކްސްޕެރިމެންޓްގެ ފައިނަލް ނަތީޖާ ދެއްކި ގޮތުން ކެފެއިން ދިން މީދާތަކުގެ ހަށިގަނޑުން ސަރުބީ ލެވެލް ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. ސަރުބީ ހަށިގަނޑުގައި އިތުރުވީ މިންވަރު 22 ޕަސެންޓް ދަށްވެފައިވާއިރު ބަރުދަން އިތުރުވީ މިންވަރު 16 ޕަސެންޓް ލަސްވި އެވެ.

ކެފެއިން އެކުލެވޭ ސައި ނުވަތަ އަދި އެނޫންވެސް އެއްޗެއް ބޭނުންކުރުމުން ފެޓް ގިނައިން ހުންނަ ކާނާއިންނާއި ހަކުރު ގިނައިން ހުންނަ ކާނާއިން ކުރާ ނޭދެވޭ އަސަރުތައް ދަށްކުރެވޭކަން މި ދިރާސާއިން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށް ދިރާސާގެ ރިޕޯޓް ލިޔުއްވި އެލްވިރާ ގޮންޒަލެޒް މޭޖިއާ ވިދާޅުވި އެވެ.

އިންސާނުންގެ މެދުގައި މި ދިރާސާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.