ހަބަރު

ޔޫތު މިނިސްޓްރީން ތިން އެވޯޑެއް ތައާރަފްކޮށްފި

ޔޫތު މިނިސްޓްރީން ހާއްސަ ތިން އެވޯޑެއް ތައާރަފްކޮށްފި އެވެ.

މިދިޔަ އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން މިރޭ ދަރުބާރުގޭގައި ބޭއްވި "ރަން އަހަރު 2019" ޖަލްސާގައި ތައާރަފް ކުރީ "ޒުވާނުންގެ އެވޯޑް" އާއި، ކުޅިވަރަށް ހާއްސަ "ސްޕޯޓްސް އެވޯޑް" އަދި "ސިވިލް ސޮސައިޓީ އެވޯޑް" އެވެ.

ޒުވާނުންގެ އެވޯޑް އަކީ ޒުވާނުންގެ އިލްމާއި، ހުނަރުވެރިކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން މުޖުތަމައުއަށާއި ޒުވާނުންނަށް ފަރުދީގޮތުންނާއި، ޖަމާއީ ގޮތެއްގައި ކޮށްދޭ މަސައްކަތްތަކާއި، ހިދުމަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭނެ އެވޯޑެއް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޒުވާނުންގެ އެވޯޑް ތައާރަފްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

މީގެ އިތުރުން މިރޭ ތައާރަފް ކުރި ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތައް ފާހަގަކޮށް ކުޅިވަރުގެ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދާ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖުތަމައުއެއް ބިނާ ކުރުމަށް ހިތްވަރުދޭ އެވޯޑެކެވެ. އެ އެވޯޑް ތާރަފްކޮށްދެއްވާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މިރޭ ދެން ތައާރަފްކޮށްފައިވަނީ، ސިވިލް ސޮސައިޓީ އެވޯޑެވެ. އެ އެވޯޑް ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އެ އެވޯޑަކީ، ރަޖިސްޓްރީކޮށްގެން ހިންގާ މަަދަނީ ޖަމިއްޔާ ޖަމާތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، ގައުމުގެ ތަރައްގީއަށްކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ތިން އެވޯޑްވެސް މިއަހަރުންފަށައިގެން ކޮންމެ އަހަރަކުވެސް ދެމުންގެންދާނެ ކަމަށެވެ.