ދިރިއުޅުން

ކުނިގޮނޑަށް އެއްލާލި ކުއްޖާ އައިޓީ ޖީނިއަސްއަކަށް

ހަޔާތުގައި ކޮންމެ ކަމެއް ވެސް ދިމާވުމުގައި ކޮންމެވެސް ކަހަލަ މަސްލަހަތެއް ވެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ދެރަކަމެއް ދިމާވާ ފަހަރު ކެތްތެރިކަން ކޮޅުންލައިގެން އަތުން ފައިން ގޯސް ހެދޭ ގޮތް ވެސް މެދުވެރިވެ އެވެ. ހަޔާތުގައި ދިމާވާ ކަންކަމާހެދި މާޔޫސްގެ އުންމީދު ކެނޑިގެންދާ ފަހަރު ފަހަރުވެސް އުންމީދު ކަނޑާނުލައި ކުރިއަށް ދާނަމަ އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ގިނަ ފަހަރު ދައްކަ އެވެ. އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ ފްރެޑީ ފިގާސް އަކީ މީގެ މިސާލެކެވެ.

ފްރެޑީ އުފަންވުމާއެކު އޭނާގެ މަންމަ އޭނާ ގެންގޮސް ކުނިގޮނޑަށް އެއްލާލި އެވެ. އޭނާ ކުނިގޮނޑުން ނެގީ އެހެން ލާފައި ދިޔަ މީހަކަށް އޭނާ އެތާގައި އޮއްވާ ފެނިގެންނެވެ. އެމީހާ ފުލުހުންނަށް ގުޅައިގެން ގެނެސް ފްރެޑީ ހަވާލު ކުރި އެވެ. ފުލުހުން ފްރެޑީ ފުރަތަމަ ގެންދިޔައީ ހޮސްޕިޓަލަށެވެ. މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާތީ ދެ ދުވަހު ހޮސްޕިޓަލުގައި ބާއްވާފައި ދޫކޮށްލީ އެވެ. ނަސީބަކުން ނަތަން އާއި ބެޓީ ފްރިގާޒް އަށް ފްރެޑީ ފެނިގެން އޭނާ ބެލެހެއްޓުމާ ހަވާލުވީ ވެސް ހަމަ ހޮސްޕިޓަލުން ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. ބެޓީ އާއި ނަތަން ފްރެޑީ އެޑޮޕްޓްކޮށް އެ އާއިލާގެ ފަރުދަކަށް ހެދި އެވެ.

އޭގެ ފަހުން މިހާރު 30 އަހަރު ފާއިތުވީއިރު ފްރެޑީއަކީ ފްރިގާޒް ކޮމިއުނިކޭޝަން ކިޔާ ކުންފުންޏެއްގެ ސީއީއޯ އެވެ. މި ކުންފުންޏަކީ 62 މިލިއަން ޑޮލަރުގެ ޓެކްނޮލޮޖީ އެންޑް އިންވެންޝަން ކުންފުންޏެކެވެ.

ފްރެޑީ އަކީ މޮޅު ވިޔަފާޜިވެރިއެކެވެ. އަމިއްލައަށް އެއްޗެތި އީޖާދުކުރާ ޖީނިއަސް އެކެވެ. އަދި އިންސާނިއްޔަތަށް ޚިދުމަތްކުރުމާއި ޗެރިޓީތައް ހިންގައިގެން ނިކަމެތިންނަށް އެހީވުމުގައި އޭނާއަކީ ލާމާސީލު މިސާލެކެވެ.

ފްރެޑީގެ ހަޔާތުގައި ކުރިޔަށްދާންވީ މަގު އޭނާއަށް ވިސްނުނީ އުމުރުން އެންމެ ނުވަ އަހަރުގަ އެވެ. އޭނާގެ ބައްޕަ ގެޔަށް އަންނަމުން ބޭނުން ކޮށްފައިވާ ސެކަންޑްހޭންޑް ކޮމްޕިއުޓަރެއް އެއް ދުވަހު ގެނައި ހިސާބުންނެވެ. އެ ކޮމްޕިއުޓަރު ރަނގަޅު ކޮށްދޭން އެ ދުވަހު ފްރެޑީގެ ކައިރީގައި އޭނާގެ ބައްޕަ އެދުނެވެ. ހަގީގަތުގައި އެ ދުވަހު އޭނާގެ ބައްޕަ އެ މަސައްކަތް ފްރެޑީ އާ ހަވާލުކުރީ ގޯސް މަގަކުން އޭނާ ހިނގައިދާނެތީ ކޮންމެވެސް ކަމެއްގައި ޝާމިލު ކުރުވާފައި ބެހެއްޓުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެކަން ވީ ކަންކަން ހޯދާ ދެނެގަނެ އިންވެންޓްކުރުމަށް ފްރެޑީ އަށް ހުޅުވުނު މަގަކަށެވެ.

އުމުރުން 15 އަހަރު ފުރުނުއިރު ފްރިގާޒް ކޮމްޕިއުޓާޒް ކިޔާ ކޮމްޕިއުޓިން ކުންފުންޏެއް އުފައްދާ އެ ކުންފުނި ހިންގުމުގެ ހުރިހާ ކަމެއް ފްރެޑީ އަމިއްލައަށް ކުރަމުން ދިޔަ އެވެ. އޭގެ ފަހުން ދެ އަހަރު ފާއިތުވީއިރު ވެބްސައިޓާއި ސްޓޯރޭޖް ސްޕޭސް ބޭނުންވެގެން ފްރެޑީގެ ކުންފުންޏަށް ހުށަހަޅާފައިވާ 150 ކަސްޓަމަރުން ތިއްބެވެ.

ފްރެޑީގެ ބައްޕައަށް އަލްޒައިމާގެ މައްސަލަތައް ދިމާވެ ހަނދާން ނެތެން ފެށުމުން ފްރެޑީ އަމިއްލައަށް ބޫޓެއް އީޖާދު ކުރި އެވެ. އެ ބޫޓުގެ ތެރޭގައި ޖީޕީއެސް ޓްރެކާއެއް ހަރުކޮށް ދެ ފަރާތަށް މުއާމަލާތް ކުރެވޭނެ ގޮތް ވެސް ހެދި އެވެ.

"އަހަރެން ފޯނު ނަގާފައި "ބައްޕާ! ކޮންތާކު ތިހިރީ؟' ބުނާއިރަށް ބައްޕައަކަށް ނުޖެހޭނެ ހުރިތަން ބުނެދޭން މާ ބޮޑު ކަމެއް ކުރާކަށް. ގުދުވެފައި ބޫޓާ ވާހަކަ ދައްކާލާއިރަށް އަހަންނަށް ހޯދޭނެ ބައްޕަ ހުރި ހިސާބު. މި ޕްރޮގްރާމް ކާމިޔާބުކަމުން ކެންސަސްގައި ހުންނަ ކުންފުންޏަކުން އަހަންނާ ގުޅައިގެން އެ ޕްރޮގްރާމް ގަތީ 2.2 މިލިއަން ޑޮލަރަށް،" އިންސްޕައާ މޯ ކިޔާ ނޫހަކަށް ފްރެޑީ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

މިހާރު ފްރެޑީ އަކީ ކިތަންމެ ކާމިޔާބު މީހަކަށް ވިޔަސް އޭނާއަށް ކުޑައިރު ވަރަށް ބޮޑަށް ނަސްލީ ތަފާތު ކުރުންތަކާ ކުރިމަތިވި ކަމަށް ފްރެޑީ ބުންޏެވެ. އޭނާގެ މަންމަ ވިހާފައި ކުނިގޮނޑަށް އެއްލާލުމުން ބަޔަކު ހޮވާފައިވާ ކުއްޖެއްކަން އެނގުމުން ކްލާސް ކުދިން އޭނާއާ ދިމާލަށް 'ކުނިގޮނޑުން ނެގި ކުއްޖާ' އޭ ގޮވާ މަލާމާތްކުރި ކަމަށް ފްރެޑީ ބުންޏެވެ.

"އަހަރެމެން ދިރިއުޅުނީ ރަށްފުށުގެ ހިސާބެއްގައި ކަމަށް ވާތީ ކިރިޔާ ކަމެއް ވާއިރަށް މުޅި ހިސާބުގަނޑު މީހުންނަށް އެނގޭނެ. އަހަރެން އެޑޮޕްޓްކުރި މައިންބަފައިން އަހަންނަށް ހަގީގަތް ކިޔައިދިނީ މިގޮތަށް ކުދިން ގޮވަން ފެށީމަ. އަހަރެން ހަގީގަތުގައި ވެސް އެ ދުވަސްވަރު ވަރަށް ލަދުގަތް،" ފްރެޑީ ބުންޏެވެ.

ފްރެޑީގެ އުމުރުން 24 އަހަރުވީއިރު އޭނާ ވަނީ 80 ކަސްޓަމް ސޮފްޓްވެއާ ޕްރޮގްރާމް ފަރުމާ ކޮށްފަ އެވެ. ފައިސާގެ ތަނަވަސްކަން ލިބުމާއެކު ފްރެޑީ ދެން އަވަސްވެގަތީ އޭނާ ދިރިއުޅޭ ކޮމިއުނިޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އޭނާގެ އެހީތެރިކަން މުސްކުޅިންނާއި ޒުވާނުންނަށް އަދި ޅަ ކުދިންނަށް ވެސް ލިބެ އެވެ. ކޮލެޖް ސްކޮލަޝިޕްތައް ދީގެން ކުދިންނަށް ހިލޭ ތައުލީމު ފޯރުކޮށްދޭއިރު އަނެއްކޮޅުން ބިލްތައް ނުދެއްކިފައި ތިބޭ މީހުންނަށް ބިލްތައް ވެސް ދައްކައިދެ އެވެ. ޔޫތު ޕްރޮގްރާމްތައް ސްޕޮންސާކޮށްދެ އެވެ. އަދި ގެ މޯގޭޖްކޮށްގެން އެ ފައިސާ ނުދެއްކިގެން އުޅޭ މީހުންނަށް އެ ފައިސާ ވެސް ދައްކާދެ އެވެ.

ފްރެޑީ ބުނި ގޮތުގައި އޭނާ ގަބޫލުކުރާ ގޮތުގައި އޯގާތެރިކަމާއި އަޅާލުން ދޭންޖެހޭނީ އަމަލުންނެވެ. މީހަކަށް ކަމެއް ދިމާވެގެން އުޅޭނަމަ އެކަމެއްގެ ހައްލު ހޯދައިދީގެން މީހެއްގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް ގެނެސްދެވިއްޖެނަމަ އޭނާގެ މަގްސަދު ހާސިލު ވީ އެވެ.

ފައިސާ އަކީ މާ އަގުހުރި އެއްޗެއް ކަމަކަށް ފްރެޑީ ނުދެކެ އެވެ. އެހެންވެ އޭނާއަށް ލިބޭ ފައިސާއިން މީހުންގެ ދިރިއުޅުމަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭން އޭނާ ހޭދަކުރާނެ އެވެ.

އެއް ދޮރު ބަންދުވާއިރު އެހެން އެތައް ބައިވަރު ދޮރުތަކެއް ހުޅުވޭނެ ކަމުގެ އެންމެ އައުލާ މިސާލަކީ ފްރެޑީ ފްރިގާޒް އެވެ. އޭނާ މި މަސައްކަތް ކުރަނީ ހިތްހެޔޮކަމާއި ހިތްތިރިކަމާއެކު އަދި ވަކި މީހަކު ތަފާތު ކުރުމެއް ނެތި އެވެ.