މާފުށި ކައިރީ އަޅާފައިހުރި ސަފާރީތައް ބޭރު ކުރަން ކައުންސިލުން އެންގި އެންގުމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މާފުށީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް ވަނީ އަންގާފައެވެ.
މެންބަރު އުޝާމް ވިދާޅުވީ މާފުށީ ކައުންސިލްގެ ނިންމުމުގަ ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށެވެ. ލާމަރުކަޒި ގާނޫނަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ކަމަށާ އެކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައި ނުވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
މާފުށީ ކައުންސިލްގެ ނިންމުމުގަ ގާނޫނީ މައްސަލަތަކެއް އެބަހުރި. ލާމަރުކަޒި ގާނޫނަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް. އެކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައި ނުވޭ.އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު
ލާމަރުކަޒި ގާނޫނުގައި "ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައެޅުމުން" މި މާއްދާގައި ބުނެފައިވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި، ރަށު ކައުންސިލެއްގެ އިހްތިސާސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެ ކަމަށެވެ.
ކައުންސިލް ތަކަށް ބާރު ދީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން، ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަ ފަށުން ފެށިގެން 700 މީޓަރެވެ.
މާފުށީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިހުތިސޯސްގައި އެއްވެސް ސަފާރީއެއް ބަނދަރުކޮށްފައިވާނަމަ މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސަފާރީ އެއް އެތަނުން ނަގަން އަންގާ ކަމަށެވެ.
އެ މުއްދަތުގައި ސަފާރީތައް ނުނަގައިފިނަމަ ސަފާރީތައް ކައުންސިލްގެ ފަރާތުން ނަގާނެ ކަމަށާ، އެ ތަކެތި ނައްތާލާނެ ކަމަށެވެ. ނޫނީ ނީލަމުގައި ވިއްކާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ތަކެތި ހުސްކުރުމުގެ ތެރޭގައި ސަފާރީ ތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރިކުރާ މާފުށީގެ ކައިރީގައި އަބަދު ވެސް ސަފާރީތައް ބާއްވަ އެވެ. އަދި އެ ރަށުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެއް ގެސްޓްހައުސްތަކުން ވެސް ސަފާރީތައް ބަހައްޓައިގެން ވިޔަފާރި ކުރެ އެވެ.