މި އަހަރުގެ ކުރީ ކޮޅު ކ. މާފުށީގައި ނިވާކަން ކުޑަގޮތަކަށް، މަސްތުގެ ހާލަތުގައި ހުރި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން ގޯހެއް ހަދާފައިނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމި ގޮތަށް އެ މައްސަލަ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޒުވާން އަންހެން ފަތުރުވެރިޔާ، ފުލުހުން ހައްޔަރުކުރީ މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރީ ގަދަކަމުންނެވެ.
ފުލުހުން އޭނާ ހައްޔަރުކުރި ވީޑިއޯ އާއްމު ދުނިޔޭގެ ބައެއް މީޑިއާތަކުގެ ސަމާލުކަމަށް އައުމާއެކު، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ.
އެކަމާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، ކ. މާފުށީގައި ނިވާކަން ކުޑަކޮށް އަންހެން ފަތުރުވެރިޔަކު އުޅޭކަމުގެ ޝަކުވާ ލިބުމުން ފުލުހުން އެތަނަށް ގޮސް އޭނާގެ ހަށިގަނޑު ނިވާކުރުމަށް ތަކުރާރުކޮށް ނަސޭހަތްދިން ކަމަށެވެ.
ނަމަވެސް ފަތުރުވެރިޔާ އެކަމަށް އިންކާރުކޮށް، އެތަނަށް ދިޔަ ފުލުހުންގެ ތެރެއިން ފުލުހެއްގެ އައިނު އަތުލައި، ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ފުލުހެއްކަން އަންގައިދޭ ކާޑު ދަމައިގަތުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާ ކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ފަތުރުވެރިޔާ ފުލުސް އޮފީހަށް ގެންދިޔައީ ހައްޔަރުކުރުމަށް ނޫން ކަމަށާއި އެއީ އެވަގުތު އެކަން ހިނގި ސަރަހައްދަށް އެއްވެ ތިބި އާންމުންގެ ފަރާތުން ފަތުރުވެރިޔާއަށް އަދި ފަތުރުވެރިޔާގެ ފަރާތުން އާންމުންނަށް ނުވަތަ ފުލުހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށް ވެސް ކޮމެޓީން ބެލިބެލުމުން ވަނީ ހޯދާފަ އެވެ.
މިކަން ހިނގައިދިޔައިރު ފަތުރުވެރިޔާ ލައިގެން ހުރީ ހެދުމަކީ ރާއްޖޭގެ ޓޫރިސްޓު ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދާ ހިލާފުވާ ހެދުމެއް ކަމަށާއި އެ ފަތުރުވެރިޔާ ހުރި މާފުށީގެ އަތިރިމަތީގައިވެސް އެފަދަ ހެދުން ލައިގެން އުޅުން މަނާކަން އަންގައިދޭ ނިޝާން ހަރުކޮށްފައިވާ ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.