ހަބަރު

މާފުށިން ހައްޔަރުކުރި ފަތުރުވެރިޔާގެ ކިބައިން މަޖިލިސް މާފަށް އެދިއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި ބިޑި އަޅުވާ ހައްޔަރުކުރި ފަތުރުވެރިޔާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު، އެ ފަތުރުވެރިޔާގެ ކިބައިން މާފަށް އެދިވަޑައިގެންނެވީ މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ހާދިސާއަކީ ހިތާމަ ކުރައްވާ ހާދިސާއެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއިން ދައުވަތު އަރުއްވާ ކަމަށެވެ. ހިނގައިގެން ދިޔަ ކަމާމެދު ހިތާމަކުރައްވައި މާފަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ހާލަތަށް އެކަން ދާން ޖެހުނު ސަބަބު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ތަފްސީލްކޮށް ދެއްވާފައިވާ ކަމަށެވެ.

ފަތުރުވެރިޔާ އަލުން ރާއްޖެއަށް އައުމަށް ރައީސް ނަޝީދު ދައުވަތު ދެއްވާފައިވާއިރު އެކަމަކީ ރާއްޖޭގެ ނަން ކިލަނބުވެގެންދާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ޓްވީޓް ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ޒުވާން އަންހެން ފަތުރުވެރިޔާ، ފުލުހުން ހައްޔަރުކުރީ މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރީ ގަދަކަމުންނެވެ.

އެކަން ކޮށްފައިވަނީ ގޯސް ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ސަލާމަތީ ނަޒަރަކުން ބަލައި އެކަން ހިނގައިދިޔަ ގޮތް މާ ގޯސް ކަމަށް ބުނެވެން ނެތް ކަމަށެވެ. އެކަމަކު އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވުނީސް ކަމަށް މިނިސްޓަރު ވެސް ވިދާޅުވި އެވެ.

އަންހެން ފަތުރުވެރިޔާގެ އަމަލު ހުރި ގޮތުން މާފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު ނުރުހުމެއް އޮތެވެ. އޭނާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި އޭނާއާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ފިރިހެން މީހާ މާރާމާރީ ހިންގި ކަމަށް ވެސްވެ އެވެ.

މާފުށީ ފުލުހުންގެ ސްޓޭޝަނުގައި އިރުކޮޅަކު ފަތުރުވެރިޔާ ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލި އެވެ. ރާއްޖެއިން އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ޖެހިގެން އައި ދުވަހު އޭނާ ފުރައިގެން ވެސް ހިނގައްޖެ އެވެ.