އަހުމަދު ޝިޔާމް

"ޔާމީން ޖަލުގައި ހުންނެވީ ރައީސްގެ ނުފޫޒުން"

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒުން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ނައިފަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ބޭއިންސާފު ހުކުމެއް ކަމަށާ އެއީ ނުފޫޒުގައި ޖެހިގެން އިއްވާފައިވާ ހުކުމެއް ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް އިއްވި ހުކުމަކީ ހަމައެކަނި ފަނޑިޔާރު ނިންމެވި ނިންމެވުމެއް ނޫން ކަމަށާ ޔާމީން ޖަލުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒުން މިއަދު ރައީސް ޔާމީން ޖަލުގައި އެ ހުންނެވީ. އެއީ ކޯޓްތަކުގައި ތިއްބެވި ފަނޑިޔާރުން އެކަނި ނިންމެވި ނިންމެވުމެއް ނޫން. އެ ކޯޓްތަކުގައި ތިއްބެވި ފަނޑިޔާރުން އަޅުގަނޑުމެންނަށް އެކި މަރުހަލާތަކުގައި މި ސަރުކާރުގެ ނުފޫޒު ދިޔަތަން އަޅުގަނޑުމެން ދުށީމު. ރައީސް ޔާމީނާ ދޭތެރޭ ކުރެވުނު ތަހުގީގާއި، އެމަނިކުފާނުގެ މައްޗަށް އުފުލުނު ދައުވާއާމެދު ދިވެހި ރައްޔިތުން މިއަދު އެބަ ސުވާލުތައް އުފައްދާ. އަދި އެއީ ސައްހަ ދައުވާއެއް ނޫންކަން ދިވެހި ރައްޔިތުން މިއަދު އެބަ ޔަގީންކުރޭ."

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ވަން އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.

އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒުން މިއަދު ރައީސް ޔާމީން ޖަލުގައި އެ ހުންނެވީ. އެއީ ކޯޓްތަކުގައި ތިއްބެވި ފަނޑިޔާރުން އެކަނި ނިންމެވި ނިންމެވުމެއް ނޫން. އެ ކޯޓްތަކުގައި ތިއްބެވި ފަނޑިޔާރުން އަޅުގަނޑުމެންނަށް އެކި މަރުހަލާތަކުގައި މި ސަރުކާރުގެ ނުފޫޒު ދިޔަތަން އަޅުގަނޑުމެން ދުށީމު. ރައީސް ޔާމީނާ ދޭތެރޭ ކުރެވުނު ތަހުގީގާއި، އެމަނިކުފާނުގެ މައްޗަށް އުފުލުނު ދައުވާއާމެދު ދިވެހި ރައްޔިތުން މިއަދު އެބަ ސުވާލުތައް އުފައްދާ. އަދި އެއީ ސައްހަ ދައުވާއެއް ނޫންކަން ދިވެހި ރައްޔިތުން މިއަދު އެބަ ޔަގީންކުރޭ
އަހުމަދު ޝިޔާމް | ޕީޕީއެމްގެ ނާއިބް ރައީސް

ކޯޓްތަކަށް މިހާތަނަށް ދުވަހަކުވެސް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަނީ ރައީސް އޮފީހުން ކަމަށް ޝިޔާމް މީގެ ކުރިންވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެކަން ކުރަނީ ކޮން ބައެއްކަންވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ބޭއިންސާފުން ކުރާ ހުކުމްތަކަށްފަހު އެކަންކަން ފަރުޖައްސާލައިގެން ތިބުމުގެ ފުރުސަތު އެ ފަނޑިޔާރުންނަށް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.