ރައީސް އަބްދުﷲ ޔާމީން

ޔާމީން ޖަލުގައި 500 ދުވަސް، އިދިކޮޅުގެ ކަންބޮޑުވުން

Apr 19, 2021
4

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ 500 ދުވަސްވެފައިވާއިރު ސަރުކާރުން އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 500 ދުވަސްވީ މިއަދަށެވެ.

ކަންބޮޑުވުންތައް ފާޅުކޮށް އިިިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވާ އަދި އެމަނިކުފާނުގެ ޕާޓީ ތަޅު އަޅުވައިގެން ސަރުކާރުން ބޭއްވި އިންތިހާބުން ރައީސް ޔާމީންގެ ފިކުރު ނައްތާ ނުލެވޭނެކަން ރައްޔިތުން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ދެމުން ދަނީ އަނިޔާއެއް ކަމަށް ސިފަކޮށް އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

ޕީއެންސީގެ ނާއިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނަށް އެމްޑީޕީ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން ކުރަމުން އަންނަނީ އަނިޔާ ކަމަށާ އެ އަނިޔާއަށް ކަނު ލޮލަކާއި ބީރު ކަންފަތެއް ދިނުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭ އުފަލެއް ކަމުގައި ވާނަމަ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"ސިޔާސީ ކަންކަމުގައި އަތު ނުޖެހޭ ހިސާބަށް ދާން ދޫކޮށް ނުލައްވާނެ ކަމަށް އުންމީދު ކުރަން،" ރައީސް ސޯލިހަށް ޓެގް ކުރައްވާ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ސިޔާމް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރުމުން ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަ ކުރެއްވުނީތޯ ސުވާލު ކުރައްވާފަ އެވެ. އަދި ބަރަކާތްތެރި މި މާތް މަހުގައި އަނިޔާވެރިކަން އިސް ނުކުރަން އޭނާ ގޮވާލެއްވި އެވެ.

"އިންސާނިއްޔަތުކަން އިސް ކުރައްވާ،" ރައީސް ސޯލިހަށް އަމާޒު ކުރައްވާ ޝިޔާމް ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 އިގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 500 ދުވަސް ހަމަވި އިރު އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ އާއި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައި ސިޓީ ލައްވާފަ އެވެ.

މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެދުވަހު ރައީސް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީ ސިޓީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާތީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ގޮތްތަކެއް ނިންމަން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ވެސް ދެރަ ގޮތެއް ނުވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުން ލަސް ކުރާނަމަ މަޑުން ނުތިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ބޮޑު ކާމިޔާބެއް ލިބުނީ ރައީސް ޔާމީން މިނިވަން ކުރުމަށް ރައްޔިތުން ބޭނުންވާތީ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.