އަބްދުއްރަހީމް އަބްދުﷲ

ރައީސް، ރަށްރަށަށް ވަޑައިގަންނަވަނީ އިދިކޮޅު މީހުން ހައްޔަރުކޮށްފައި: އަދުރޭ

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރަށަކަށް ވަޑައިގަތުމުގެ ކުރިން އެރަށެއްގައި ތިބި ހިޔާލުތަފާތުވާހެން ހީވާ މީހުން ހޯދާ ހައްޔަރުކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލުގައި ހުންނެވުމާ ގުޅިގެން އެމަނިކުފާނުގެ ޝަރީއަތް އަވަސް ކޮށްދިނުމަށް ދެންނެވުމަށް ހައިކޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހަށް ތާއީދުނުކުރާ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ސާލިހް ކެމްޕޭން ރަށްރަށަށް ވަޑައިގަންނަވަނީ ބައެއް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވުރެ ގިނައިން ފުލުހުންނާއި ސިފައިން ގޮވައިގެން ކަމަށެވެ.

ރައީސް ސާލިހް އިއްޔެ މ. ދިއްގަރަށް ކުރެއްވި ކެމްޕޭން ދަތުރުފުޅާ ދިމާކޮށް އިދިކޮޅު ސްޕޯޓަރުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކޮބާތޯ ޑިމޮކްރަސީ؟ ކޮބާތޯ ގާނޫނު އަސާސީ؟" ރައީސްއަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހްމާން އިތުރަށް ވިދާޅުވީ ރައީސް ސޯލިހް ކެމްޕޭން ދަތުރުތައް ކުރައްވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ކަމަށެވެ. ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރެއްވި އެވެ. އެގޮތުން ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނެރެނީ ގަދަކަމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތްތަކުގައި ދައުލަތުގެ އިދާރާތަކުން ވަކިން ހާއްސަކޮށް އެތަންތަނުގެ ވެރިން އެއްބާރުލުން ދެއްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.