މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން ގައްދޫ އާއި ފުނަދޫ އަދި މުލި މޮޅުވެއްޖެ އެވެ.
ގދ. އަތޮޅު މުބާރާތުގައި ގައްދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ އަމިއްލަ ރަށުގައި މަޑަވެއްޔާ ވާދަކޮށް 1-0 އިންނެވެ. ގދ. މުބާރާތުގައި މާދަމާ ކުޅޭނީ ތިނަދޫ އާއި ހޯނޑެއްދޫ އެވެ. މި މެޗު ކުޅޭނީ ހޯނޑެއްދޫ އެެވެ. ތިނަދޫ ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އެވެ. މިހެންވެ މާދަމާގެ މެޗަކީ އެ ޓީމަށް ވަރަށް މުހިންމު މެޗެކެވެ.
ށ. އަތޮޅު މުބާރާތުގައި ފުނަދޫ މޮޅުވީ މަޝްހޫރު ފޯކައިދޫ އަތުން 2-1 އިންނެވެ. މ. އަތޮޅު މުބާރާތުގައި ނާލާފުއްޓާއި މުލީ ޓީގެ މެޗު 2-1 އިން ކާމިޔާބުކުރީ މުލީ އެވެ. މި މެޗުގައި ނާލާފުށީގެ މުހައްމަދު ފަޒީލަށް ރަތްކާޑު ވެސް ދެއްކި އެވެ.
މި މުބާރާތުގައި ނ. އަތޮޅުގައި މިއަދު ކުޅުނު މެޗު ކެނދިކުޅުދޫ ކާމިޔާބު ކުރީ އެއަތޮޅު މަނަދޫއާ ވާދަކޮށް 3-1 އިންނެވެ.
ހަފުތާ ބަންދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މިނިވަން50 މުބާރާތަކީ މިގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.