ދިވެހި ޕްރެމިއާ ލީގް

ލީގްގެ ތިންވަނަ ބުރަށް ގަދަ ހަ ޓީމު

ދިވެހި ޕްރިމިއާ ލީގްގެ ތިން ވަނަ ބުރަށް ގަދަ ހަ ޓީމު ގެންދަން ކުލަބުތަކާ މަޝްވަރާ ކުރުމަށް ފަހު އެފްއޭއެމުން ނިންމައިފި އެވެ.

ލީގްގެ ގަވާއިދުގައި ބުނާ ގޮތުން ތިން ވަނަ ބުރަށް ދާނީ އަށް ޓީމެވެ. އެފްއޭއެމުން ކުލަބުތަކުގެ މަޝްވަރާއަށް ދިޔައީ ލީގްގެ ތިން ވަނަ ބުރާ ގުޅޭގޮތުން ކުލަބުތަކުގެ ހިޔާލު ދެކަފި ވުމުންނެވެ. ބައެއް ކުލަބުތަކުން ތާއީދު ކުރީ ދެ ވަނަ ބުރުން ލީގް ނިންމާލުމަށެވެ. ތިން ވަނަ ބުރަށް ދާން އެހެން ކުލަބުތަކުން ބޭނުން ވެއެވެ.

ދެ ވަނަ ބުރުން ލީގް ނިންމާލުމުގެ ހިޔާލު ކުލަބުތަކުން ގެންގުޅުނީ ޓީމުތަކަށް ދިމާވި މާލީ ގޮންޖެހުންތަކުގެ ސަބަބުންނެވެ. ލީގްގެ ދެ ވަނަ ބުރުން ލީގް ނިންމާލަން އިއުތިރާޒް ކުރީ ކުލަބު އީގަލްސްއިންނެވެ. އެހެންވެ ކުލަބުތަކުގެ ހިޔާލު ދެކަފި ވުމުން ތިން ވަނަ ބުރު ކުޅެން ނިންމި އެވެ. މަޝްވަރާ ކުރީ ތިން ވަނަ ބުރުގައި ކުޅޭނެ ޓީމުތަކުގެ އަދަދާ ބެހޭގޮތުންނެވެ.

ލީގްގެ ތިން ވަނަ ބުުރުގައި ވާދަ ކުރާނީ، މިހާރު އެއް ވަނައިގައި މާޒިޔާ، ދެ ވަނައިގައި އޮތް، އީގަލްސް، ތިން ވަނައިގައި އޮތް ޓީސީ، ހަތަރު ވަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓް، ފަސް ވަނައިގައި އޮތް ގްރާންޑޭ ސްޕޯޓްސް ކުލަބު އަދި ހަ ވަނައިގައި އޮތް ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބެވެ. މިހާރު ލީގްގައި އޮތް ކުލަބުތަކުގެ ތެރެއިން ދެ ވަނަ ބުރާ ހަމައިން މުބާރާތް ނިމިފައި ވަނީ ހަތް ވަނަ އާ އަށް ވަނައިގައި އޮތް ޔުނައިޓަޑް ވިކްޓަރީ އަދި ފ. ނިލަންދޫ ސްޕޯޓްސް ކުލަބަށެވެ.

ދެ ވަނަ ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ކުލަބު އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.