ކުއްލިއަކަށް އަރި އަޅައިލިއެވެ. އަހަންނަށް ހިފައި ލެވުނީ މަގުގެ އެއްފަރާތުގައި ހުރި ހޮޅި ދަނޑިއެއްގައެވެ. ނޫން ގޮތަކަށް ބަލައިލެވުނީ ކުރި މައްޗަށެވެ. ދަތްކުނޑި ވިކައިލެވުނެވެ. ދެ ބުމަ ކައިރި ކޮށްލަމުންނެވެ. މޫނަށް ގޮތެއް ހަދައިލެވުނީ ބޭއިޚްތިޔާރުގަ އެވެ. ފޫހިވެގެން އަވަދި ވާވަރު ވިއެވެ. ތުންފަތް ދެ ފަރާތަކަށް އަނބުރައިލެވުނީ ވެސް އެހެން ވީމައެވެ.
ދެއަތުގެ ހުދުހަން ޖޯޑުކޮށްގެން އަހަންނަށް ބަލަން ހުރީ މުޑުދާރު ގޮތަކަށް ހުރި މީހެކެވެ. އެމީހާގެ ބޮލުގެ އިސްތަށިގަނޑު ހުރީ ހޭވިފަ އެވެ. ކިސުޅިވެފަ އެވެ. ކަޅު އިސްތަށްޓަށް ވުރެ ގިނައީ ހުދު އިސްތަށްޓެވެ. މަތިމަހާއި ތުނބުޅީގައި ވެސް ގިނައީ ހުދުވަމުންދާ އިސްތަށްޓެވެ. ތުނބުޅީގެ އިސްތަށިތައް ވެސް ހުރީ ކިސުޅިވެ ހަރުވެފަ އެވެ. ބޮލާއި މޫނުގައި ވެސް މީން ދުވަހަކު ފެން ފޮދެއް ޖައްސައިފައި ހުރިހެން ހިޔެއް ނުވެއެވެ. މޫނުގެ ހަންގަނޑު ވެސް ވަނީ ކަޅުވެފަ އެވެ. ކިލާވެފަ އެވެ. ދެ އަތުގެ ހުދުހަން ވެސް ފެންނަނީ އެ ކުލައިގަ އެވެ. ނިޔަރޮދިތަކާއި ނިޔަފަތި ދަށް ވެސް ހުރީ ކަޅުވެފަ އެވެ.
އަހަންނަށް ބަލައިލެވުނީ އެމީހާގެ ހުޅުވިފައިވާ އަނގަ އަށެވެ. މަތީ ދަތްޕިލައިގެ މެދު ދަތުން ފެންނަނީ އެއް ބުރިއެވެ. ދަތްޕިލަ ފެންނަނީ ރީނދޫކުލައިގަ އެވެ. އޭނާގެ ދެ ތުންފަތް ވަނީ ހިކިފަ އެވެ. ތިރީ ތުންފަތުގައި ހަންފޮޅިފައި ހުއްޓެވެ. ބައެއް ތަންތަނުން ހަންނެއްޓިފައި ވެސް ހުއްޓެވެ. ހަން ނެއްޓިފައި ހުރި ތަންތަނުން ލޭ ހިލިހިލި ހުއްޓެވެ.
އަހަންނަށް ހިންދިރުވާ ލެވުނެވެ. ނޭފަތާއެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެމީހާ ބަލަން ހުރީ ސީދާ އަހަންނަށެވެ. އަހަރެންގެ މޫނަށެވެ. އަހަންނަށް ވެސް ބަލައިލެވުނީ އެމީހާގެ މޫނަށެވެ. އޭނާގެ ލޮލަށެވެ. އެއީ ސާފު ރީތި ދެ ލޮލެވެ. ކޮންމެ ވެސް ތަނަކުން އެ ދެ ލޯ ފެނުނު ހަނދާނެއް ވެސް ވިއެވެ. އެމީހާގެ ދެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. ހިތްދަތި ގޮތަކަށް އޭނާ ހިންދިރުވައިލިއެވެ. ލަސްލަހުން ތުންފަތް ހަރަކާތްކޮށްލިއެވެ.
"ޒުނޭ." ހައިރާން ކަމާއެކު އެމީހާ އަހަންނާ ދިމާއަށް ބަލަން ހުރެ ބުނެލި އެވެ.
"އޭތް ކޮރޭ. މިހާރު މަގު ހިނގާ މީހުންނާ ވެސް ފޮށެއް ފެށީތަ؟ ހަމަ މިހާރު ރައްކާވާން އުޅޭ." ޒިޔާދު ރުޅި އައިސްގެން ޖަހަން ހިއްލައިލި އަތުގައި ހިފީ އަހަރެންނެވެ.
ކުއްލިއަކަށް އެމީހާ ފަހަތަށް ޖެހިލި އެވެ. ޒާތެއްގެ ކޮރެއް ޖަހަމުން އޭނާ ހިނގައިގަތެވެ. އަވަސް ހިނގުމެއްގަ އެވެ. އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދި ބަންޑުންވަމުން ދިޔަ އެވެ. އަނެއްކާ ވެސް ބަލައިލެވުނީ އެމީހާ އަށެވެ. އޭރު އޭނާ ޖެހިގެން އޮތް ގޯޅިއަށް އަޅަނީ އެވެ. ގޯޅިއެޅުމުގެ ކުރީން ފަސްއެނބުރި ބަލައިލިއެވެ. އަހަންނާ ދިމާ އަށެވެ. އަހަންނަށް ހުރެވުނީ ބަލާށެވެ.
"ސަހާ؟" ޒިޔާދު އަހަރެން މޫނަށް ޗޮކެއް ކަނޑައިލުމުން ސިހިފައި ބަލައިލެވުނެވެ.
"އެ ކާކުތަ؟" ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ ޒިޔާދުގެ މޫނަށެވެ.
"އެއީ މިތާ މާރުކޭޓު ކައިރީ އުޅޭ ބައިގަނޑެއްނު. އެއީ އެތަނަށް މަޝްހޫރު ކޮރޭ! ކޮރު ހަބީބު،" ޒިޔާދު އަހަރެންގެ އަތުގައި ހިފިއެވެ. "އޭނާ ސަހާ ގައިގަ ހަމަ ޖެހިގަތީ ގަސްތުގައޭ. ރީތި ކުއްޖެއް ފެނިއްޖެއްޔާ އެ މީސް މީހުން އުޅޭ ވައްތަރު އެ ހުންނަނީ. ކޮންމެ ވެސް މީހަކު ވެއްޖެއްނު އެ ބައިގަނޑު އެތަނުން ނަގަން."
އަހަންނަށް ވަށައިގެން ބަލައިލެވުނެވެ. މަގުގެ ހަލަބޮލިކަން އިތުރުވަމުން ދިޔައެވެ. ބައެއް މީހުން މަންޒަރު ބަލަން ތިބިތަން އަހަންނަށް ފެނުނެވެ. ޒިޔާދު ވާހަކަދެއްކީ ބާރުބާރަށެވެ.
"ޒިޔާދޫ." އަހަންނަށް ނޫން ގޮތަކަށް ބުނެލެވުނެވެ.
"ރުޅިއަންނާނެދޯ. ކޮރޭއަކަސް، ބޮރޭއަކަސް ނުޖެހޭނެ ސަހާގައިގަ ލެޑިގަންނާނަކަށް،" ޒިޔާދުގެ ރަސްމީ ރާގު އަޅުވާލަމުން އޮފީހަށް ވަންނަން ހިނގައިގަތެވެ. "ސަހާ ހުންނާނެ މާ އިމޯޝަނަލްވެފަ އެ ކަހަލަ މީހެއްވީމަ. ދެން ދުވަހަކުން ފުންމާލާނީ ބޮލަށް ކަމެއް ނޭނގެ. ސަހާއަކަށް ނޭނގޭނެ، އެއީ ގައިބޮލުން ތާހިރު ނުވާ ގޮލައެއް. ކޮރޭއަކަށް ނުޖެހޭނެ އަހަރުމެން އޮފީހަށް އަންނަ މީހުންގެ ގައިގަ ލެޑިގަންނާކަށް."
"ޒިޔާދު ތި ދަނީ މާ މައްޗަށް. އެވެސް އިންސާނުން. އެވެސް އަހަރުމެން ކަހަލަ ބައެއް. މާދަމާ ނޫންކަމެއް ނޭނގެ އެ ފަދަ ހާލެއް ޒިޔާދަށް ވެސް ޖެހޭނީ،" އަހަރެން ހިތްހަމަ ނުޖެހިގެން ހުއްޓުނީމެވެ. "އެމީހާ ޖެހުނީ އަހަރެންގެ ވެސް ކުށުން. އަހަންނަށް ބަލައި ނުލެވި އެނބުރިލެވުނީ. އެހެން ނޫނަސް އެމީހާ ޖެހުނީ ވެސް ޒިޔާދުގެ ގަޔަކު ވެސް ނޫން. ދެން ޒިޔާދަށް ކޮންކަމެއް؟"
ޒިޔާދު ހައިރާން ކަމާއެކު އަހަންނާ ދިމާ ބަލައިލިއެވެ. އަހަންނަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. އޭރު އޮފީހުގެ އިސްތިގުބާލު ކުރިމަތީގައި އޮފީހުގެ ދެތިން މުވައްޒަފުން ތިއްބެވެ. ފާޑަކަށް ބަލާށެވެ. ލާނެތް ގޮތަކަށް ހިނިތުން ވެގެންނެވެ.
"ބޮޑު ދުވަހަކީތަ؟" ހަސަން މަންޒަރު ބަލަން ހުރެ ޒިޔާދާ ދިމާކޮށްލިއެވެ. "ނުބައި ކޮޅަކުން އިރު އެރީތަ؟"
"ގައިމު އިއްޔެ ބުނީ ދެމީހުން ޚިޔާލު އެއްގޮތޭ. މައްސަލަ ނުޖެހެޔޭ. އަވަހަށް އިންނަންވީއޭ،" ޒަރީރު ވެސް ހަސަންގެ ވާހަކައިގައި ބައިވެރިވިއެވެ. "ޔަގީނުން ވެސް މަށެއް އެސްފީނާއެއް ނުލަން."
"ކިހިނެއްތަވީ؟" ހަސަން އަނެއްކާ ވެސް އަހައިލިއެވެ.
"ނޭނގެ. ކޮރޭ ގާތު އަހައިބަލަ. އެ ކާކުތަ؟" ޒިޔާދު ގާތަށް ރުޅި އައިސްގެން އެތެރެއަށް ހިނގައިގަތެވެ.
އަހަންނަށް ހުރެވުނީ މަންޒަރު ބަލާށެވެ. އޭރު ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވަމުން ދިޔައެވެ. ހަސަންއާއި ޒަރީރު ވެސް ޒިޔާދުގެ ފަހަތުން އެތެރެއަށް ވަނެވެ. އަހަންނަށް ހުރެވުނީއެވެ. އޮފީހަށް ވަނުމުގެ ކުރީން އަހަންނަށް ބަލައިލެވުނީ މަގާދިމާއަށެވެ. އޮފީހުގެ ދޮރާ ދިމާގައި މަންޒަރު ބަލަން ހަބީބު ހުރިތަން ފެނުނެވެ. ބަދަލުގައި އަހަންނަށް ލުއިގޮތަކަށް ހިނިތުންވެލީމެވެ.
"ލައީ، އެ ކާކުތަ؟" ހެނދުނު ސަޔަށް ބޭރަށް ނިކުތް އިރަށް ހަބީބު ފެނުމުން ލައިޝާ ގާތު އަހައިލެވުނެވެ.
"ކޮބައިތަ؟" ލައިޝާ ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ.
"ފިހާރަ ކަންމަތީ އެ ހުރީ،" އަހަރެން ނިތުން އިޝާރާތް ކޮށްލީމެވެ. "ޒިޔާދު ރުޅި އައީ އެމީހާ އަހަރެން ގައިގަ ޖެހުނީމަ."
"ކޮންމެ ވެސް ކޮރޭއެކޭ ކިޔެއްނު،" ލައިޝާ ބަލައިލީ ހަބީބާ ދިމާއަށެވެ. "ކިހިނެއްވީ؟"
"ނޭނގެ އަހަރެން ބޭނުން އެ ކާކުތޯ ބަލަން. އަހަރެން ގައިގަ ލައިގަތީން ސުރެ އެމީހާ އަހަންނާ ދިމާއަށް ފާޑަކަށް ބަލާކަން ފާހަގަ ކުރެވޭ. މިހާރު ވެސް އެހުރީ އަހަންނާ ދިމާއަށް ބަލާށެއްނު." މަގުގެ އެއްފަރާތުން އަހަރެން ލައިޝާއާ އެކު ހިނގައި ގަތީމެވެ.
"ހިނގައިބަލަ ގޮސް އަހައިލަން ކީއްވެހޭ މާ ވަރަކަށް ތި ބަލަނީ؟" ލައިޝާ ޚިޔާލެއް ދިނެވެ. "އަޅައި ގަތީހޭ؟ ނޫނީ ދަންނަ މީހަކާ ވައްތަރު ގޮތެއް ހުރީހޭ؟"
"ނޯ. މީހަކަށް ފެނިދާނެ. ފެންނަ އިރަށް ޒިޔާދަށް ރިޕޯޓުދާނެ. ޒިޔާދު އެ ހުންނަނީ ނަރުގަނޑުގަ. އެ ދުވަހުވީ ކަންތަކާ ހުރެ އަދި ވެސް މައިތިރި ނުވެ އެ ހުންނަނީ. ޒިޔާދަށް އަހަރުމެން އެމީހާ ގާތަށް ގޮސްތިއްބާ ފެނިއްޖެއްޔާ އެމީހާ ފަކީރަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ."
ދޭތެރެދޭތެރެއިން އަހަންނަށް ބަލައިލެވެނީ ފިހާރަ ކަން މައްޗަށެވެ. ބަލައިލާ ކޮންމެ ފަހަރަކު ވެސް ފާހަގަވާ އެއްކަމެއް އޮވެއެވެ. ހަބީބު ކަޅި ޖަހައި ނުލައި އަހަންނާ ދިމާއަށް ބަލާކަމެވެ. ހަބީބު ފަސްދީ ދަމުން އަހަރެން އޭނާގެ ބަލައިލީމެވެ. އޭނާ ތުންފަތް ހަރަކާތްކޮށްލި މަންޒަރު އަހަރެން ދުށީމެވެ.
"ސޮރީ." ހަބީބުގެ ތުންފަތުގެ ހަރަކާތް ކިޔައިލީ އަހަރެންގެ ބަހުރުވައިންނެވެ.
ބަދަލުގައި އަހަރެން ހިނިތުންވެލަމުން ދެ ފަރާތަށް ބޯ ހޫރައިލީމެވެ. އަހަރެންގެ ހަރަކާތް ހަބީބަށް ރަނގަޅަށް ތަރުޖަމާ ކުރެވުނު ކަމަށް ގަބޫލުކުރެވުނެވެ. އޭނާ ހިނިތުންވެލިއެވެ. ލައިޝާ ހުއްޓުނެވެ. އޭނާގެ މޫނުމަތިން ނުތަނަވަސް ކަން ފާޅުވަމުން ދިޔައެވެ.
"ޒިޔާދު!" ލައިޝާ ލަސްލަހުން ބުނެލިއެވެ.
އަހަންނަށް ބަލައިލެވުނީ އޮފީހާ ދިމާއަށެވެ. އޭރު ޒިޔާދު އަހަރުމެންނާ ދިމާ ބަލަން ހުރި ތަން ފެނުނެވެ.
"ހުރިހާ އިރު ޒިޔާދު ހުރީ ބަލަން. އޭނާ އެހުރީ ދަތްކުނޑިވިކަވިކާ." ލައިޝާ ބަލައިލީ އަހަންނާ ދިމާއަށެވެ.
"އަޅައިނުލާ، ހިނގާދަމާ." އަހަރުމެން މިސްރާބު ޖެހީ ރެސްޓޯރެންޓާ ދިމާއަށެވެ.
***
"އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް،" ދެއަތުން ފޯނު ކިރަމުން، ކަންފަތަށް ހެޑުސެޓު ޖަހައިގެން އަހަރެން ހިނގަމުން ދިޔައީ މަޖީދީ މަގުންނެވެ. "މަންމަ ވެސް ޖެހޭނެ އަންނަން. ގުރެޖުއޭޝަން އޮތީ މި ހޮނިހިރު ދުވަހު. އަހަންނަށް މިހާ ހިސާބަށް މި އާދެވުނީ މަންމަގެ ހިތްވަރުން. ނަސީބު ރަނގަޅު ކަމުން ކޯސް ނިންމި އިރަށް ވަޒީފާ ވެސް ލިބުނީތާ ދޯ."
އަހަރެން ވާހަކަދައްކަމުން ދިޔައީ މަންމައާއެވެ. އޮފީސް މެނޭޖުމަންޓް ދާއިރާއިން ޑިގުރީ ނިންމީ ޖޫން މަހުގައެވެ. ކޯހުގެ ދަސްވެނިވުން އޮތީ މި މަހުއެވެ. ގައުނާއެކު އަހަރެން ފުރިހަމަ ވާނީ މަންމަ އަހަރެންގެ ފަހަތުގައި ހުރެގެންނެވެ. މިއީ އެންމެ ކުޑަ އިރުންސުރެ ކުރަހަމުން ދިޔަ ޚިޔާލީ ތަސްވީރެވެ. އެކަން ކާމިޔާބުވާން އުޅެނީއެވެ. އެކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ.
"ގައުނުލާނީ އަހަރެން. ސަނަދު ވެސް އަހަންނަށް. އެކަމަކު މަންމައަށް އޮންނާނީ ތޮފި. މަންމަ ހުންނަން ޖެހޭނީ ތޮފި އަޅައިގެން އަހަރެންގެ ފަހަތުގައި." ދަސްވެނިވުމަށް ފަހު ހަނދާނީ ފޮޓޯ ކުރަހައިލަން ބޭނުންވި ގޮތް މަންމައަށް ކިޔައިދިނީ މަންމަގެ މުހިއްމު ކަން ވެސް ވިސްނައިދޭށެވެ.
މަންމަ މާލެ ގެނައުން އެއީ އަނެއް ހަ ކަންތަކެވެ. މާލެއަށް މަންމަ އަރުވަން ޖެހޭނީ ގަދަ ކަމުންނެވެ. މާލެ އަޔަސް މަގުމައްޗަށް ނުކުތުމީ މަންމައަށް އަޒާބެއް ކަހަލަ ކަމެކެވެ. އަމުދުން ފައި މަގުގައި ހިނގައި އުޅުމަކީ މަންމައަށް ވޭނެކެވެ. މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުން ހިނގައިލައިފި ނަމަ އެރޭ ހަތަރު ދަމު މަންމަ އުޅޭނީ ނުނިދައެވެ. ވާގޮތެއް ނޭނގޭނެއެވެ. ގައިން ހޫނު ނަގައިފާނެއެވެ. ބޮލުގައި ރިއްސަފާނެއެވެ. ހޮޑުލެވިދާނެއެވެ. ފުއްކިބައަށް ތަދުވެދާނެއެވެ. އެންމެފަހުން ޑޮކުޓަރަށް ދައްކާ ޓެސްޓު ހެދުމުން އެއްވެސް ކަމެއް ނުފެންނާނެއެވެ. ނަފުސާނީ ޑޮކުޓަރަކަށް ދައްކަން ބުނާއިރަށް އެކަމާ ދެކޮޅު ހަދާނެއެވެ. އެއީ އެކަމުގެ ފަރުވާއެވެ. މަންމަ މާލެ ގެނައި ފަސް ފަހަރު ވެސް ކުޅެން ޖެހުނީ އެއް ޑުރާމާއެކެވެ.
ތޮއްޖެހިފައިވާ މާލޭގެ މަޖީދީމަގަށް ނުނެރެ މީހަކު މާލޭގައި ގެން ގުޅޭނީ ކިހިނެއް ހެއްޔެވެ؟ ބޮޑުތަކުރުފާނު މަގު ނުފެންނަ ގޮތަށް މާލެއަށް އަރުވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ދެން އަރަތެއް ކަހަލަ ކަމެއް ނޫން ހެއްޔެވެ؟
"މަންމާ މިހާރު ދެން ހާސްވާކަށް ވެސް ނުޖެހޭނެއެއްނު،" ހިނިތުންވެލަމުން އަހަރެން ބުނެލީމެވެ. "މިހާރު ޖެހޭނީ ފްލައިޓުން ފައިބައިގެން ކާރަށް އަރަން. މިހާރު މާލެ އަންނާނީ ކާރުގަ. މަންމަގެ ކަންބޮޑުވުމަށް ވެސް ހައްލެއް ލިބުނީނު. ދެން ދެކޮޅު ހަދަން ބަހަނާ ނުދައްކާތި! މަންމައަކީ އަހަރެންގެ ހުރިހާ ވެސް މީހަކީ. އަހަރެންގެ އުފަލުގައި މަންމަ ބައިވެރި ނުކޮށް ދެން ކާކު ބައިވެރި ކުރާނީ؟"
"އަޑުއެހިން ފްލައިޓުން ފައިބައިގެން ދެ ގަޑި ތިންގަޑި އިރުވާ އިރު ވެސް ތިޔަ ބުނާ ކާރެއް ނުލިބޭ ވާހަކަ."
މަންމަ އަނެއްކާ އަނެއް ބަހަނާ ދައްކަން ފެށިއެވެ.
"މަންމާ! ބާރުބޮޑު ދުވަހެއްގަ އެހެން ވެދާނެ. އެ ދެން އަބަދު ވާކަންކަމެއް ނޫނެއްނު." އަހަރެން ބެލީ މަންމައަށް ވިސްނައިދެވޭތޯއެވެ.
ލައްކަ ވާހަކަދައްކައިގެން މަންމަގެ ފަރާތުން އާނ ބަސް ހޯދުނެވެ. އޭރު ގެއަށް އާދެވެނީއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދުވާރު މައްޗަށް ވެއްޓިފައި އޮތް މީހެކެވެ. މަގުގެ ދެ ފަރާތުން ހިނގާ މީހުން ފާޑަށް ބަލައިލައިފަ ދަނީއެވެ. އެމީހާ އޮތް ގޮތުން ކަމަށް ވެސް ވެދާނެއެވެ. އެމީހާ ނިދައިފައި އޮންނަ މީހަކު އޮންނަ ހެންނެވެ. ބަންޑުން ކުރުގެޅިގެންނެވެ. މޫނު ފެންނަވަރު ވަނީ ކިރިޔާއެވެ. ގައިދަށުގައި ކަރުދާސް ފޮށިގަނޑެއް ވެސް އޮތެވެ. އެމީހާއާ ކައިރިއަށް ޖެހިލެވުނެވެ. ކޮންމެ ވެސް ތަނަކުން ފެނުނު މީހަކާ ވައްތަރު ވީމައެވެ. ސިކުނޑީގެ ތެރޭގައި މަންޒަރުތަކެއް އުދުހެމުން ދިޔައެވެ. ކުއްލިއަކަށް ހަނދާނަށް އައީ ކުރިން ދުވަހު އޮފީހަށް ވަންނަނިކޮށް ގައިގައި ލައިގަތް މީހާ ލައިގެން ހުރި ގަދަ ނޫކުލައިގެ ގޮޅި ޖެހި ގަމީހެވެ. ވެއްޓިފައި އޮތް މީހާގެ ގައިގައި ވެސް އޮތީ އެ ކުލައިގެ ގަމީހެކެވެ. އެކަހަލަ ގަމީހެކެވެ. އަހަންނަށް ޝައްކުވާން ފެށިއެވެ. އަވަސްއަވަހަށް އެމީހާ ގާތަށް ތިރިވެވުނެވެ. އެއީ ހަމަ އޭނާއެވެ. އެމީހާއެވެ. އެއީ ހަބީބެވެ. އޭރު ދެތިން މީހުން އަހަރެންގެ ގާތުގައި ތިބިހެން ހީވިއެވެ. އަހަރެން މަޑުމަޑުން އެމީހާގެ ނޭފަތާ ދިމާއަށް އިނގިލި ގެންދިޔައީމެވެ.
"ކިހިނެއްވީ؟" އަހަންނާ ބައިވެރިވީ ޒުވާނެކެވެ.
"ނޭނގެ." އަހަންނަށް ބަލައިލެވުނީ އެ ޒުވާނާގެ މޫނަށެވެ.
"ނޭވާ ނުލައި. އެކަމު ވިންދު އެބަހުރި،" ހައިރާން ކަމާއެކު އެ ޒުވާނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. "ދަންނަ މީހެއްތަ؟"
"ފެންނަ މީހެއް. މަގުމަތީ އުޅޭ،" އަހަރެންގެ ނޭވާ އަވަސްވަމުން ދިޔައެވެ. "ހިޔެއް ނުވޭ އަޅައިލާނެ މީހަކު ހުރިހެންނެއް."
"އެހެންވީމަ ހިނގާ ހޮސްޕިޓަލަށް ގެންދަމާ." އޭނާ އެންބިއުލަންސަށް ގުޅިއެވެ.
"އަހަރެން ވެސް ދާނަން." ގެއަށް ދިޔުމުގެ ބަދަލުގައި އަހަރެން ބޭނުންވީ އެމީހާއަށް އެހީވާށެވެ.
"އަހަންނަށް ކިޔަނީ ޝިފާން،" ޝިފާން ސަލާމަށް އަތްދިއްކޮށްލީ ހޮސްޕިޓަލުގެ އެމަޖަންސީ ބަޔަށް ހަބީބު ވެއްދުމުންނެވެ. "އަން؟"
ޝިފާން ދިއްކޮށްލީ ބޮޑު ސިޓީ އުރައެކެވެ.
"މި؟" ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ ޝިފާނުގެ މޫނަށެވެ.
"ނޭނގެ. އަހަންނަށް ވެސް ދިނީ އެންބިއުލަންސްގައި އިން މީހާ. ބުނީ ހަބީބުގެ އަތުން ވެއްޓުނު އެއްޗެކޭ،" ޝިފާން ކިޔައިދިނެވެ. "ބަލައިބަލަ."
"ބަލަންވާނެތަ؟" އަހަންނަށް ބަލައިލެވުނީ ޝިފާނުގެ މޫނަށެވެ. "އަހަރުމެން މީ ހަބީބާ ގުޅުން ހުރި ބަޔެއް ވެސް ނޫނެއްނު؟"
"މައްސަލައެއް ނޫން ކަންނޭނގެ."
އިމަޖަންސީ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަހަރުމެންނަށް އެކުގައި ގޮނޑިން ތެދުވެވުނެވެ. ޑޮކުޓަރު ފެނުމުން ޑޮކުޓަރާ ދިމާއަށް ހިނގައިގަތީމެވެ. ޑޮކުޓަރު ބަލައިލީ އަހަރުމެންގެ މޫނަށް ވަކިވަކީންނެވެ.
"ކޮބާ ބަލިމީހާގެ އެހީތެރިޔާ؟"
ޝިފާން ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަންނަށް ބަލައިލެވުނީ ޝިފާންގެ މޫނަށެވެ.
"ކިހިނެއްތޯވީ؟" ޝިފާން ފުން ނަޒަރަކުން އަހަންނާ ދިމާއަށް ބަލައިލިއެވެ.
"މި ވަގުތު އިތުރު ޓެސްޓުތަކެއް ހަދަން ބޭނުންވޭ. އޮބްޒަވޭޝަންގަ ގަޑިއެއްހާއިރު ބާއްވަން ޖެހޭ. ޓެސްޓުތަކުގެ ނަތީޖާ ލިބުނީމަ އެއްޗެކޭ ބުނަން އެނގޭނީ." ޑޮކުޓަރު ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ.
"މާ ސީރިއަސް ތޯ؟" އަހަންނަށް އަހައިލެވުނެވެ.
"އަދި އެއްޗެކޭ ބުނަން އަވަސް." ޑޮކުޓަރު ހިނިތުންވެލިއެވެ.
"އަޅުގަނޑުމެން ދަންނަ މީހެއް ނޫން ހަބީބަކީ. މަގުމަތީ އުޅޭ ނިކަމެއްޗެއް. އެހެންވީމަ އަޅުގަނޑުމެންނަކަށް ނޭނގޭ މާގިނަ މައުލޫމާތެއް ވެސް،" ޝިފާން ޑޮކުޓަރަށް އޮޅުން ފިލުވައިދިނެވެ. "ހަބީބާ ހަވާލުވާނެ މީހަކު ވަންދެން އަޅުގަނޑުމެންނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން ދޯ."
އަހަރެން ވެސް ޝިފާންގެ ވާހަކައާ އެއްބަސްވީމެވެ. އިންސާނިއްޔަތަށް ޓަކައެވެ. މީހަކަށް އެހީތެރިވެގެން ގެއްލުމެއް ނުލިބޭނެތީއެވެ. މިކަހަލަ ފުރުސަތެއް އަބަދު ނުލިބޭނެތީއެވެ.
"އެންމެ ރަނގަޅު. އަންގަންވީ ފަރާތްތަކަށް ހޮސްޕިޓަލުގެ ފަރާތުން އަންގާނަން. އެކަމު އިހަށް މަޑުކޮށްލަ ދެއްވާތި؟" ޑޮކުޓަރު ބަލައިލީ ސީދާ އަހަންނަށެވެ. "އިރުކޮޅަކުން ކޮންމެވެސް އެކަކަށް ވަދެވޭނެ."
ޑޮކުޓަރު ހިނިތުންވެލިއެވެ. ބަދަލުގައި އަހަރެން ވެސް ހިނިތުންވެލީމެވެ. އަހަންނަށް ބަލައިލެވުނީ ޝިފާން އަށެވެ. ލުއި ގޮތަކަށް ހިނިތުންވެލައިގެން ޝިފާނު އިނެވެ.
"އަހަރެންތަ ވަންނަންވީ ނޫނީ...؟" އަހަރެންގެ އަތްފައި ފިނިވާން ފެށިއެވެ.
"މައްސަލައެއް ނެތް. އެކަމު އަހަންނަށް ހީވަނީ ސަހާ ކަންނޭނގެ ވަންނަން ވާނީ." ޝިފާން ނިތް އަރުވައިލިއެވެ.
ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ ޝިފާން އަށެވެ. ސަބަބަކީ ކޮބައިހޭ އަހައިފަދަ ބީދައަކުންނެވެ.
"ތި ކަހަލަ ރީތި ކުއްޖެއް ފެނުނީމަ ބަލި މީހުންނަށް އެ ވާނީ ވަރަށް ބޮޑު ޝިފާއަކަށް." ޝިފާން ކަޅި ޖަހައި ނުލައި ބަލަން އިނީ އަހަރެންގެ މޫނަށެވެ.
އަހަރެން ލަދުން ރަކިވާ ގޮތްވިއެވެ. ލާނެތް ގޮތަކަށް ހެވިފައި އަމިއްލަ ތުންފަތުގައި ދަތް ވެސް އަޅައިލެވުނެވެ. އެފަދަ ތައުރީފެއް އަޑު އިވުނީ އަދި އަލަށެވެ.
"ހީކޮށްފާނެ އަހަރެން ހަމަ ހައްދަނީއޭ ވެސް. މި ބުނީ ވަރަށް ފަލްސަފީ ވާހަކައެއް. ބައެއް ކަހަލަ ބަލިތަކުގެ ޝިފާއެއްގެ ގޮތުގައި އާދަޔާ ހިލާފު ރީތި މީހުންނާއި، ރީތި ތަންތަން ލައްވާފައި ވަނީ." ޝިފާން ސީދާ އަހަރެންގެ ލޮލަށް ބަލައިލިއެވެ.
"އަހަރެން އެ ވަރުތަ؟" ހިތުގައި އޮތް ވާހަކަ ތުންފަތާ ހަމައިން ބޭރުވީ ނޭނގި އިންދައެވެ. (ނުނިމޭ)